ޝަހީދު ހުސައިން އާދަމްގެ ބައްޕަ ނިޔާވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހް އެ މަރްހޫމުގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީދު ހުސައިން އާދަމް އަކީ ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ބޭފުޅެއްކަމަށެވެ.
ރައީސް ވިދާޅުވީ ޝަހީދު ހުސައިން އާދަމްގެ ބައްޕަ އާދަމް މުޙައްމަދު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމަ އާއި އެކުގައި ކަމަށެވެ. އަދި މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާކަމަށެވެ.
ދިވެހިން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޝަހީދު ޙުޞައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ އާދަމް މުޙައްމަދު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކު. މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި - އާމީން.
— Ibrahim Mohamed Solih (@ibusolih) August 28, 2023
މައުލޫމާތުލިބިފައިވާ ގޮތުގައި އާދަމް ނިޔާވީ މުސްކުޅި ބަލީގައި ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާ ނިޔާވިއިރު އުމުރަކީ 89 އަހަރެވެ.
އާދަމް ނިޔާވިއިރު އޭނާގެ އަންބަކާއި ހަ ދަރިން ދުނިޔޭގައި އެބަތިއްބެވެ.
އުމުރުން އެންމެ 21 އަހަރުގައި ކުޅުދުއްފުށީ މާވާގޭ ހުސެން އާދަމް ޝަހީދުވީ 3 ނޮވެމްބަރު 1988 ގައި މާލެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ މައި މަރުކަޒުގެ އައްޑަނައަކަށް ވެވަޑައިގެން ދުޝްމަނުންނާއި ދެކޮޅަށް ބަޑިޖައްސަވަމުން ގެންދަވަނިކޮށް އެ ހިތްވަރު ގަދަ ބަތަލުގެ ގަޔަށް ވަޒަން އަރައިގެންނެވެ.
ޝަހީދު ހުސައިން އާދަމްގެ ބައްޕަ ނިޔާވުމުން، އާއިލާއަށް ރައީސްގެ ތައުޒިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ