ތިމާވެށްޓަށް ނުބަލާ ކ. އަތޮޅުގައި ބިން ހިއްކާ ކަމުގެ ޝަކުވާތައް ވަނީ ލިބިފައި، ފިޔަވަޅު އަޅާނަން: އީއާރުއޭ
ކ. އަތޮޅުގައި ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ބެލުމެއްނެތި ހިންގަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް، އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އިން ބުނެފިއެވެ. ރޭ ކުރި އިއުލާނެއްގައި އީއާރުއޭއިން ބުނީ، ކ. އަތޮޅުގައި ކުރިއަށް ގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް އެ އިދާރާއަށް ލިބެމުން އަންނަ ކަމަށެވެ. އެ ޝަކުވާތަކުގެ ތެރޭގައި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި މަސައްކަތް ކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ މޫސުމާ ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުވެސް މަސައްކަތް ކުރަމުން ދިއުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ޝަކުވާތަކާ ގުޅިގެން، މަޝްރޫއުތައް ހިންގާ ގޮތް ގާތުން ބަލަމުން އަންނަ ކަމަށް، އީއާރުއޭން ބުންޏެވެ. އަދި އެ އިދާރާއިން ހުއްދަދީފައިވާ ގޮތާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް، އެ އިދާރާއިން ބުންޏެވެ. އީއާރުއޭން ވަނީ، އެ އިދާރާއިން ފާސްކޮށްފައިވާ އީއައިއޭތަކާއި ދޫކޮށްފައިވާ ހުއްދަތަކާ އެއްގޮތަށް މަޝްރޫއުތައް ހިންގަން އިލްތިމާސްކޮށްފައެވެ. އެކި ރަށްރަށުގައި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތައް އެންމެ ގިނައިން ހިންގަނީ ސަރުކާރު ކުންފުނި އެމްޓީސީސީންނެވެ. އެގޮތުން ކ. ދިއްފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ބިންހިއްކުމާއި އެ އަތޮޅު މާފުށްޓާއި ހުރާގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ ދަށުން އާންމުކޮށް ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތް ކުރެއެވެ. ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުގެ މައި މަޝްރޫއު ކަމަށްވާ ކ. ފުށިދިއްގަރު ފަޅުގައި "ރަސްމާލެ" ހިއްކުމުގެ މަޝްރޫއު މިހާރު އެބަ ކުރިއަށް ދެއެވެ. އެގޮތުން މިމަހުގެ ފުރަތަމަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައިވަނީ ދުނިޔޭގައި އޮތް އެންމެ ބޮޑު 'ޓްރެއިލާ ސަކްޝަން ހޮޕާ' ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނައަށް ހަލުވި ކޮށްފައިވާ ކަމަށެވެ. https://sun.mv/214723 'ކްރިސްޓަބެލް ކޮލޯން' ކިޔާ އެ ޑްރެޖަރު މިދިޔަ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު ރަސްމާލެ ސަރަހައްދުގައި މޮބިލައިޒް ކޮށްފައިވާ ކަމަށާއި، އެ ރޭ ފަތިހު ވެލި ނަގަން ފަށާފައިވާ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައިވެއެވެ. އަދި މިމަހުގެ ފުރަތަމަ ދުވަހުގެ މެންދުރު ކުރީކޮޅު ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް އެ މަނިކުފާނު ލިޔުއްވާފައިވެއެވެ. ރަސްމާލެއަކީ 100 ޕަސެންޓު ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ތަނެއްކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެއީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެ ކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ. ރަސްމާލޭގެ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއިރު އެމަނިކުފާނު މީގެ ކުރިން ވިދާޅުވި މުއްދަތަށް އެ މަސައްކަތް ނުނިމުމުން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކަން ފެށީ ޑިސެމްބަރު 18، 2023ގައި އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް، މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ. ރަސްމާލޭގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް ވަނީ ބައްލަވައިލައްވާފައެވެ. އެގޮތުން ސައިޓް-ޖޭ އެއްކޮށް ހިއްކާފައިވާ ކަމަށާއި، ސައިޓް-އެލް ގެ 25.53 ޕަސެންޓު، އަދި ސައިޓް-ސީގެ 20.09 ޕަސެންޓު ހިއްކާފައިވާ ކަމަށް އެ ދުވަހު ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ