އާ ހަޔާތަކަށް ފެށި ދަތުރުގެ ހިތި ނިމުން؛ އެންމެ ފަހު ސެލްފީ

މި ފޮޓޯއަކީ އާ ހަޔާތަކަށް ދަތުރު ފަށަމުން އުފާވެރި އެ އާއިލާއިން ނެގި އުފާވެރި ފޮޓޯއެކެވެ. އެކަމަކު، އެއީ އެ މީހުންގެ އެންމެ ފަހުގެ ހަނދާނަށް ބަދަލުވާން ނެގީ ކުޑަކުޑަ ހިނދުކޮޅެކެވެ. އެއާ އިންޑިއާގެ މަތިންދާބޯޓު އަހުމަދުއާބާދުން ނައްޓާލުމާ އެކު ވެއްޓުނީއެވެ. ބޯޓުގައި ތިބި 242 މީހުންނާ އެކެވެ. އޭގެ ތެރޭގައި އިންޑިއާގެ 169 މީހަކާއި، އިނގިރޭސިވިލާތުގެ 53 މީހަކާއި، ކެނެޑާ މީހަކާއި، ޕޯޗުގަލްގެ ހަތް މީހުން ހިމެނޭ ކަމަށް އެއާ އިންޑިއާއިން ބުނެއެވެ. ސަލާމަތްވިކަން ކަށަވަރުވީ އެންމެ މީހެކެވެ. އެ ހިތާމަވެރި ކާރިސާއާ އެކު މުޅި ސޯޝަލް މީޑިއާގައި ހަމްދަރުދީން ފުރައިލިއެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ފޮޓޯގަނޑަކީ އަވައްޓެރި އިންޑިއާއަށް ނިސްބަތްވާ ޕްރާތިކް ޖޯޝީއާއި އޭނާގެ އަންހެނުން ޑރ. ކައުމީ ވިޔަސްއާއި ތިން ދަރިން އެކުގައި ނެގި ސެލްފީއެވެ. ލަންޑަނަށް ދަތުރު ފަށަމުން އެ މީހުން ހިއްސާކުރި އުފާވެރި ހަނދާނެވެ. https://sun.mv/207244 ދެމަފިރިން ވަކިން ތިބިއިރު، މިރާޔާ ޖޯޝީ، ޕްރަދޫތު ޖޯޝީ އަދި ނަކުލް ޖޯޝީ ތިބީ އަނެއް ފަޅީގައި ވަކިންނެވެ. އެންމެން ވެސް ހިނިތުންވެފައެވެ. އާ ހަޔާތެއްގެ އިންތިޒާރުގައެވެ. އެ ފޮނި އުންމިދުގައި ހެވި ދިލިގެންނެވެ. އެ ދެމަފިރިންގެ ކައިވެންޏަށް 10 އަހަރެވެ. ޕްރާތިކް ޖޯޝީއަކީ އިނގިރޭސިވިލާތުގައި ސޮފްޓްވެއާ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. އޭނާގެ އަންހެނުންނަކީ ޑޮކްޓަރެކެވެ. އެކަމަކު، އިންޑިއާގައި ކައުމީ ވިޔަސް އަދާކުރަމުން އައި ވަޒީފާ ދޫކޮށްލާފައި ފިރިމީހާއާ އެކު ލަންޑަނަށް ބަދަލުވާން ނިންމީއެވެ. ތިން ދަރިންނާ އެކު ދެމަފިރިން ދަތުރު ފެށީ އެ އުންމީދުގައެވެ. އެ ބޯޓު ވެއްޓުނު ހިތާމަވެރި ހާދިސާއާ އެކު އެ ފޮޓޯގަނޑު ވަނީ ވައިރަލްވެފައެވެ. މުޅި ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެންމެންނަށް ވެސް އެ ހިތާމައިން ބައެއް އަޅަމުންނެވެ. ބޭރުގެ ނޫސްތަކުގައި އާއިލާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން އާއިލާއާ އެކު ލަންޑަނުގައި ދިރިއުޅުމަކީ ޕްރާތިކްގެ ހުވަފެނެކެވެ. އޭނާ އަބަދު ވެސް ބޭނުންވި ކަމެކެވެ. އެހެންވެ، އެ ގޯތި ގިނަ މީހުން އެ އާއިލާ ފުރުވަން އެއާޕޯޓަށް ވެސް ދިޔައެވެ. އުފަލާއި ހިތާމައިގެ އަލްވަދާއަކަށް ފަހު އެއާ އިންޑިއާގެ ބޯޓަށް އެރީ އެއީ ހަޔާތުގެ ފަހު ދަތުރުކަން ނޭނގިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ