ބެލެވެރިންގެ ނުރުހުމުގައި, ހުޅުމާލޭ ފޭސް ދޭއްގެ ސަލާހުއްދީން ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކުރަނީ މަދު ބަޔަކު ރުއްސަން! ދެދަންފަޅިއަށް ސްކޫލްތައް ހިންގުމަކީ ކުދިންގެ ތައުލީމަަށް އެޅޭ ވަރަށް ބޮޑު ހުރަހެއް!

ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަކޮށްގެން އެއް ދަންފަޅިއަށް ހިންގަމުން އަންނަ ސަލާހުއްދީން ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކުރުމަށް ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ހާމަކޮށްފިއެވެ.
ފޭސް ބުކުގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން، ދެވަނަ ފިޔަވަހިން ސްކޫލް ޖާގައަށް އެދި މިނިސްޓްރީއަށް ތަކުރާރުކޮށް ހުށަހަޅަމުންދާ ކަމަށެވެ.
އެހެންނަމަވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތުދިން ސަލާހުއްދީންގެ ބައެއް ބެލެވެރިން ކިޔައިދިން ގޮތުގައި ސަލާހުއްދީން ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދެމުން ދަނިކޮށް, ކުއްލިއަކަށް އެ ސްކޫލް ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލު ކުރުމަކީ ބެލެނެވެރިން އެދޭ ގޮތެއް ނޫންކަމަށެވެ.
އަދި އެ ބެލެނެވެރިން ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކުރަނީ ފޭސް ދޭއްގައި ދިރިއުޅޭ މަދު ބަޔަކު ރުއްސުމަށް ކަަމަށާއި, އެއީ އެ ސްކޫލުގައި މިހާރު ތައުލީމު ހާސިލް ކުރަމުންދާ އެތައް ދަރިވަރުންނަށާއި ބެލެވެރިންނަށް ކުރިމަތިވެގެންދާނެ ވަރަށް ބޮޑު ތަކުލީފަކަށް ވެގެން ދާނެ ކަމެއް ކަމުގައެވެ.
ބައެއް ފަރާތްތަކުން “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ގޮތުގައި, މަދު ބަޔަކު ރުއްސުމަށް ސަލާހުއްދީން ސްކޫލު ދެ ދަންފަޅިއަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު, އެ ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކޮށްގެން އެ ސްކޫލަށް ވައްދަން އެދޭ ކުދިންގެ ބެލެނެވެރިންގެ ތެރޭގައި ސަރުކާރުގެ އިސް ބައެއް ވެރިންވެސް ހިމެނެއެވެ.
ހުޅުމާލޭ ފޭސް ދޭއްގައި އިތުރު ސްކޫލެއްގެ ބިންގާ މި ސަރުކާރުން އަޅާފައިވި ނަމަވެސް އެމަސައްކަތް އޮތީ ހުއްޓިފައެވެ. އެސްކޫލުގެ ބިންގާ އެޅި ރަސްމިއްޔާތުގައި މުއިއްޒުވަނީ ރަތްދަކަ އަވީގައި ކުޑަކުދިން ލައްވާ ނައްޓުވާ, އެކުދިން ލައްވާ މުއިއްޒުއަށް ކުރުނީސްކޮށް ސަނާ ކިޔުއްވާފައެވެ.
ދެ ދަންފަޅިއަށް ބަދަލު ކޮށްގެން ސްކޫލްތަކުގައި ކިޔަވައިދިނުމަކީ ދަރިވަރުންގެ ތައުލީމަށް ނޭދެވޭ އަސަރު ކުރާކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ސްކޫލެއްގައި އެންމެ ގިނަވެގެންވެސް 1,000 ދަރިވަރުންނަށްވުރެ އިތުރު ވެއްޖެނަމަ ދަރިވަރުންނަށް އެކަށީގެންވާ ތައުލީ ފޯރުކޮށް ދިނުމަށް ހުރަސް އެޅޭކަމަށްވެސް ކަމުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ