ނަހުލާ އަކީ މިނިވަނެއް، އޭނާ އުޅޭ ގޮތް ފަހަތުން ފާރަލައިގެން ބެލުމުގެ ޝައުގެއް ނެތް: ގާސިމް
އަނބިކަނބަލުން އައިޝަތު ނަހުލާއަކީ މިނިވަނެއް ކަމަށާއި އެހެންވެ، އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ފަހަތުން ބަލައި ފާރަ ލުމުގެ އެއްވެސް ޝައުގެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކުރިއަށް ދާނެ ގޮތެއް ނިންމުމަށް ޓަކައި މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ރިޔާސީ އިންތިޚާބުގައި ފިރިކަލުން ގާސިމަށް ތާއީދު ހޯދުމަށް ނަހުލާ ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް މި އިންތިޚާބުގައި ވޯޓެއް ނުލައްވައެވެ. އަދި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވެސް ނަހުލާ ބައިވެރިވަޑައެއް ނުގަންނަވައެވެ. މިކަމާ ގުޅިގެން އެއީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ އަނތްބަކަށް ވީތީ ނުވަތަ ދަރިއަކަށް ވީތީ ކަމެއް ވަކި ގޮތަކަށް ކުރުން މަޖުބޫރު ނޫން ކަމަށާއި ރާއްޖޭގެ ގާނޫނު އޮތް ގޮތުން ވެސް އަނބިކަނބަލުން ނަހުލާއަކީ މިނިވަނެއް ކަމަށެވެ. "އޭނާ [ނަހުލާ] އަކީ މިނިވަނެއް. އަޅުގަނޑުގެ އަންހެނުންނެއް ކަމަކު ކީރިތި ރަސޫލާ (ސއވ) ގެ ހައްޖަތުލްވަދާއުގައި ވެސް އަޅުގަނޑުމެންނަށް އަންގަވާފައި އޮތީ ފިރިމީހާ އަނބިމީހާއަށް އިހުތިރާމް ކުރާށޭ. އަނބިމީހާ ފިރިމީހާއަށް އިހުތިރާމް ކުރާށޭ. އެހެންވީމަ އަޅުގަނޑުގެ އެއްވެސް "އިންޓަރެސްޓް"އެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ފަހަތުން ބަލާ ފާރަ ލައިގެން އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ނަހުލާ ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ އިޚުތިޔާރާއި މިނިވަންކަން އޮންނާނެ ކަމަށާއި އެކަމާ އޭނާ ނުބެހޭނެ ކަމަށާއި އޭނާގެ ހުރިހާ ވެސް ޝައުގެއް އޮތީ އިސްލާހީ މަސައްކަތަށް ކަަމަށެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް ޖުމްހޫރީ ޕާޓީގެ މައި އިދާރާ މ. ކުނޫޒުގައި މިއަދު މެންދުރުފަހު ބޭއްވި އެ ޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ ދެވަނަ ބުރުގައި އެއް ވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ