އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ނުވާތީ ފެނަކައިގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން އެދެފި
އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވާތީ އެސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެދިވަޑައިގެންފިއެވެ. މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި އަޒާން ލިޔުއްވާފައި ވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށެވެ. އައްޑޫ ފެނަކަ އޮފީހުގެ ސީނިއާ މުވައްޒަފުންނަށް ހަވާލާދީ އަޒާން ލިޔުއްވާފައި ވާގޮތުގައި އައްޑޫ އިންޖީނުގެއަށް ބޭނުންވާ ބައެއް ސްޕެއާ ޕާޓްސްތަކަށް އެދި ހެޑް އޮފީހަށް ރިކުއެސްޓުކުރިތާ އަހަރަކަށް ވުރެ ގިނަދުވަސް ވަނީ ވެފައެވެ. ނަމަވެސް އޭގެތެރެއިން ނުލިބޭ ބައެއް ސަމާނު ހުރިކަން އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އައްޑޫގައި ފެނަކައިން ހިންގާ އިނޖީނުގޭގައި މިވަގުތު ހުރި 17 އިންޖީނުގެއިން މަސައްކަތް ކުރަނީ 13 އިންޖީނެވެ. އަދި ހަތަރު އިންޖީނަކަށް މައްސަލަ ދިމާވެފައި ވާއިރު، އޭގެތެރެއިން އެންމެ އިނޖީނެއް ފިޔަވައި ދެންހުރި ތިން އިންޖީނު ހުރީ މަރާމާތު ނުކުރެވޭ ހާލަތުގައެވެ. "އިންޖީނުތަކަށް މައްސަލަ ދިމާވާ މައިގަނޑު ސަބަބެއްގެ ގޮތުގައި މުވައްޒަފުން ފާހަގަކުރައްވަނީ ސްޕެއާ ހޯދުމަށް ރިކުއެސްޓު ކުރާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރު ވެސް ސްޕެއާތައް ނުލިބި އިންޖީނުތަކުގެ މެއިންޓެއިނަންސް އަދި މަރާމާތު މަަސައްކަތް ނުކުރެވުމެވެ،" އޭނާ ލިޔުއްވާފައި ވެއެވެ. މި މައްސަލައާ ގުޅިގެން ޖަނަވަރީ 14ވަނަ ދުވަހު އައްޑޫއަށް ނިސްބަތްވާ އެހެން މަޖިލިސް މެމްބަރުން ހިމެނޭހެން ފެނަކައާ ބައްދަލުކޮށްފައި ވާކަމަށް މި ސިޓީގައި ވެއެވެ. މި ބައްދަލުވުމުގައި އައްޑޫ އިންޖީނުގެއަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ހަތް ދުވަހުގެ ތެރޭގައި ފޮނުވާނެކަމަށް ބުނެފައި ވީނަމަވެސް، އަދިވެސް އެއްވެސް ސްޕެއާއެއް ލިބިފައެއް ނުވެއެވެ. މި ސިޓީގައި ވާގޮތުން ކުރިއަށް އޮތް ރަމަޞާން މަހަށް އައްޑޫގެ އިންޖީނުގޭގެ ކެޕޭސިޓީއަށް ހަތަރު މެގަވޮޓް އިތުރު ނުކޮށްފިނަމަ ކަރަންޓު ކެނޑޭ މައްސަލަ އިތުރުވާނެއެވެ. އެހެންކަމުން މި މައްސަލައިގައި ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އަޒާން ވަނީ އެދިފައެވެ. އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދޭ މީހުންގެ މައުލޫމާތު: މުހައްމަދު ނަޖާހް - މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު - ކުރީގެ ޕްރޮކިއުމަންޓު ހެޑް މަރިޔަމް ޝަހުލާ - ޕްރޮކިއުމަންޓް ހެޑް އަބްދުﷲ ވާހިދު - ސީއެފްއޯ މުހައްމަދު މަސްއޫދު - ކުރީގެ ސީއެފްއޯ އަބްދުﷲ ނާޝިދު - ޗީފް ޓެކްނިކަލް އޮފިސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ