އީރާނުގެ އިންޒާރާއެކު، ބެލިސްޓިކް މިސައިލްތަކުން އިސްރާއިލަށް ހަމަލަ ފޮނުވަން ފަށައިފި

އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ރޭ ދިން ހަމަލާއާ ގުޅިގެން، ވަރުގަދަ ރައްދު ހަމަލަތަކެއް މިރޭ ދޭން ފަށައިފިއެވެ. އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ރޭ ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ އެކި ފެންވަރުގެ މަސްއޫލުވެރިންވަނީ އިސްރާއީލަށް "ތަދުވާވަރުގެ" ވޭންދެނިވި ހަމަލާތަކެއް ދޭނެ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެއާއެކު މިރޭ އީރާނުން ފޮނުވި މިސައިލް ހަމަލަތަކެއް ވަނީ އިސްރާއީލުގެ ވެރިރަށް ތެލްއަވީވަށް އަރައިފައެވެ. މަދުވެގެން ތެލްއަވީވުގެ މެދުތެރޭގެ ހަ ސަރަހައްދަކަށް ހަމަލަ އަމާޒުވިއެެވެ. އެކާވީހަށްވުރެ ގިނަ މީހުންނަށް މިހާތަނަށް އަނިޔާވެފައިވާކަމަށް އިސްރާއީލްގެ އެމްބިއުލާންސް ޚިދުމަތުން ބުންޏެވެ. މީގެ އިތުރުން އީރާނުން މިހާރު ވަނީ މިސައިލް ހަމަލަތަކުގެ ތިންވަނަ ރާޅެއް ވެސް އިސްރާއީލަށް ލޯންޗުކޮށްފައި ކަމަށް އީރާނުން ބުނެއެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ، ހަމަލަތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އެއާބޭސްތަކަށާއި، އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. މިރޭ، އީރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ ޚާމަނާއީ އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވި ބްރޯޑްކާސްޓު މެސެޖެއްގައި ވެސް ވަނީ، އިސްރާއީލަށް، އެ ގައުމަށް ހަމަލަ ދިނުމަށްފަހު ނުފިލޭނެކަމަށާއި، އެ ކަމުގެ ހިތިކަމާ ކުރިމަތިލާން ޖެހޭނެކަމަށް ވެސް ވިދާޅުވެފައެވެ. އަދި ފުރިހަަމަ ބަދަލުހިފުމެއް ހިފާނެކަމުގެ ޔަގީންކަން، އީރާނުގެ ރައްޔިތުންނަށް ޚާމަނާއީ ދެއްވިއެވެ. އިސްރާއީލުގެ އާންމުންނާއި ލީޑަރުން ރޭން ފެށިގެން ތިބެނީ އީރާނުން ދީފާނެ ހަމަލާތަކަކުން ސަލާމަތްވުމަށް ބަންކަރުތަކާއި ބިންގަރާސްތަކަށް ވަދެ ފިލައެވެ. މިއީ މުއްދަތު ދިގުވެއްޖެނަމަ ބޮޑުވޭނަކަށް ވާނެ ކަމެކެވެ. ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި އެތައް ހާސް ބަންކަރަކަށް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. "އިސްރާއީލްގެ އެއްވެސް ސަރަހައްދެއް ރައްކާތެރިއެއް ނުވާނެ. އަހަރުމެންގެ ބަދަލު ހިފުން ވޭންދެނިވާނެ،" ރޮއިޓާޒްއަށް އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ