މޮޑްރިޗް އާއި އެންޗެލޯޓީ ރެއާލްއަށް އަލްވަދާއު ކިޔައިފި

ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑްގެ ކެޕްޓަން ލޫކާ މޮޑްރިޗް އާއި އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ އެކްލަބަށް އަލްވަދާއު ކިޔައިފިއެވެ. މޮޑްރިޗް އާއި އެންޗެލޯޓީ އަލްވަދާކު ކިޔުން ބާއްވާފައިވަނީ ލަލީގާގައި އެ ޓީމު ކުޅުނު ފަހު މެޗުގައި ރޭ ރެއާލް ސޮސިއެޑާޑް އާ ބައްދަލުކޮށް މޮޅުވި މެޗަށްފަހު ރެއާލްގެ ދަނޑު ސަންތިއާގޯ ބެރްނަބިއުގައެވެ. މި މެޗަށްފަހު މޮޑްރިޗް ރެއާލްގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔާފައިވީ ނަމަވެސް އޭނާ ރެއާލްއަށް ކުޅޭ އެންމެ ފަހު މުބާރާތަކަށް ވެގެންދާނީ މި އަންނަ މަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑް ކަޕެވެ. ނަމަވެސް އެ މުބާރާތުގައި އެންޗެލޯޓީގެ ބަދަލުގައި ފެނިގެންދާނީ އާކޯޗެއްކަން މިހާރު ވަނީ ޔަގީންވެފައެވެ. އެހެން ކަމުން ރޭ މެޗު ވެގެންދިޔައީ އެންޗެލޯޓީގެ ކޯޗު ކަމުގެ ދަށުން ރެއާލް ކުޅުނު ފަހު މެޗަށެވެ. ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އެންޗެލޮޓީ -- ފޮޓޯ/ ގެޓީ މޮޑްރިޗް ވަނީ ރެއާލް އާއެކު 13 އަހަރު ހޭދަކޮށްފައެވެ. ރޭގެ މެޗު ނިމެން ގާތް ވެފައިވަނިކޮށް މޮޑްރިޗް ބަދަލު ކުރުމާއެކު އޭނާއަށް ރެއާލްގެ ބެންޗު ކައިރިން މަރުހަބާ ކިޔާފައިވަނީ މިދިޔަ ސީޒަންގައި އެ ޓީމަށް އަލްވަދާއުކި ޓޯނީ ކްރީސްއެވެ. މި ދެކުޅުންތެރިން ވަނީ އެކުގައި ރެއާލްއަށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްދީފައެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން މޮޑްރިޗް ވަނީ އަންނަން ދުވަހަކު ވެސް ބޭނުންނުވި ދުވަސް އަތުވެއްޖެ ކަމަށް ބުނެފައެވެ. އަދި އެއާއެކު އޭނާ ވަނީ ރެއާލް އާއެކު ކުރި މިދިގު ދަތުރަށްޓަކައި ކްލަބާއި އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، އޭނާއަށް ކޯޗު ކޮށްދިން ހުރިހާ ކޯޗުންނާ އެކުގައި ކުޅުނު ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ދެކޭގޮތުގައި ރެއާލްއަށް ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ މެޗަކީ 2021-2022 ވަނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފަހު 16 ޓީމުގެ ބުރުގައި ޕެރިސް ސެއިންޓް ޖާމެއިން އާ ދެކޮޅަށް ކުޅުނު މެޗެެވެ. އެ ބުރުގެ ފުރަތަަމަ ލެގުގައި އޭރު ޕީއެސްޖީއަށް ކުޅެމުންދިޔަ ކިލިއަން އެމްބާޕޭގެ ލަނޑުން ޕީއެސްޖީ އެއް ލަނޑުގެ ލީޑެއް ނެގި ނަމަވެސް ޖެހިގެން އައި ދެވަނަ ލެގުގައި ރެއާލް އިން ވަނީ ކަރިމް ބެންޒީމާގެ ހެޓްރިކާއެކު އެ ބުރު ކާމިޔާބު ކޮށްފައެވެ. ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް -- ފޮޓޯ/ ގެޓީ ކްލަބް ވޯލްޑް ކަޕަށް ފަހު މޮޑްރިޗް ރެއާލް އާ ވަކިވި ނަމަވެސް މިއަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުރިން އޭނާ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނެތެވެ. އެހެން ކަމުން ވަރަށް އަވަހަށް އޭނާ އެހެން ކްލަބަކުން ފެނިގެންދިއުން ގާތެވެ. ނަމަވެސް އޭނާ އެ ކަމާ އުޅޭނީ ކްލަބް ވޯލްޑް ކަޕަށް ފަހު ކަމަށްވެއެވެ. ބެލެވޭ ގޮތުގައި އޭނާގެ ހިދުމަތް ހޯދުމަށް ސައުދީ ޕްރޯ ލީގާއި އެމެރިކާގެ މޭޖާ ލީގު ސޮކާގެ ކްލަބްތަކުން މަސައްކަތް ކުރާނެއެވެ. ރެއާލް އިން ރޭ ކުޅުނު ލީގު ފަހު މެޗު ވަނީ ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ރެއާލް އިން ކާމިޔާބު ކުރި ދެ ލަނޑު ކާމިޔާބު ކޮށްފައިވަނީ ކިލިއަން އެމްބާޕޭއެވެ. މިއާއެކު އޭނާ މިފަހަރު ލީގުގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު މިވަނީ 31 އަށް އަރާފައެވެ. މިއާއެކު ޔޫރަޕްގެ ރަން ބޫޓަށް ވަދަކުރާ ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް ވެސް އެމްބާޕޭ މިހާރު ވަނީ އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ