2018 ގައި ރައީސް ޞާލިހާ ސިއްރުން ބައްދަލުކޮށް, އެކުގައި ވާކަމަށް ބުނިން: މައުރޫފު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެމްޑީއޭ އޮތީ ހަޤީގަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެކުގައިކަމަށް އެމްޑީއޭގެ ނައިބުރައީސް އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ. 
މ. މުލަކުގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފު ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރުމަށް އެމްޑީއޭއިން އަދާކުރި ސިއްރު ރޯލުގެ ވާހަކަތައް ހާމަކުރައްވާފަ އެވެ. 
އެގޮތުން މައުރޫފު ވިދާޅުވީ އެމްޑީއޭގެ މުއައްސިސުން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ސިންގަޕޫރުގައި ރައީސް ޞާލިހާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މައުރޫފުގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. 
Advertisement
އެ ބައްދަލުވުމަށްފަހު ރިޔާސީ އިންތިޚާބުގައި ސިޔާމު ހުންނެވީ ހަޤީގަތުގައި ރައީސް ޞާލިހުގެ ފަހަތްޕުޅުގައިކަމަށް މައުރޫފު ވަނީ ވިދާޅުވެފަ އެވެ. އަދި އެ އިންތިޚާބު ކާމިޔާބުކުރުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އެމްޑީއޭއިން ކޮށްފައިވާނެކަމަށް މައުރޫފު ވަނީ ވިދާޅުވެފަ އެވެ. 
"ސިންގަޕޫރަށް ގޮސް ހޮލިޑޭއިންގައި ސިއްރު ބައްދަލުވުމެއް ބޭއްވިން، އިސްލާމް ދީނުގައިވެސް ހުއްދަ ކަމެއް ބިރުވެރިކަމުގެ ހާލަތުގައި ސިއްރިއްޔާތުގައި ކަންތައް ކުރުމަކީ އެންމެ ބުއްދިވެރިންގެ ގޮތް ކަމުގައި އަޅުގަނޑުމެން ދެކުނިން. އަޅުގަނޑުމެން ޔަގީންކަން އެރުވިން މިތިބީ ރައީސްއާ އެކީގައޭ 2018ގައި"
އެމްޑިއޭގެ ނައިބު ރައީސް މައުރޫފު
މައުރޫފު ވަނީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުކޮށްފަ އެވެ. އަދި ރައީސް ޔާމިނަކީ ހަރުކަށި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. 
އެ ވެރިކަމަކީ މަސައްކަތް ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރަން އުނދަގޫ ވެރިކަމެއް ކަމަށާއި، ފާޅުގައި ރައީސް ޔާމިނާއި ދެކޮޅަށް ތެދުވި ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާތީ ސިއްރު ބައްދަލުވުމެއް ބާއްވާ އެމްޑީއޭއިން މަސައްކަތް ކުރީ އެ ވެރިކަން ބަދަލުކުރުމަށް ކަމަށް މައުރޫފު ވިދާޅުވި އެވެ. 
"ބޮޑު މުސީބާތަކަށް އަޅުގަނޑުމެންނަށްވީ، މިއިތޯ ވެރިކަން ކުރަން ގާބިލް މީހުންނަކީ، ވެރިކަން ނުކުރެވެންޏާ، ވެރިކަަމަށް ކުރިމަތިނުލީމަ ރަނގަޅުވާނީ، ގާބިލްކަމަކީ ވެރިކަމަށް ކުރިމަތިލާ މީހާ މީހުންނާއި އެކީގައި އުޅެން ދަސް ކުރުން"
އެމްޑިއޭގެ ނައިބު ރައީސް މައުރޫފު
މައުރޫފު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ކިބައިން ފެނިގެންދަނީ ކެތްތެރިކަމާއި މަޑުމައިތިރިކަން އިސްކުރާ މަންޒަރުކަމަށެވެ. އަދި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް އޮތް ބޭފުޅުންނާއި އެކުވެސް ގުޅިގެން މަސައްކަތްޕުޅު ކުރައްވާ މަންޒަރުކަމަށެވެ. 
އެމްޑީއޭއަށް މަސައްކަތް ކުރެވޭނީ އެފަދަ ލީޑަރަކާއި އެކުގައި ކަމަށާއި، ކުރިއަށް ރިޔާސީ އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބުކޮށްދިނުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް އެމްޑީއޭއިން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް މައުރޫފު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ