ޒުވާނުންނަކީ ކޮންމެ އުންމަތެއްގައި ވެސް ކޮންމެ ޤައުމެއްގައި މައި ބަދައެވެ. އެ އުންމަތެއްގެ ޙަޟާރަތު ނެގެހެއްޓުމުގެ އެންމެ މުހިންމު ރައުސްމާލެވެ. މި އުންމަތުގެ ތާރީޚަށް ބަލާއިރު ވެސް ކީރިތި ރަސޫލާގެ ނަބަވީ އިޞްލާޙީ މަސައްކަތްޕުޅަށް ނަޞްރު ދިން އެންމެ ވަރުގަދަ ފަހުލަވާލުންނަކީ ޒުވާނުންނެވެ. އިސްލާމީ އުންމަތުގެ ތާރީޚީ ފަޚުރުވެރި ވަރުގަދަ ޙަޟާރަތް ޤާއިމު ވެގެން ދިޔައީ ޒުވާނުންގެ ހިއްވަރާއި ޢަޒުމާއި ޤުރުބާނީންނެވެ.
މި ދިވެހި ތާރީޚަށް ބަލައިލާ އިރު ވެސް ފެންނިގެންދާ ހިތްވަރު ގަދަ އަބްޠާލުންނަކީ އެބޭފުޅުންގެ ޒުވާން ޢުމުރުގައި ޤައުމަށްޓަކައި ތެދުވި ބައެކެވެ. މުޙައްމަދު ތަކުރުފާނާއި އަލީ ރަސްގެފާނުން ފެށިގެން ޝަހީދު ޙުސައިން ޢާދަމާ ހަމައަށް ދިވެހިންގެ ފަޚުރުވެރި ތާރީޚުން ފެނިފައިވާ ކިތައްމެ އަބްޠާލުންނަކީ ހަމަ ޒުވާނުންނެވެ.
މިއަދު އަޅުގަނޑުމެންގެ ޤައުމު އެދި ގޮވަނީ ޤައުމީ ނޭވާއަކަށެވެ. މަސްތުވާތަކެތީގެ ވަބާ އާއި އިޖުތިމާޢީ އެތައް ކާރިސާއެއްގެ ތެރެއަށް ވެއްޓެމުންދާ މުޖުތަމަޢު ސަލާމަތުގެ އައްސޭރިއަކަށް ގެނައުމަށްޓަކައި ހިއްވަރާއެކު ތެދުވަންވީ ޒުވާނުންނެވެ. އެކަކު އަނެކަކަށް ހެޔޮ އެދިގެންނެވެ. ސިޔާސީ ތަޢައްޞުބުން އެއްކިބާވެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަމާއެކު އެކަކު އަނެކެއްގެ އަތުގައި ހިފައިގެން މިޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ޒުވާނުން ކުރީ ސަފުގައި މަސައްކަތް ކުރަންޖެއެވެ. މައިން ބަފައިންގެ އުންމީދު ތައް ޙަޤީޤަތަކަށް ހަދައި ހަރުދަނާ ބަޔަކަށް ވުމަށް މަސައްކަތް ކުރަން ޖެހެ އެވެ. އަމިއްލަ ވަންތަކަމާއި ޢިއްޒަތުއްނަފްސު ހިފަހައްޓައި އަމިއްލަ މަސައްކަތާ އެކު އިޤުތިޞާދީ ފުދުންތެރިކަން ޤާއިމު ކޮށް ޢިލްމު ހޯދައި ހެޔޮ ލަފާ ބަޔަކަށް ވުމަށް ޒުވާނުން މަސައްކަތް ކުރަން ޖެހެ އެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި އުފެދޭ ނޭއްގާނީ އެކި އެކި އޮއިވަރުތަކުގައި ޖެހި ޣަރަޤުވަމުންދާ ޒުވާނުންގެ އަތުގައި ހިފައި އެމީހުން ހެޔޮ މަގަށް ގެނައުމުގައި އިސް ދައުރެއް އަދާކުރަންވީ ހެޔޮ ލަފާ ޒުވާނުންނެވެ. މިގޮތުގެ މަތިން މަސައްކަތްކޮށްފި ނަމަ މާތް ﷲ އިރާދަކުރެއްވިއްޔާ ސަލާމަތުގެ އައްސޭރިއަކަށް ވާޞިލުވެވޭނެ އެވެ.
ކާބަފައިން ޤާއިމު ކޮށްފައިވާ ދިވެހި ވަންތަ ޙަޟާރަތް އިސްލާމީ ޘަޤާފަތުގެ ހިޔަލުގައި ދަމަހައްޓަން ޢަޒުމް އާކުރާށެވެ.
މަސްދަރު: drshaheem.com
ޒުވާނުންގެ ޤައުމީ މަސްއޫލިއްޔަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ