ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން، ގަޑިއަށް ޖަލްސާ ނުފެށި ލަސްވެއްޖެ އެވެ. އެއާ އެކު، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޯސް ކުރެއްވީ މަޖިލީހުގައި ސާފު އަގުލަބިއްޔަތެއް އޮންނަ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ޖަލްސާގެ ކޯރަމް އަކީ 22 މެންބަރުންނެވެ. މިއަދު ހެނދުނު 9 ޖެހިއިރު، އެ އަދަދަށް މެންބަރުން ހާޒިރުވެފައި ނުވާ ކަމަށް ނަޝީދު ފުރަތަމަ އިއުލާން ކުރެއްވީ 9:30ގައި ޖަލްސާ ފެށުމަށެވެ.
ތަފްސީލު - ޖަލްސާ ނުފެށި ލަސްވުމުން ނަޝީދު ފުރަތަމަ އެދިވަޑައިގެންވީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެކަން ހައްލުކޮށްދެއްވުމަށެވެ.
"އަޅުގަނޑު އުންމީދު ކުރަން ހައުސް މެޖޯރިޓީ ލީޑަރު [އަސްލަމް] މި ކަމަށް މަސައްކަތް ކޮށްދެއްވާނެކަން. އެނގިވަޑައިގަންނަވާނެ އެމްޑީޕީ އަކީ 56 ގޮނޑިއާ އެކު މަޖިލީހުގައި ތަމްސީލުކުރާ، މަޖިލީހުގެ ބޮޑު ޕާޓީ. އެ ބޭފުޅުންގެ ތެރެއިން ވަރަށް މަދު ބޭފުޅަކު ވަޑައިގެން އިންނެވީ،" އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
އެއާ އެކު، ފަސް މިނެޓަށް މަޑުކޮށްލެވުމަށް ފަހު ކޯރަމް ހަމޭވޯ ބެލިއިރު ވެސް ކޯރަމް ހަމައެއް ނުވި އެވެ. އެހެންވެ، 9:30ގައި ޖަލްސާ ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ޖަލްސާ ބޭއްވުން. އަޅުގަނޑުމެން ކުރަން ހުރި މަސައްކަތް އެބަހުރި. ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް 30ހަކަށް މިނެޓަށް ފަހު، އަލުން މަޖިލިސް ލައިވް ފެށިއިރު ވެސް ކޯރަމް ހަމައެއް ނުވެ އެވެ. ނަޝީދު ވިދާޅުވީ، ކޯރަމް ހަމަވުމަށް މިހާރު ބޭނުންވަނީ ދެ މެންބަރުންނެވެ.
"އެމްޑީޕީގެ ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން މަޖިލީހުގެ ކުޑަ ދޮށުގައި އެބަ ތިބި. އެ ބޭފުޅުން އެތެރެއަށް ވަޑައިނުގަންނަވާ ސަބަބެއް އަޅުގަނޑަކަށް ވެސް އަދި އަމީންއާންމަކަށް ވެސް އޮޅުންފިލާފައެއް ނުވޭ،" އެ މެންބަރުން ތަޅުމަށް ވަދެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވި އެވެ.
އޭގެ 10 މިނެޓެއް ހާއިރު ފަހުން ނަޝީދު ވިދާޅުވީ، ކުޑަދޮށުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން އަދިވެސް ޖަލްސާ ކުރާ މާލަމަށް ވަދެވަޑައިނުގަންނަވާ ކަމަށެވެ.
"އިއްޒަތްތެރި މެންބަރުން އަދިވެސް އެބަ އިއުތިރާޒް ކުރައްވާ މަޖިލިސް ތަޅުމަށް ވަދެވަޑައިގަތުމަށް. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު އެބަތިއްބެވި ކުޑަ ދޮށުގައި. އަދިވެސް މަސައްކަތް ކުރާނަން، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން މަޖިލިސް ފެށޭނެ ގޮތެއް އޮތްތޯ،" ނަޝީދު ވިދާޅުވި އެވެ.
"ހިތާމަ އަކީ އެބޭފުޅުން ވިދާޅެއް ނުވޭ، ވަދެވަޑައިނުގަންނަވާ ސަބަބެއް."
އެއާ އެކު، 10 ޖަހާއިރު ކޯރަމް ހަމަކޮށްގެން ޖަލްސާ ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، މަޖިލިސް ލައިވް މެދުކަނޑާލި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިއަދުގެ ޖަލްސާގެ އެޖެންޑާގެ ބޮޑު ކަމަކަށް އޮތީ، ކޮމިޓީތައް ހުއްޓިފައިވާ މައްސަލަ ހައްލުކުރުމަށް، ކޮމިޓީތައް އަލުން އެކުލަވާލުމަށް ވޯޓަށް އެހުމަށެވެ. އެންމެ ފަހުން ބޭއްވި ތިން ޖަލްސާގައި ވެސް އެ ކަމަށް ވޯޓަށް އަހަން ތާވަލް ކުރި އެވެ. ނަމަވެސް، އެ ދެ ޖަލްސާގައި ވެސް ވޯޓަށް އަހަން ބޭނުންވާ ކޯރަމް ހަމަނުވާތީ، ވޯޓަށް ނޭހި ޖަލްސާ ނިންމާލަން ޖެހުނެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނޭ އެހެން ބައެއް ކަންކަން:
މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ރާއްޖޭގެ 'މަސްކަނޑުން ގެއްލުން ބައި ހޯދުމުގެ މަސައްކަތ'ް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅުއްވި ގަރާރުގެ ބަހުސް ފެށުން
ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ބިލުގެ ބަހުސް ކުރިއަށް ގެންދިއުން
އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވާ ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް ކުރިއަށް ގެންދިއުން
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނުމުގެ ބިލު، ކޮމިޓީން ނިންމި ގޮތަށް ވޯޓަށް އެހުން
ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށުނު؛ ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން ދެކޮޅު ހައްދަވަނީ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ