ޤައުމީ މުބާރާތުން ވަނަ ހޯދާ މަލަކްގެ ކުޑައިރުގެ ހުވަފެން ޙަގީގަތަކަށް

ކޮންމެ މީހެއްގެވެސް ކުޑައިރުގެ ދެކެމުން އަންނަ ހުވަފެނެއް އޮންނާނެއެވެ. ވަކި ހިސާބަކުން ގިނަ މީހުން އެހުވަފެންމަތިން ހަނދާން ނެތެއެވެ. އެހެންނަމަވެސް ހުވަފެން މަތިން ހަނދާން ނައްތާނުލާ ގަދަ ހިތްވަރާއެކު ހުވަފެން ޙަގީގަތަކަށް ހެދުމަށް މަސައްކަތްކުރާ މީހުން ނިސްބަތުން މަދެވެ. އޭގެތެރެއިން އެކަކީ ފާތުމަތު މަލަކް އާޒިމެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ވަނައެއް ހާސިލުކުރުމަކީ މަލަކްގެ ކުޑައިރުގެ އެންމެ ޚާއްސަ ހުވަފެނެވެ. މަލަކްވަނީ ޤުރްއާން މުބާރާތުގެ ކާމިޔާބީގެ މިދަތުރު ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.
މަލަކް ބުނީ އޭނާގެ ހުވަފެން އެންމެ ފުރަތަމަ ހަގީގަތަކަށް ވެގެންދިޔައީ 2023 ވަނަ އަހަރު އޮތް ޤައުމީ މުބާރާތުންކަމަށެވެ. އެމުބާރާތުން ބައިވެރިވި ޢުމުރުފުރާއިން 3 ވަނަ ހާސިލްކޮށްފައިވާއިރު މިފަހަރުގެ ޤައުމީ މުބާރާތުންވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން، 30 ފޮތުގެ ބައިން 1 ވަނަ ހާސިލްކޮށްފައެވެ.
މަލަކް ބުނީ ކުޑައިރުގެ މިހުވަފެން ހަގީގަތަކަށް ހެދުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ މަލަކްގެ މަންމަކަމަށެވެ. އެންމެ ފުރަތަމަ މާމަގެ މަދުރަސާއިން ޤުރްއާނުގެ ތެރެއަށް ވަދެވުނު މަލަކްގެ ކިޔެވުމުގެ ދަތުރުގައި އެކި ކުލާސްތަކަށް ގެންގޮސް ޤުރްއާނުން ޓީއުޝަން ނަގައިދިނުމުގައި މަންމަ މުހިއްމު ދައުރެއް އަދާކޮށްފައިވާކަމަށް މަލަކް ބުންޏެވެ.
ނަތީޖާއެއްގެ ގޮތުން ކުޑައިރުގެ އެކި މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ހޯދާފައިވާކަމަށް މަލަކް ބުންޏެވެ. އެގޮތުން ސްކޫލް މުބާރާތްތަކާއި ފަލާޙް މުބާރާތް މަލަކް ފާހަގަކުރިއެވެ. މީގެއިތުރުން ސިފައިންގެ ޢާއިލާތަކަށް އަމާޒުކޮށް ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ "އަސްކަރީ ޤުރުއާން މުބާރާތުން" މުޅި މުބާރާތުން އެއްވަނަ ޙާސިލްކޮށްގެން މަލަކްއަށްވަނީ މިދިޔަ އަހަރު ޢުމްރާ ދަތުރެއްވެސް ލިބިފައެވެ.
މަލަކް ބުނީ ކީރިތި ޤުރްއާން ކިޔަވަން ޝައުގު އުފެދުނީ ރީތިކޮށް ކިޔަވާ މީހުންގެ ކިޔެވުން އަޑުއިވޭތީކަމަށެވެ. މަލަކްގެ ޢާއިލާއަކީ ކީރިތި ޤުރްއާނަށް އަހަންމިއްޔަތުކަންދޭ ޢާއިލާއެއްކަމުން ކީރިތި ޤުރްއާން ކިޔެވުމަށް ޝައުގުވެރިވެ ކުރިއަށްދާން ފަސޭހަވެގެންދިޔައެވެ.
ތަޢުލީމީ ރޮނގުންވެސް މުހިއްމު ކާމިޔާބީތަކެއް ހޯދަމުން އަންނަ މަލަކް ކިޔެވުމުގެ ކަންކަމަށް ވަގުތު ދެމުން ޤުރްއާން ކިޔެވުމަށްވެސްވަނީ ވަގުތު ހުސްކޮށްފައެވެ. އެގޮތުން މަލަކްވަނީ ކޮންމެ ދުވަހެއްގެވެސް ފަތިހާއި ދެނަމާދު ދޭތެރޭގައި ޤުރްއާން ކިޔެވުމަށް ވަގުތު ހުސްކޮށްފައެވެ. އަދި މުބާރާތެއް ކައިރިވުމުން ޤުރްއާން އިތުރަށް މުޠާލިޢާކުރާކަމަށް މަލަކް ބުންޏެވެ.
ބޮޑު ކާމިޔާބީއެއް ހޯދުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާކަން މަލަކް ފާހަގަކުރިއެވެ. އެގޮތުން ލިސްޓުގެ އެންމެ ކުރީގައި މަންމައާއި ޢާއިލާ އޮތްއިރު ސްކޫލްގެ މުދައްރިސުންވެސް މަލަކްގެ ލިސްޓުގެ ކުރިންވަނީ ޖާގަހޯދާފައެވެ.
މުބާރާތުގައި ބައިވެރިވި ހުރިހާ ކުދިންނަށް ވަނަ ނުލިބޭއިރު މިފަހަރު ނުލިބުނު ކުދިން ގަދަ ހިތްވަރާއެކު ކުރިއަށް އޮތް މުބާރާތްތަކަށް ތައްޔާރުވުމަށް މަލަކް ހިތްވަރު ދިނެއެވެ. އަދި މުބާރާތަށް ފަތިރަކުރާނީ ހަމައެކަނި ވަނަ ހޯދުމުގެ ނިޔަތުގައި ނޫންކަމަށާއި، ކޮންމެ ކުއްޖެއްގެވެސް މައިގަނޑު މަޤްސަދަކަށްވާން ވާނީ ރީތިކޮށް ކުށަކާއި ނުލާ ޤުރްއާން ކިޔެވުންކަމަށް މަލަކް ބުންޏެވެ.
ޤުރްއާން ކިޔެވުމާއި ދުރު ކުދިންނަށް މަލަކް ދޭން އޮތީ މުހިންމު މެސެޖެކެވެ. މަލަކް ބުނީ ޤުރްއާން ކިޔެވުމަކީ މީހާއަށް ހިތްހަމަޖެހުން ލިބޭ ކަމެއްކަމަށެވެ. އަދި ކިތަންމެ ހާސްވެ ކަންބޮޑުވާ ވަގުތުވެސް ޤުރްއާން ކިޔަވައިފިނަމަ ހިތްހަމަޖެހުން ލިބޭކަން އަމިއްލައަށްވެސް ތަޖުރިބާކުރެވޭތީ ކޮންމެ ދުވަހަކުވެސް ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ