މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ތެވެލި ކޮންފަރެންސްއާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "ސްޓޫޑަންޓް ރިސާޗް ސިމްޕޯޒިއަމް"، އަންނަ އޯގަސްޓް މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޔޫއިން ކޮންމެ އަހަރަކު ބާއްވާ ތެވެލި ބައިނަލްއަގުވާމީ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 18، އިން 20 ގެ ނިޔަލަށެވެ.
އެ ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ފަހަރުގެ ކޮންފަރެންސްގެ ތީމަކީ "އިވޯލްވިންގ ޕެރެޑައިމްސް: މާޖިން ރިސާޗް، އެވިޑެންސް، އެންޑް ޕްރެކްޓިކްސް" އެވެ.
ތެވެލި ކޮންފަރެންސްގައި ބާއްވާ ސްޓޫޑަންޓް ރިސާޗް ސިމްޕޯޒިއަމްއަކީ އެމްއެންޔޫގައި ބެޗެލާސް ޑިގްރީ ލެވެލްގެ ކޯސްތަކުގައި ތައުލީމު ހާސިލް ކުރަމުންދާ ހުރިހާ ދަރިވަރުންނަށް ހާއްސަ ކޮށްގެން، ދަރިވަރުންގެ މެދުގައި ދިރާސާކޮށް، ސައިންޓިފިކް ޕޭޕަރު ލިޔުމާއި، ސައިންޓިފިކް ޕްލެޓްފޯމުތަކުގައި ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމުގެ ގާބިލް ކަން އިތުރުކުރުމަށްޓަކައި ބާއްވާ ސިމްޕޯޒިއަމްއެކެވެ. އެ ސިމްޕޯޒިއަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ތެވެލި ކޮންފަރެންސްގެ ފުރަތަމަ ދުވަހެވެ.
މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗް (އެމްއެންޖޭއާރު) ގެ ތެވެލި ސްޕެޝަލް އިޝޫގައި އެވޯޑްތަކަށް ހޮވޭ ކަރުދާސްތައް ޕަބްލިޝް ކުރާނެ އެވެ. އަދި ކޮންފަރެންސަށް ހުށަހަޅާ ކަރުދާސްތައް އެމްއެންޖޭއާރުގެ އެހެން އިޝޫތަކުގައި ޕަބްލިޝް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ތެވެލި ކޮންފަރެންސްގެ މަގުސަދަކީ ދިރާސާ ކުރާ މީހުންނަށް ދިރާސާގެ އަލީގައި ހޯދާ ހޯދުންތައް ހުށަހެޅުމަށްޓަކައި އަދި އެފަދަ ސަގާފަތެއް ދަރިވަރުންގެ މެދުގައި އަށަގެންނެވުމަށާއި ދިރާސާ ކުރާފަރާތްތަކާއި ބޭރުގެ ފުންނާބު އުސް ދިރާސާވެރިންނާ އެއް ޕްލެޓްފޯމަކަށް ގެނެސް ގުޅުވައި ދީ ދިރާސާ ކުރުމުގެ އާގޮތްތަކާއި އާހިޔާލުތަކަށް ފުރުސަތު ހުޅުވުމަށް މަގުފަހިކޮށްދިނުމެވެ.
ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް އަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގައުމީ ޔުނިވަސިޓީން ގެންދާ ކޮންފަރެންސެކެވެ.
ތެވެލި ކޮންފަރެންސްގައި އެކި ދާއިރާތަކުން އިނގިރޭސި، ދިވެހި، އަދި އަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެ އެވެ. އަދި ކޮންފަރެންސްގެ ކީ ނޯޓް ސްޕީކާސް ގޮތުގައި ވަޑައިގަންވާ އެކި ދާއިރާތަކުގެ ތަޖުރިބާކާރު އިލްމީ ބޭފުޅުން ނަންގަވައިދެއްވާ "ޕޯސްޓް ކޮންފަރެންސް ސެޝަންސް" އޯގަސްޓް 21، ގައި ކުރިއަށްދާނެ އެވެ.
މިދިޔަ އަހަރު ތެވެލި ކޮންފަރެންސަށް ޖުމްލަ 206 ފަރާތަކުން ޕޭޕަރު ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 40 އަށްވުރެ ގިނަ ޕޭޕަރު ހުށަހަޅާފައިވަނީ ރާއްޖެއިން ބޭރު ގައުމުތަކުގެ ޔުނިވަރސިޓީތަކުގެ ބޭފުޅުންނެވެ.
"ސްޓޫޑަންޓް ރިސަރޗް ސިމްޕޯޒިއަމް" ތެރެއިން "އަންޑަގްރެޖުއޭޓް ރިސާޗް އެކްސެލެންސް" އެވޯޑް އަދި "ބެސްޓް ފެކަލްޓީ އެވޯޑް" ވެސް ހޮވުން އޮންނާނެ އެވެ.
ތެވެލި ކޮންފަރެންސާއެކު ސްޓޫޑަންޓް ރިސާޗް ސިމްޕޯޒިއަމް އޯގަސްޓު މަހު ބާއްވަނީ ތެވެލި ކޮންފަރެންސާއެކު ސްޓޫޑަންޓް ރިސާޗް ސިމްޕޯޒިއަމް އޯގަސްޓު މަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ