ޓްރަމްޕް އެދިވަޑައިގަތުމުން، ސައޫދީން އެމެރިކާގައި 1.3 ޓްރިލިޔަން ޑޮލަރު އިންވެސްޓް ކުރަނީ
ވޮޝިންޓަން (10 މާޗް 2025): ސައޫދީ އަރަބިއްޔާއިން އެމެރިކާގައި ޓްރިލިޔަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާނެކަމުގެ ޔަގީންކަން އެގައުމުގެ ވަލީއުލްއަހުދު މުހައްމަދު ބިން ސަލްމާން ދެއްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މިކަމާބެހޭގޮތުން ޓްރަމްޕްގެ ސޯޝަލް މީޑިއާ ވެބްސައިޓް ޓުރުތު ސޯޝަލްގައި އޭނާ ވިދާޅުވެފައިވާގޮތުން ސައޫދީން އެމެރިކާއަށް މިކޮށްދެނީ ވަރަށް ރަނގަނޅު ކަމެކެވެ. މީގެތެރޭގައި ސައޫދީން، އެމެރިކާގެ ކުންފުނިތަކުން އެތަށް ބިލިޔަން ޑޮލަރެއްގެ ހަތިޔާރު ގަތުން ވެސް ހިމެނޭކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގައި އެންމެ ގިނައިން އުފައްދާ އެއްޗަކީ ހަތިޔާރެވެ. ސައޫދީ ފަދަ އެމެރިކާއާ ގުޅުން ބަދަހި އަދި އަސްކަރީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވާ ގައުމުތަކުގެ ކިބައިން އެމެރިކާ އަބަދުވެސް އެދޭ އެދުމަކީ އެގައުމުތަކުން އަމިއްލައަށް ހަތިޔާރު ނުއުފައްދައި ނުވަތަ އުފެއްދުމަށް މަސައްކަތް ވެސް ނުކޮށް އެމެރިކާގެ ކުންފުނިތަކުން ހަތިޔާރު ގަތުމެވެ. ސައޫދީއާއި ގަލްފުގެ ގައުމުތަކުގެ އިތުރުން މިސްރާއި ތުރުކީ އަދި ޕާކިސްތާން ފަދަ ގައުމުތައްވެސް އަމަލުކުރަމުން ދިޔައީ މިގޮތަށެވެ. ނަމަވެސް ފަހަކަށް އައިސް ތުރުކީއާއި ޕާކިސްތާން ފަދަ ގައުމުތައް ވަނީ އެމެރިކާއަށް ބަރޯސާ ނުވެ އަމިއްލައަށް ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މިމައްސަލާގައި އެމެރިކާ ވަނީ ރުޅިއައިސްފައެވެ. ނަމަވެސް އެގައުމުތަކުން ވެސް އަމިއްލައަށް ނުއުފެއްދޭ ހަތިޔާރު އެމެރިކާއިންނާއި އެހެން ގައުމުތަކުން ގަނެއެވެ. ސައޫދީ އާއި ގަލްފުގެ ގައުމުތަކުން އަދިވެސް މިކަމުގައި ދަނީ މުޅިން އެމެރިކާއަށް ބަރޯސާ ވަމުންނެވެ. އަނެއްކޮޅުން އެގައުމުތަކަކީ ބޭނުންވި ނަމަވެސް އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު އުފެއްދުމުގެ އިންޑަސްޓްރީ އެއް ގާއިމް ކުރެވޭވަރުގެ ފަންނީ އަދި ޓެކްނިކަލް ގާބިލްކަން ހުރި ގައުމުތަކެއް ނޫނެވެ. އަދި ކަމާބެހޭ ފަންނީ ހުނަރުވެރިން ތިބި ގައުމުތަކެއް ވެސް ނޫނެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި ސައޫދީން އެމެރިކާގައި ޓްރިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރާނެކަމުގެ ޔަގީންކަން ދިނުމާއެކު އޭނާ ބޭރަށް ކުރައްވާ ފުރަތަމަ ދަތުފުޅުގެ މަންޒިލަކަށް ވެސް މިހާރު ހަދާފައިވާނީ ސައޫދީއެވެ. ކުރިން އޮތީ ބޭރަށް ކުރައްވާ ފުރަތަމަ ދަތުފުޅުގެ މަންޒިލަކަށް އިނގިރޭސިވިލާތް ހަދާގޮތަށެވެ. ނަމަވެސް ސައޫދީގެ ބޮޑު އިންވެސްޓްމަންޓް ގެ ސަބަބުން ދަތުރުފުޅުގެ މިސްރާބު ސައޫދީއަށް ބަދަލުކުރެއްވީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްގެ އެދުމަށް ސައޫދީން އެމެރިކާގައި ކުރަން ރާވާފައިވަނީ 1.3 ބިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާ ބޮޑު އިންވެސްޓްމަންޓެއް ކުރަނީ ހަގީގަތުގައި ވެސް އެއީ ސައޫދީ ބޭނުންވެގެން ވިޔަފާރީގެ ގޮތުން ފައިދާ ހޯދުމަށް ކުރާ އިންވެސްޓްމަންޓެއްކަން ނޫނީ ޓްރަމްޕް އެދިވަޑައިގަތުމުން ކުރާ އިންވެސްޓްމަންޓެއްކަން ސާފުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ