ނިލަންދޫ ސްކޫލް ވައްކަމާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 28 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ވިލިނިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ. ނިލަންދޫ ސްކޫލުގެ ތިޖޫރިން 199،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ނިލަންދޫ ސްކޫލުން ވަގަށް ނަގާފައިވާ ހުރިހާ ފައިސާއެއް ފުލުހުން ވަނީ ހޯދައިފަ އެވެ. އެ މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ