އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުންގެ މުސާރައަށް ބަދަލު ގެންނަން ނިންމާ، މުސާރައިގެ އޮނިގަނޑު ރިވިއު ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މިރޭ ސޯސަން ޖަގަހަ ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މުސާރައަށް ބަދަލު ގެންނައިރު ހަމަ ހަމަ ކަމާއެކު އެކަން ކުރުމަށް ބައްލަވާ ކަމަށެވެ.
ތަފްސީލް - އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔެއް ކަމަށާއި އެމީހުންގެ މުސާރަ ރިވިއު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޕައިލެޓުންނާއި އިންޖިނިއަރުންނާ އަދި ކްރޫ އިންނާ އެހެން ގޮސް އޭވިއޭޝަން ދާއިރާ ގައި މަސައްކަތް ކުރާ އެތައް ބައިވަރު މުވައްޒަފުންނެއް އެބަ އުޅޭ.. ލަސްތަކެއް ނުވެ އިރާދަ ކުރެއްވިއްޔާ އޭވިއޭޝަން ދާއިރާގެ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫ އިންނާ. މިހެން ގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލަސްތަކެއް ނުވެ ލިބިގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ ކަމެއް- އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނާނެކަން ރައީސް އިއުލާނު ކުރެއްވި އިރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާ އެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެނީ އަމިއްލަ އެއާލައިންތަކުންނެވެ.
ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަން އިން ހިންގާ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަނީ ބޮޑު ގެއްލުމެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ