2026 ޖުލައި 5 އިން 11 އަށް މާލޭގެ އެކި ސަރަހައްދުތަކުން ރިޕޯޓްކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން، 826,730 ދިވެހި ރުފިޔާގެ ފައިސާއާއި މުދާ ފުލުހުން ހޯދައިފިއެވެ. މިއީ އެ މުއްދަތުގެ ތެރޭގައި ގެއްލުނު ކަމަށް އަންދާޒާކުރެވޭ ތަކެތީގެ 98 އިންސައްތައަށްވުރެ މަތީ އަދަދެކެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެ ހަފުތާގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ތަކެތީގެ ޖުމްލަ އަންދާޒާ އަގަކީ 838,434 ރުފިޔާއެވެ. ފުލުހުން ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ފުލުހުންގެ ޓީމުތަކުން ހިންގި ތަހުގީގުތަކާއި އޮޕަރޭޝަންތަކުގެ ތެރެއިން 826,730 ރުފިޔާ ހޯދާފައިވާ ކަމަށެވެ.
ތަކެތި ހޯދި ނިސްބަތަށް ބަލާއިރު، އެންމެ ގިނަ ތަކެތި ހޯދާފައިވަނީ މާފަންނު ޕޮލިހުންނެވެ. އެއީ 396,888 ރުފިޔާއެވެ. ގަލޮޅު ޕޮލިހުން 225,215 ރުފިޔާ ހޯދާފައިވާއިރު، ހެންވޭރު ޕޮލިހުން ވަނީ 175,250 ރުފިޔާ ހޯދާފައެވެ. މީގެ އިތުރުން އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހުން 26,335 ރުފިޔާ އަދި ވިލިމާލެ ޕޮލިހުން 3,042 ރުފިޔާ ހޯދާފައިވެއެވެ.
އެ މުއްދަތުގެ ތެރޭގައި ގެއްލުނު ކަމަށް ރިޕޯޓްކުރި އަދަދުތަކަށް ބަލާއިރު، އެންމެ ގިނައީ މާފަންނު ޕޮލިހަށް ރިޕޯޓްކުރި 407,553 ރުފިޔާއެވެ. ދެން އެންމެ ގިނައީ ގަލޮޅު ޕޮލިހަށް ރިޕޯޓްކުރި 203,968 ރުފިޔާއާއި، ހެންވޭރު ޕޮލިހަށް ރިޕޯޓްކުރި 200,578 ރުފިޔާގެ އިތުރުން އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހަށް ރިޕޯޓްކުރި 26,335 ރުފިޔާއެވެ. ޖުމްލަ ގެއްލުނު ކަމަށް އަންދާޒާކުރެވޭ މުދަލުގެ އަގަކީ 838,434 ރުފިޔާއެވެ.
ފުލުހުން ފާހަގަކުރެއްވި ގޮތުގައި، ހޯދާފައިވާ ތަކެތީގެ ތެރޭގައި ނަގުދު ފައިސާގެ އިތުރުން، ތަހުގީގުތަކުގެ ތެރެއިން އަތުލައިގަނެވުނު ވަގަށް ނަގާފައިވާ ތަކެތީގެ އަންދާޒާ އަގު ހިމެނެއެވެ.
މި ތަފާސްހިސާބުތަކާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ގެއްލުނު ތަކެތީގެ 98 އިންސައްތައަށްވުރެ ގިނަ ތަކެތި ހޯދިފައިވުމަކީ، ވައްކަމާއި ފޭރުމުގެ މައްސަލަތައް ތަހުގީގުކޮށް، ގެއްލޭ މުދާ ހޯދައި، އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމަށް ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ފުލުހުން ބުނީ، ކޮންމެ ކާމިޔާބު ހޯދުމަކީވެސް ފުލުހުންގެ މެދުގައި އޮތް ގުޅުމާއި، ދޫނުދީ ކުރާ މަސައްކަތާއި، މުޖުތަމައަށް ހިދުމަތްކުރުމަށް އޮތް ވަރުގަދަ އަޒުމުގެ ނަތީޖާ ކަމަށެވެ.
ވައްކަމުގެ މައްސަލަތަކުގައި ގެއްލުނު ތަކެތީގެ 98 އިންސައްތަ ފުލުހުން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ