އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް އީދު ތަހުނިޔާ ފޮނުއްވައިފި

އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
އަޟުހާ އީދުގެ ރޫޙުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، މި އުފާވެރި މުނާސަބަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ޝުކުރުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމަށް ހިތްވަރު ލިބިގެންދާނެ ވަގުތެއް ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ހައްޖުވެރިންނަށް މަބްރޫރް ހައްޖަކަށް އެދިވަޑައިގެން ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގެން، އިލާހީ ދަރުމަ ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައި ވެއެވެ.
އިސްލާމީ ގައުމުތަކުގެ ވެރިންނަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުތައް ނިންމަވާލައްވަމުން، ރައީސް ވަނީ، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި، އިތުރު ފަހި ފުރުސަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިއުމަތް، މާތް الله މިންވަރުކުރެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ