އިލެކްޝަނަށް ހުށަހަޅަން އުމަރު 2،000 ސޮއި ހަމަކޮށްފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް އުމަރު ނަސީރު އޭނާގެ ކެނޑިޑަސީ ފޯމާއެކު އިލެކްޝަނަށް ހުށަހެޅުމަށް 2،000 ސޮއި ހަމަކޮށްފިއެވެ.
ކެނޑިޑަސީ ފޯމާއެކު ހުށަހެޅުމަށް ބޭނުންވާ 1،500 ސޮއި ހަމަކުރެއެވިއްޖެކަން ހާމަކުރުމަށް އޭނާގެ ކެމްޕޭން ޓީމާއެކު މިރޭ ލައިވްކޮށް ބޭއްވި ފޭސްބުކު އިވެންޓުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މިހާރު ހަމަކޮށްފައިވާ 2،000 ސޮޔަކީ އެންމެ 5 ދުވަހުގެ މަސައްކަތް ކަމުގައެވެ. އަދި ސޮއި އިތުރުކުރުމަށް ވަރަށް ގިނަ ގެތަކަށް އިތުރަށް ދިއުމަށް އޭނާ ނިންމަވާފައިވާ ކަމުގައެވެ.
އުމަރު ވިދާޅުވު ގޮތުގައި އޭނާގެ ކެނޑިޑަސީ ފޯމު ހުށަހެޅުމަށް ބޭނުންވާ 1،500 ސޮއި ހޯދުމަށް އޭނާ ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، ވަރަށް ގިނަ ފަރާތްތަކުން އޭނާއަށް ގުޅާ، ފޯމުގައި ސޮއި ކުރުމަށް ބޭނުންވާކަން އޭނާއަށް ގުޅާ ފާޅުކޮށްފައި ވެއެވެ.
އަދި އުމަރު ވިދާޅުވީ އޭނާގެ މަގުސަދަކީ ވަކި ބޭފުޅަކު ބަލި ކުރުމަށްވުރެ ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލު ހޯދުން ކަމުގައެވެ.
އަޅުގަނޑަށް ފާހަގަ ކުރެވުނީ މިއީ ކެމްޕޭނަކަށް ވުރެ ބޮޑަށް ހަރަކާތެކޭ. މޫވްމެންޓަކަށް މިހާރު ބަދަލު ވެއްޖެ. ވަރަށް ގިނަ އާންމުން މީގަ ބައިވެރިވެ، މި ހުދު ވަލުގައި ވަރަށް ގިނަ ބަޔަކު ހިފައިފި.
މިރޭ ކުރިޔަށްދިޔަ ފޭސްބުކު ލައިވް އިވެންޓުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ 2،000 ސޮއި ހަމަކޮށްފައިވަނީ ވޮލަންޓިއަރުންގެ ބުރަ މަސައްކަތުން ކަމަށާއި، އެހެންކަމުން އެހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާ ކުރައްވާ ކަމުގައެވެ.
މި މަސައްކަތުގައި އަޅުގަނޑުގެ ވޮލެންޓިއަރުން ހިލޭ ސާބަހަށް މަސައްކަތް ކުރެއްވި، އެހެންވީމަ އަޅުގަނޑުމެންގެ ވޮލެންޓިއަރުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. މި ބޭފުޅުން އަމިއްލަ ވަގުތުުގައި ސަޕޯޓަރުންގެ ގޭގެއަށް ވަޑައިގަންނަވާ މި ސޮއިތައް ހަމަކޮށްދެއްވީތީ.
އޭނާ އިތުރަށް ވިދާޅުވީ އޭނާ ކުރައްވަމުން ގެންދަވާ ކެމްޕޭން މިހާރު “މޫވްމަންޓް”އަކަށް ބަދަލުވެގެން ގޮސްފައިވާކަމަށާއި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކޮށްފައިވަނީ، ވެރިކަން ކުރާ އެމްޑީޕީންނާއި، އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީންނެވެ. އޭގެ އިތުން އެމްއާރުއެމްއިންވެސް މިހާރު ގެންދަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންލައިންކޮށް ބޭއްވުމަށް ތައްޔާރު ވަމުންނެވެ. އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ޕާޓީގެ ރައީސް ފާރިސް މައުމޫންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ