ސިޓީތަކުންނާއި އަތޮޅު ކައުންސިލްތަކުން ޕާސްޕޯޓުގެ ހިދުމަތް ދެނީ

ރާއްޖޭގެ ހުރިހާ ސިޓީއަކާއި އަތޮޅު ކައުންސިލަކުން ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށުމަށް ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.މޯލްޑިވްސް އިމިގްރޭޝަނާއި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ރަށްރަށުގައި އަދިވެސް ދިރިއުޅެމުން އަންނާތީ ރަށްރަށުން ހިދުމަތް ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ.އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުން ވެސް ގިނަ ބަޔަކު ޕާސްޕޯޓުގެ ހިދުމަތަށް އެދެމުން އަންނާތީ ފަސޭހަ ކުރުމުގެ ގޮތުން ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.މިހާރު ސަރުކާރުން ނިންމާފައި އޮތީ ކޮންމެ ސިޓީއަކާއި ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލްގައި ވެސް ޕާސްޕޯޓު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.އެކަމުގެ މައުލޫމާތު ހިއްސާކުރަމުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވީ، މުވައްޒަފުން ނެގުމުގެ ކަންކަމާ ޕާސްޕޯޓް ސެޓްއަޕް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ."ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅަކުން ފަށާއިރު ވިސްނުމަކީ އިމިގްރޭޝަނުން ދެމުންގެންދާ އެހެން ޚިދުމަތްތައް، މިސާލަކަށް ވިސާގެ ޚިދުމަތް ވިޔަސް އެ ޚިދުމަތްތައް ވެސް އަތޮޅުތަކުން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން،" ޝައްމާން ވިދާޅުވިއެވެ.އޭނާ ވަނީ މިއީ ރަށްރަށުގައި ހުޅުވިގެންދާ ވަރަށް ބޮޑު ވަޒީފާގެ ފުރުސަތެއް ކަން ވެސް ފާހަގަ ކުރައްވާފައެވެ.މީގެ އިތުރުން، ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ހައްދައިދިނުމުގެ ޚިދުމަތް ވެސް ފޯރުކޮށްދޭން ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ