ސަރުކާރަށް ފާޑު ވިދާޅުވެ، ގާސިމް ގޮވާލެއްވީ ޔާމީނަށް އިންސާފު ހޯދައިދޭން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ގާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަގުސަދަކީ މިނިވަން ކަމާއި އިންސާފުވެރި ކަމާ އެކު އަދުލު އިންސާފު ގާއިމްކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.
"އެހެންކަމުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހައްގުތައް ފުރިހަމައަށް ލިބެން ޖެހެ. އެއީ ރައީސް ޔާމީން ކަމަށް ވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމަށް ވިޔަސް، އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް. އަދި އެއީ އިންސާނީ ހައްގެއް." ގާސިމް ވިދާޅުވި އެވެ.
ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުމެވެ. އެހެން ކަމުން ކޮންމެދިވެހިރައްޔިތަކަށްވެސް އިސްވެ މިދެންނެވި ހައްޤުތަައް ފުރިހަމައަށް ލިބެން… pic.twitter.com/b4RqlgBhGc
ގާސިމްގެ ޓްވީޓް
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ގާސިމް ވިދާޅުވީ ލަސްކަމެއް ނެތި އިންސާފު ގާއިމްކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ މިސްރާބު މިއަދު ހުރީ އެގޮތަށް ގޮތަށްތޯ މިއަދު ސުވާލު އުފެދޭ ކަމަށް ގާސިމްގެ ޓްވީޓްގައިވެ އެވެ.
ގާސިމް މިގޮތަށް ޓްވީޓް ކުރެއްވިއިރު ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ވަނީ މަޑުޖެހިފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް މަޑުޖެހުނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރެއްގެ ޗުއްޓީ ކުރިއަށް އޮތުމުންނެވެ.
އިސްތިއުނާފް ޝަރީއަތް އަވަސް ކުރުން ޔާމިނަށް މުހިންމު ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ހުކުމުން ސަލާމަތްވެގެން ކަމަށް ވާތީ އެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އޮއްވާ މައްސަލަ ނިންމުމަށް ޕީޕީއެމުން ދަނީ ގޮވާލަމުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހު ބަންދުވާނެ އެވެ. އަދި ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ކުށެއްގައި އަހަރަށް ވުރެ ދިގު ހުކުމެއް އޮތުމަކީ އިންތިހާބުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އޮތް ހުރަހެކެވެ.
ގާސިމް އާއި ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ. ރިޔާސީ އިންތިހާބަށް ދެ މަހަށް ވެފައިވަނިކޮށް ކުރި މި ބައްދަލުވުން ބޭއްވީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް ޕީޕީއެމުން ބުންޏަސް، އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވި ނަމަވެސް، ޖުމްހޫރީ ޕާޓީން ނިންމީ ވަކިން އިންތިހާބަށް ނިކުތުމަށެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" އާ އެކު ޖުމްހޫރީ ޕާޓީން މަޝްވަރާތަކެއް ކުރި ނަމަވެސް އެ މަޝްވަރާތައް މިހާރު ވަނީ ހުއްޓިފަ އެވެ.
ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން "ދަ ޑިމޮކްރެޓްސް" މިހާރު ގެންދަނީ ޕީޕީއެމްއާ އެކު ވެސް މަޝްވަރާތައް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ