ސީލައިފް އަތުން 49 މިލިއަން ހޯދަން ކުރި ދައުވާ އެޗްޑީސީން އަނބުރާ ގެންގޮސްފި
ސީލައިފް ގްލޯބަލްއިން ހިންގި ހައުސިން މަޝްރޫއުގެ ސްކޭމުން ގެއްލުންވި މީހުންނަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބަދަލުދޭންޖެހުނު މައްސަލާގައި، ސީލައިފްގެ އަތުން 49.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ސިިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޕަރޭޝަނުން އަނބުރާ ގެންގޮސްފި އެވެ.ސީލައިފް އިން ހަދަން ހަވާލުވި ފްލެޓްތަކުގެ މަސައްކަތް ނުނިމި، އެ ފްލެޓްތަކުގެ ބުކިން ފީ އަދި ޑައުންޕޭމަންޓަށް މީހުން ދެއްކި ފައިސާ ނުލިބޭތީ 203 މީހަކު ސީލައިފް އާއި އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރި އެވެ. އެ ފައިސާ ދައްކަން ޖެހޭ ކަމަށް ސީލައިފް އިން އެއްބަސްވި ނަމަވެސް، ފައިސާ ދައްކައިފައެއް ނުވެ އެވެ.އޭރު ދައުވާކުރި މީހުންނާއެކު އެޗްޑީސީން ސެޓެލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، 46 މިލިއަން ރުފިޔާ 180 މީހަކަށް އެޗްޑީސީން ދިނެވެ. އަދި މިހާތަނަށް 23 މީހަކަށް އަދިވެސް ފައިސާ ނުދެއްކެ އެވެ. އެހެންވެ، 46 މިލިއަން ރުފިޔާ އާއި 23 މީހުންނަށް ދޫކުރަން ޖެހޭ ދެ މިލިއަން ރުފިޔާ އަދި އިދާރީ ގޮތުންނާއި އެހެން ގޮތްގޮތުން އެކަމާ ގުޅިގެން ހަރަދުކުރަން ޖެހުނު ހަތަރު ލައްކަ ރުފިޔާއާ އެކު ޖުމްލަ 49 މިލިއަން ސީލައިފް އާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ އަތުން ހޯދަން އެޗްޑީސީން ދައުވާކުރި އެވެ.ނަމަވެސް، އެ ދައުވާއަށް ސީލައިފް އަދި ޑިރެކްޓަރުންގެ ފަރާތުން ޖަވާބެއް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ މައްސަލަ އަލުން ހުށަހެޅުމުގެ ހައްގު ލިބޭ ގޮތަށް އެ ދައުވާ އަނބުރާ ގެންދަން އެދި ކޯޓަށް ސިޓީއެެއް ފޮނުވައިފަ އެވެ. އެހެންވެ، ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ އެޗްޑީސީން އެދުނު ގޮތަށް ދައުވާ ބާތިލް ކުރުމަށެވެ. ހުޅުމާލޭގައި 3،000 އެޕާޓްމެންޓް ޔުނިޓް ހެދުމަށް ސީލައިފާއެކު އެއްބަސްވުން ހެދީ މާރިޗް 13، 2014ގައެވެ. ނަމަވެސް، ސީލައިފްއިން އެއްބަސްވުމާ ޚިލާފުވެ، ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނެގި ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވެއެވެ.އެ މައްސަލައިގައި، އެޗްޑީސީން ސީލައިފާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރީ ޑިސެމްބަރު 24، 2018 ގައެވެ.ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުންނަށް ހިޔާ ފުލެޓުތަކާއި ވިނަރެސް ފުލެޓުތައް ދީފައިވާ ކަމަށް މިދިޔަ އަހަރުގެ މާރިޗު މަހު އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ ހިޔާ ޓަވަރުތަކުން ބާކީވި 60 ވަރަކަށް ފުލެޓާއި ވިނަރެސްގެ 130 ފުލެޓު އެ މީހުންނަށް ހަމަޖައްސައިދިން ކަމަށެވެ.ސީލައިފްގެ ޚިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ