ދެ ނޫސްވެރިން ޖަލަށް: މީޑިއާ ކޮމިޝަނުގެ ޖަވާބެއް ނެތް!

އޮންލައިން ނޫސް 'އަދަދު' ގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލައްލާފައި ވާއިރު، މި މައްސަލައާ ގުޅިގެން މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިހާތަނަށް އެއްވެސް ޖަވާބެއް ނުދިނެވެ. މި ދެ ނޫސްވެރިން ޖަލަށް ލުމަށް ހުކުމް ކުރީ ގަޒުފުކުރިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. https://sun.mv/221890 ކޯޓުން ވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ އަޑުއެހުންތައް ބާއްވާފައި ވަނީ ސިއްރުކޮށްގެންނެވެ. 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ "ސަން" އަށް ވިދާޅުވީ، ދެ ނޫސްވެރިން ހައްޔަރުކުރީ ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. ލީވާން ކޯޓަށް ހާޒިރުކުރީ ކޯޓު އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށްވާއިރު، ޝަހުޒާން ހާޒިރުކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި މައްސަލައިގައެވެ. https://sun.mv/221868 ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު މި ސަރުކާރުން އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިކަމުގައި ހަނު އޮތްއިރު، 'ސަން' އިން އެ ކޮމިޝަނުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މި ކޮމިޝަނަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ