އެމްޑީޕީގެ ސިލްސިލާ މުޒާހަރާތައް ވަރުގަދަވެ، ފުލުހުންގެ ހުރަސްތައް ވެސް ވަރުގަދަކޮށްފި

ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވަލައި، ސަރުކާރާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ފެށި ސިލްސިލާ މުޒާހަރާތައް ވަރުގަދަވެ، އެ އިޖްތިޖާޖުތަކަށް ފުލުހުންގެ ހުރަސް އެޅުންތައް ވެސް އިތުރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަޖިލިސް މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އެއް ދުވަސް ތެރޭ ގާނޫނުއަސާސީ އިސްލާހުކޮށް އަދި އޭގެ ފަހުން ސަރުކާރުން އަމަލުތައް ހުރި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެމްޑީޕީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފެށީ، މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ފަހުން، ކޮްންމެ ރެއަކަކު ވެސް 10ގެ ފަހުން އެމްޑީޕީން ދަނީ މުޒާހަރާތައް ކުރަމުންނެވެ.
ތަފްސީލު - މި މުޒާހަރާތައް ކޮންޓްރޯލް ކުުރުމަށް މިހާރު ގިނަ އަދަދެއްގެ ފުލުހުން ނެރެ، އެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން އަންނަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އެގޮތުން:
މުޒާހަަރާގެ ފުރަތަމަ ދުވަހު ފުލުހުން މާ ބޮޑު ހުރަސް އެޅުންތަކެއް އަޅާފައި ނުވޭ
ނަމަވެސް ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާއަށް ފުރުސަތު ނުދިނުމުގެ ގޮތުން ފުލުހުން ވަނީ މުޒާހަރާތައް ފަށާ، އެމްޑީޕީގެ ދަނޑިކޮށި ހަރުގެ ސަރަހައްދު ބެރިކޭޑުޖަހައި އެއްކޮށް ބަންދުކޮށްލާފައި؛ ނަމަވެސް ސަފުތައް ފޫއަޅުވާލައި އެމްޑީޕީން ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމަތީގައި ވެސް އިހްތިޖާޖުކޮށްފައިވޭ
މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްރޭޖަހައި، ބައިވެރިން ބިންމައްޗަށް ކޮށްޕާލާފައިވޭ
ރޭ ވެސް މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވޭ
ރޭގެ މުޒާހަރާއިން ފުލުހުން ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހު ދެ މެންބަރަކު ވެސް ހައްޔަރުކޮށްފަ އެވެ. މިއީ، މި ސަރުކަރުގައި މިގޮތަށް މުޒާހަރާތެރެއިން ބަޔަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ ތަރުޖަމާނު އަދި ގަނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު މިއަދު 'ދައުރު'އަށް ވިދާޅުވީ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެކަކުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމަށް މިއަދު ތާވަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ދެ ރޭ މުޒާހަރާ ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާއިރު، އެމްޑީޕީގެ ފަރާތުން ތުހުމަތު ކުރާ ގޮތުގައި ފުލުހުން ބޭނުން ކުރަމުންދަނީ ހާލަތާ ނުބައްދަލު ބާރެވެ. އަދި ފުލުހުންގެ އަމަލުތަކުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް އަކި ވަރުގެ އަނިޔާވެފައިވާ ކަމަށް ބުނެ، އެޕާޓީގެ ބައެއް މެންބަރުން ޝޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ އަނެއްކާ ވެސް ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އަޅަމުންދާތަން. ކޮންމެ ރެއަކު އެއް ރެއަށްވުރެ އަނެއް ރޭ ފުލުހުންގެ ހަރުކަށިކަން އިތުރުވަމުން މިދަނީ. އެކަމަށް ޖާގައެއް ނުދެވޭނެ،" އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ހަރުކަށިކަން އިތުރުވިޔަސް، މުޒާހަރާތައް އެއް ރެއަށް ވުރެ އަނެއް ރޭ ދާނީ ވަރުގަދަ ވަމުން އެވެ. އެކަން ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި އެމްޑީޕީން މަގުތަަކަށް ނުކުތް ސަބަބުތަކުގެ ތެރޭގައި އެ ޕާޓީން ފާހަގަ ކުރާ ބައެއް ކަންކަމުގެ ތެރޭގައި ސަރުކާރުން ޝަރުއީ ދާއިރައަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާ ފްލެޓް ލިސްޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނެ އެވެ.
ސަރުކާރުން ހިންގާ ޕީއެންސީ ބުނާ ގޮތުގައި ޝަރުއީ ދާއިރައަށް ރައީސް މުއިއްޒުގެ އެއްވެސް ނުފޫޒެއް ނެތެވެ. އަދި ފްލެޓް ލިސްޓަކީ، މިހާތަނަށް އެއްވެސް ސަރުކާރެއްގައި ނުނެރޭހާ އިންސާވެރި ފުރަތަމަ ލިސްޓު ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ