ގާސިމް އިންތިހާއަށް ކޯފާވުން، ބުނެދެނީ ކޮން ވާހަކައެއް؟

ކުރިއާލާ ހަދާފައިވާ ޝެޑިއުލްއަކަށް ރަށަކަށް ވަޑައިގެން، މަރުހަބާ ދަންނަވަން ނުކުމެ ތިބި މީހުންނާ ސަލާމް ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަންވީމާ އެ ހުންނެވުނީ ކޮން ރަށެއްގައިކަން އެ ބޭފުޅާ ހަނދުމަފުޅެއް ނުހުރެއެވެ. އެހެން ރަށަކަށް ވަޑައިގެންނެވިއިރު އެއްވެ ތިބި މީހުން މަދުވީމައި ލައިވް ޓީވީގައި ކޯފާ އިސްކުރައްވައި ވިދާޅުވީ އެކަކު ނަޔަސް ވަރިހަމަ ކަމަށެވެ. ހިތުގެ ބޮޑު އޮޕަރޭޝަންތައް އެމަނިކުފާންގެ ހަރަދުގައި ކޮށްދެއްވިކަން ހާމަކުރައްވަން އަތުން އިޝާރާތް ކުރެއްވީ ބޮލަށެވެ. ވާހަކަ ދައްކަވަން ހުންނަވާފައި ކަންކަން ހަނދުމަފުޅު ނެތިގެން މައިކަށް އަޑުއަރާވަރަށް އެހެން މީހުންނާ ސުވާލު ކުރުން ގިނަވެއްޖެއެވެ. މިހެންގޮސް އެތައް ކަމެކެވެ. މިއީ ތިން ވަނަ ފަހަރަށް ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރައްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް މި ފަހަރުގެ ކެމްޕެއިންގައި ފެނިގެންދާ ގޮތެވެ. ސޯޝަލް މީޑިއާގައި މީހުން ސަކަރާތް ޖެހުމަށް މިހާރު އެންމެ ގިނައިން ޝެއާ ކުރަމުން އަންނަނީ ގާސިމްގެ ވީޑިއޯ ކްލިޕްތަކެވެ. ފެމެލީ ގުރޫޕުތަކުގައި ވެސް އެ ވީޑިއޯތަކެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ އެޑްވައިޒަރުން ގިނަ ގާސިމް ދައްކަވާ ވާހަކަފުޅުތައް މީހުން ޖޯކަކަށް ހަދަން ފަށައިފިއެވެ. އެ އެޑްވައިޒަރުންނަށް އެކަން ރަނގަޅު ކުރެވޭ މަންޒަރެއް ނުފެނެއެވެ. https://twitter.com/ahmed_nihan/status/1693156851771375821 ގާސިމް ކޯފާ އިސްކުރައްވާފައި ހުންނަވަނިކޮށް ފެނުމަކީ އާ ކަމެއް ނޫނެވެ. އާ ގާނޫނު އަސާސީ އެކުލަވާލިއިރު މަޖިލީހުގެ ރައީސްއަކަށް އިންނެވީ ގާސިމެވެ. މަޖިލީހުގެ ތަޅުން ހޫނުވާ ވަގުތުތަކުގައި ގާސިމް ކޯފާވެފައި ހުންނަވަނިކޮށް އާއްމުކޮށް ފެނެއެވެ. ނަމަވެސް ގާސިމް ގިނައިން އާއްމުންނަށް ފެންނަނީ އަބަދު ކޯފާ އިސްކުރައްވައިގެން އުޅުއްވާ ތަނެއް ނޫނެވެ. އެއީ އޯގާތެރި، ހެޔޮ ބޭފުޅެކެވެ. މިފަހަރުގެ ކެމްޕެއިންގައި މި ފެންނަނީ އެހެން ގާސިމެކެވެ. އަބަދުހެން ހުންނަވަނީ ކޯފާ އިސްކުރައްވައިގެންނެވެ. ބައެއް ރަށްރަށުގައި އާއްމުން ދައްކާ ވާހަކައަށް ކޯފާވެ ހުންނަވައި ރައްދު ދެއްވައެވެ. ދިވެހި އާއްމު ރައްޔިތުންނާއި ގައުމަށް މާލީ ގޮތުން އެންމެ އެހީތެރިކަން ފޯރުކޮށްދެއްވި އަމިއްލަ ފަރުދުންގެ ލިސްޓުގެ ކުރިން ގާސިމަށް ޖާގަ ލިބޭނެއެވެ. ދިވެހީންނާއި ގައުމު ދެކެ ލޯބިވާކަން އެބޭފުޅާ ވަނީ ސާބިތު ކޮށްދެއްވާފައެވެ. އެތައް ހާސް ދިވެހީންނަކަށް އެބޭފުޅާގެ ހަރަދުގައި ކިޔަވައި ދެއްވިއެވެ. ބޮޑެތި ބަލިތައް ޖެހިފައިވާ އެތައް ހާސް ބަޔަކަށް މާލީގޮތުން ބޮޑެތި އެހީތައް ދެއްވިއެވެ. ކެމްޕެއިންތަކާ ދިމާކޮށް އެބޭފުޅާ ކޮށްދެއްވި އެފަދަ ކަންކަމުގެ ވާހަކަ ދެއްކުމަކީ އާ ކަމެއް ނޫނެވެ. އެކަމަކު މި ފަހަރު އެވާހަކަ ދައްކަނީ މާ ގިނައިންނެވެ. ގާސިމް ރަށަކަށް ވަޑައިގެން ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ޖޭޕީ "ގާސިމްގެ އެހީތެރިކަން ލިބުނު އާއްމުން ލަދުގަންނަ ވަރަށް މިހާރު އެބަ ވިދާޅުވޭ ކަންކަން ކޮށްދެއްވި ވާހަކަ. އަބަދުވެސް ކެމްޕެއިންތަކުގައި އެ ވާހަކަ ދައްކަވާނެ. އެކަމަކު މިފަހަރު ކޯފާ އިސްކުރައްވައި އަބަދު ކަންކަން ކޮށްދިން ވާހަކަ އެ ދައްކަނީ ހަގީގަތުގައި ވެސް އެހީ ލިބުނު މީހުން ލަދުގަންނަ ވަރަށް،" ގާސިމްގެ އަރިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ. މި ފަހަރުގެ ކެމްޕެއިންގައި ތަފާތު ގާސިމެއް ފެންނާތީ ކުރެވޭ ސުވާލަކީ މިހާ ބޮޑު ބަދަލެއް އެ ބޭފުޅާއަށް އައިސްގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ ދުރުގައި ބަލަން ތިބި މީހުންނަށް ފެންނަ މަންޒަރަކީ އެބޭފުޅާ އުއްމީދު ކުރި ވަރުގެ ސަޕޯޓެއް ރަށްރަށުން ނުލިބުމެވެ. އެޑްވައިޒަރުން ދެއްކި ވާހަކައާއި ފެންނަ މަންޒަރާ ދިމާނުވަނީ ކަމަށް ވުން ގާތެވެ. ބައެއް ރަށްރަށަށް ގާސިމް ވަޑައިގަންނަވާއިރު މަރުހަބާ ދެންނެވުމަށް ސަލާމް ކުރައްވާ ސަފުގައި ތިއްބަވަނީ މާލެއިން އެކުގައި ކެމްޕެއިނަށް ވަޑައިގެންނެވި ބޭފުޅުންނެވެ. އެހާ ވަރަށް ބައެއް ރަށްރަށުގައި ތާއީދު ކުޑައެވެ. މިއީ ގާސިމް ކޯފާ ވެފައި ހުރުން އިތުރުވާ ސަބަބަކަށް ވުން ގާތެވެ. ގާސިމް ކުރިމަތި ނުލައްވާނެ ކަމަށް ވެސް ބެލެވުނު މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި އަދިވެސް ޖޭޕީ ހިމެނޭއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ހޯދައި ދެއްވަން ގާސިމް ތާއީދު ކުރައްވާނެ ކަމަށް ވެސް އިރެއްގައި ބެލެވުނެވެ. އެއީ މިވެރިކަން ނޫނިއްޔާ ވޭތުވެދިޔަ ހުރިހާ ވެރިކަމެއްގައި ވެސް ގާސިމްގެ ވިޔަފާރިއާއި އެމަނިކުފާނަށް ގެއްލުންތައް ދީފައި ވުމުންނެވެ. މިވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް މިނިސްޓަރުކަން ދެއްވުމުގެ އިތުރުން ސަރުކާރުގެ ތެރެއިން ގިނަ މަގާމުތަކަކާއި ބާރުތަކެއް ރައީސް ޞާލިޙް ގާސިމަށް ދެއްވިއެވެ. ރައީސް ޞާލިޙާ ދެކޮޅަށް އިންތިޚާބަށް ނުކުންނަވައިގެން އުޅުއްވާއިރު އަދި ވެސް އެ މަގާމުތަކުގައި ގާސިމްގެ ބޭފުޅުން އެބަތިއްބެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ގާސިމް ރަސްމީކޮށް ފައްޓަވައި، ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވަން ވެސް މި ފެށީ ވަރަށް ފަހަކުންނެވެ. އެންމެ ފުރަތަމަ ބެލެވުނީވެސް ރިޔާސީ ރޭހަށް ގާސިމް ނުނިކުންނަވާނެ ކަމަށެވެ. ކަން ހިނގިގޮތުން ލަފާ ކުރެވޭގޮތުގައި މިފަހަރުގެ ރިޔާސީ ރޭހަށް ގާސިމް ނެރުއްވުމުގެ އަޑީގައި އެންމެ ބޮޑަށް ހުންނެވީ ރައީސް މުޙައްމަދު ނަޝީދެވެ. އަދި އަރިހުގައި ތިއްބެވި، ޒަމާންވީ ބައެއް އެޑްވައިޒަރުންނެވެ. https://sun.mv/180190 ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ މައްސަލަ ޖެހުނުއިރު ސަރުކާރު ކޯލިޝަން އޮތީ ބަދަހިކޮށެވެ. ގާސިމް، ރައީސް ޞާލިޙާއެކު ހުންނެވުމުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުމުގެ ފުރުސަތު ރައީސަށް ވަރަށް ބޮޑަށް އޮތެވެ. އެއާއެކު ނަޝީދު ފާޅުގައި ވިދާޅުވަމުން ގެންދެވީ މިފަހަރަކީ ގާސިމް ވެރިކަމަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ފުރުސަތެއް އޮތް ފަހަރު ކަމަށެވެ. އެއާއެކު ނަޝީދުގެ އަރިސްބޭފުޅުންނާއި ގާސިމާއެކު ގިނަ މަޝްވަރާތަކެއް ކުރެއްވިއެވެ. ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައި ދެ ބޭފުޅުންނާއި އަރިސް ބޭފުޅުން ވަގުތު ހޭދަ ކުރެއްވިއެވެ. އެކަމަކު ނަޝީދު ވެރިކަމަށް ވަޑައިގެންނެވޭ ގޮތަށް ބަރުލަމާނީ ނިޒާމެއް ގެންނަން ޝަރުތުކޮށް ހުށަހެޅުންތަކެއް ހުށަހެޅުމުން ގާސިމް އެކަމަށް އެއްބަހެއް ނުވިއެވެ. އެއާއެކު ދެބޭފުޅުންގެ ގުޅުން ގޯސްވިއެވެ. އެހާ ހިސާބުން ގާސިމް އެބޭފުޅާގެ އަމިއްލަފުޅު ޓީވީއަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ ފައިސާގެ ގޮތުން ދަތި ދުވަސްތަކެއް ކަމަށް ވިދާޅުވުމުން ވެސް، ވެރިކަމަށް ނުކުތުމަށް ނަޝީދު ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމަށެވެ. ނަމަވެސް ނަޝީދު މަސައްކަތް ކުރެއްވީ އެބޭފުޅާ ބޭނުންކުރައްވައިގެން ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ކަމަށާއި ނަޝީދު ނޫން ބޭފުޅަކު ވެރިކަން ކުރަން އެމަނިކުފާން ބޭނުންފުޅު ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެހާ ހިސާބަށް ކަންކަން ގޮސްފައި ދެން ފެނުނީ ގާސިމާއި ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އެއް މޭޒަކަށް ވަޑައިގެންނެވިތަނެވެ. އެ މަޝްވަރާތަކަށް ފަހު ތިން ބޭފުޅުން އެކުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވިދާޅުވީ އެއް ކެންޑިޑޭޓެއް ނެރެން އެއްބަސްވެވިއްޖެ ކަމަށެވެ. ނަމަވެސް އެ ކަމެއް އެއްގޮތަކަށް ވެސް ނުހިނގިއެވެ. އެއަށްފަހު ވެސް ނަޝީދު، ގާސިމަށް ބޮޑު ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. އެއީ، މަޖިލީހުގެ 13 މެންބަރުން ޑިމޮކްރެޓްސްއާ ގުޅުވައި ދިނުމަށެވެ. އޭރުން ރިޔާސީ އިންތިޚާބުގައި ވާދަނުކޮށް ޑިމޮކްރެޓްސްއިން ގާސިމަށް ތާއީދު ކުރާނެ ކަމަށެވެ. https://sun.mv/180500 ގާސިމްގެ އަރިސް ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގެ އެ ހުށަހެޅުމަށް ގާސިމް އެއްބަހެއް ނުވިއެވެ. "ގާސިމް މެންބަރުންތަކެއް ހޯދައި ޑިމޮކްރެޓްސްއަށް ދިނުމަށް އެދުމުން ގާސިމް ވިދާޅުވީ އެކަމަށް ހޭދަ ކުރުމަށް ވުރެން ކެމްޕެއިނަށް ހަރަދު ކުރުން ވެސް މާ ރަނގަޅު ވާނެ ކަމަށް. އެކަމަށް ސީދާ ނޫނެކޭ ވިދާޅުވި،" ގާސިމްގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވިއެވެ. ނަމަވެސް ޑިމޮކްރެޓްސްއިން އެ ހުށަހެޅުން ހުށަހެޅިކަން އެ ޕާޓީއިން ދޮގުކުރެއެވެ. ގާސިމްގެ އެ ނިންމުން ޑިމޮކްރެޓްސްއަށް އެންގުމާއެކު ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް އަމްރު ހަމަޖައްސައި ވަނީ ފޯމް ހުށަހަޅައިފައެވެ. ގާސިމްގެ ރަނިންމޭޓަކަށް ވުމަށް ޕާޓީގެ ބޭރުން ވެސް އެބޭފުޅާ ބައެއް އިލްމުވެރި ބޭފުޅުންނަށް ދައުވަތު ދެއްވިއެވެ. ނަމަވެސް އެކަމަށް އަލިމަގެއް ނުފެނުނެވެ. އެންމެ ފަހުން ރަނިންމޭޓަކަށް ހަމަޖެއްސެވީ ގާސިމްގެ ވަރަށް އަރިސް، އަދި އެކުގައި އުޅުއްވާތާ ގިނަ އަހަރުތަކެއް ވެފައިވާ ޑރ. އަމީން އިބްރާހީމެވެ. މިހާރުގެ ސިޔާސީ މައިދާން ފެންނަ ގޮތުން ކުޑަކޮށް ނަތީޖާ އަންދާޒާ ކޮށްލަމާތޯއެވެ. ފެންނަ މަންޒަރަކީ އެންމެ ބޮޑަށް ވާދަ ކުރައްވާނީ ރައީސް ޞާލިހާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ. ތިން ވަނައަށް ވާދަ ކުރައްވާތަން ފެންނަނީ ގާސިމާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. ދެވަނަ ބުރަކަށް ގާސިމަށް ވަޑައިގެންނެވޭ މަންޒަރެއް އަދި ނުފެނެއެވެ. އެހެންކަމުން މިފަހަރު ވެސް ގާސިމަށް ޖެހޭނީ އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް ބޭފުޅަކު ރައީސްކަމަށް ހޮވައިދިނުން ކަމަށް ބެލެވެއެވެ. ހަގީގަތުގައި ކޯފާ އިސް އެ ކުރައްވަނީ މި ސަބަބާ ހުރެ ކަމަށްވުން ގާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ