މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ (އެމްއެމްއޭ)އަށް ބިމެއް ގަތުމުގެ ނަމުގައި 15 ބިލިއަން ރުފިޔާ ޗާޕުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ރާއްޖޭގެ އިގްތިސޯދާ ނުބައްދަލު، މިވަގުތު މަރުކަޒީ ބޭންކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފައިސާ ޗާޕް ނުކުރާނެ ކަމަށް ބުނުމަށް ފަހު، ސަރުކާރަށް ފައިސާ ހޯދުމަށް އެޗްޑީސީ އާއި އެމްއެމްއޭ ނިވާފަތްގަނޑަކަށް ހަދައިގެން 15 ބިލިއަން ރުފިޔާ ޗާޕްކުރަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދު އެމްޑީޕީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ޕާޓީގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 15 ބިލިއަން ރުފިޔާ ޗާޕު ކުރަން އެމްއެމްއޭގެ ބޯޑުން ނިންމައި ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - ކޮވިޑުގެ ދުވަސްވަރު ފައިސާ ޗާޕުކުރިއިރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި އަމީރު މިއަދު ވިދާޅުވީ މިވަގުތު އެމްއެމްއޭ ހިންގަން ޖެހިފައި އޮތީ ފައިސާގެ ސަޕްލައި މަޑުމަޑުން ދަށްކުރަމުންދާ ގޮތަށް 'ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީ'އެއްގެ ދަށުން ކަމަށްވާއިރު، ސަރުކާރުން ހިންގަން އުޅޭ 15 ބިލިއަންގެ މުއާމަލާތާ އެކު އެ ސިޔާސަތު ހިނގާނީ އޭގެ އިދިކޮޅަށް ކަމަށެވެ.
"މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ނުބައްދަލު އަދި މިވަގުތު މަރުކަޒީ ބޭންކުން ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި. މީގެ ސަބަބުން ތަކެތީގެ އަގު ވަރަށް ބޮޑަށް ބޮޑުވެގެން ދާނެ. އޭގެ އިތުރުން، ދިވެހި ރުފިޔާގެ އަދަދު ދަށްވެ، ޑޮލަރުގެ އަގު މައްޗަށް ދާނެ. އަދި އިގްތިސޯދު ފުޑުފުޑުވެގެންދާނެ،" އަމީރު ވިދާޅުވި އެވެ.
އަމީރު ތުހުމަތުކުރެއްވި ގޮތުގައި، މި ފައިސާ ސަރުކާރުން ބޭނުންކުރަން އުޅެނީ އެމްއެމްއޭއަށް 22 ހެކްޓަރުގެ ބިމެއް ގަތުމުގެ ނަމުގަ އެވެ. އެކަމަކު ރާއްޖޭގެ ރިޒާވްގައި މިހާރު ހުންނާނީ ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ކަމުން، މިވަގުތު މިކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ފައިސާ ޗާޕްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުއާމަލާތް ސަރުކާރުން ހިންގަން އުޅޭ ގޮތެއް ކަމަށް އަމީރު ވިދާޅުވީ:
އެޗްޑީސީން އެމްއެމްއޭއަށް ބިން ދިނުމުން ޗާޕްކުރި ފައިސާ ބޭނުންކޮށްގެން އެޗްޑީސީއަށް އެމްއެމްއޭއިން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ ދޭނެ
މި 15 ބިލިއަން ރުފިޔާގެ ބޮޑު ބައެއް އެޗްޑީސީން ސަރުކާރުގެ ޓީ-ބިލުގައި އިންވެސްޓްކުރާނެ
އެހެން ނޫނީ ޑިވިޑެންޑްސް ނޫނީ ޓެކްސްގެ ގޮތުގައި ސަރުކާރަށް އެ ފައިސާ ދޭނެ
"އެހެންވީމާ ވަރަށް މޮޅު ގޮތެއް މިހޯދީ ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލްވީމާ އެތެރޭގެ މާކެޓުން ފައިސާ ހޯދުމަށް. މިއީ ސަރުކާރުން ފައިސާ ހޯދަން އެޗްޑީސީ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ހިންގާ ވަރަށް މަކަރުވެރި މުއާމަލާތެއް ކަމަށް އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުން،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މި މުއާމަލާތުގައި އެމްއެމްއޭއަށް ބިމެއް ގަންނަން އުޅެނީ ސަރުކާރަށް ފައިސާ ބޭނުންވެގެން ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަން އުޅެނީ ފައިސާ ޗާޕު ނުކުރާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް މީގެ ކުރިން ބުނެފައި އޮތުމުން "އުޒުރެއް ބޭނުންވެގެން" ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭއަށް ބިން ބޭނުންވާނީ އެ ތަން ހިންގަން ކަމަށް ވާއިރު، އެމްއެމްއޭ ހިންގަން މިހާރު ވެސް އިމާރާތެއް އެބަހުރި ކަމަށާއި ވަރަށް ފަހުން ވެސް 200 މިލިއަން ރުފިޔާ ދީފައި އާ އިމާރާތެއް އަޅަން ހުޅުމާލެއިން ބިމެއް ގަނެފައި އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެމްއެމްއޭއަކަށް ބިމެއް ބޭނުމެއް ނުވޭ. ނަމަވެސް ސަރުކާރަށް ފައިސާ އެބަ ބޭނުންވޭ. އެހެންވީމާ ސަރުކާރަށް ފައިސާ ހޯދާނެ މޮޅު ގޮތެއް ހޯދީ ކަމަށް އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ:
އެމްއެމްއޭއަކީ މާލީ އިދާރާއެއް، ރިއަލް އެސްޓޭޓް ޑިވެލޮޕަރެއް ނޫން
ބިން ގަންނަނީ އެމްއެމްއޭގެ އަސާސީ މަގުސަދެއް ފުރިހަމަ ކުރުމަކަށް ނޫން؛ އެއީ މެންޑޭޓުން ބޭރުން ކުރަމުންދާ ކަމެއް
ރިއަލް އެސްޓޭޓް ވިޔަފާރީއަކީ އެމްއެމްއޭގެ އަސާސީ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން
ފައިސާ ޗާޕުކޮށްގެން އެމްއެމްއޭއަށް މުދާ ގަތުން ގާނޫނާ ހިލާފް
އެމްއެމްއޭއިން މިކުރާ ކަމަކީ ސަރުކާރުގެ ސިޔާސީ ބޭނުމަކަށް ފައިސާ ދިނުން
އަމީރު އިތުރަށް ވިދާޅުވީ އެ މުއާމަލާތު ހާމަވާ އެންމެ ބޮޑު އެއް ކަމަކީ އެމްއެމްއޭގެ މިނިވަންކަން ނެތްކަން ކަމަށާއި މިހާރު އެމްއެމްއޭ ކޮންޓްރޯލް ކުރަނީ ސަރުކާރުންކަން ކަމަށެވެ.
މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭތީ އާއި މަގުސަދާއި ހިލާފު ކަންކަން ކުރަންޖެހޭތީ އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑު އިސްތިއުފާ ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
15 ބިލިއަން ޗާޕުކުރަން އެބައުޅޭ؛ މިއީ އިގްތިސާދާ ނުބައްދަލު ކަމެއް: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ