ފޭސްބުކްގައި 2 ލިންކަށްވުރެ ގިނައިން ޝެއާކުރާ ނަމަ މަހު ފީއެއް ނަގަނީ
ސޯޝަލް މީޑިއާގެ އެންމެ ބޮޑު ޕްލެޓްފޯމް ފޭސްބުކް ބޭނުންކުރާ ބައެއް ފަރާތްތަކުން މަހަކު ދެ ލިންކަށް ވުރެ ގިނައިން ހިއްސާކުރަން ބޭނުންނަމަ, މަހު ފީއެއް ދައްކަންޖެހޭ ގޮތަށް މެޓާއިން ޓެސްޓުކުރަން ފަށައިފިއެވެ. އިނގިރޭސިވިލާތާއި އެމެރިކާގެ ބައެއް ޔޫޒަރުންނަށް މިހާރު ފޮނުވަން ފަށާފައިވާ ނޮޓިފިކޭޝަންތަކުގައި ބުނެފައިވަނީ، ސަބްސްކްރިޕްޝަނެއް ނެތި ޕޯސްޓްތަކުގައި ހިއްސާކުރެވޭނީ މަދު ލިންކްތަކެއް ކަމަށެވެ. މި ސަބްސްކްރިޕްޝަންގެ އަގު ފެށެނީ މަހަކު 9.99 ޕައުންޑް (ގާތްގަނޑަކަށް 13.44 ޔޫއެސް ޑޮލަރު)ންނެވެ. މެޓާއިން ހާމަކުރި ގޮތުގައި މިއީ "ލިމިޓެޑް ޓެސްޓް"އެކެވެ. މީގެ މަގުސަދަކީ ގިނަ އަދަދެއްގެ ލިންކް ހިއްސާކުރުމުގެ ފުރުސަތު ދިނުމަކީ ސަބްސްކްރައިބަރުންނަށް އިތުރު އަގަކަށް ނުވަތަ ފައިދާއަކަށް ވޭތޯ ބެލުމެވެ. ސޯޝަލް މީޑިއާ އެކްސްޕާޓް މެޓް ނަވާރާ ބުނި ގޮތުގައި، މިއީ ފޭސްބުކްގެ އަސާސީ ފީޗާތަކުން ފައިސާ ހޯދުމަށް މެޓާއިން ކުރާ މަސައްކަތުގެ ބައެކެވެ. އޭނާ ފާހަގަކުރި ގޮތުގައި މީގެ ކުރިން "ވެރިފިކޭޝަން" ނުވަތަ ބްލޫ ޓިކް ފަދަ ކަންކަމަށް ފައިސާ ނަގަން ފެށި ނަމަވެސް، މިހާރު މިވަނީ އެހެން ވެބްސައިޓްތަކަށް މީހުން ފޮނުވުމުގެ "އަސާސީ ގާބިލުކަމަށް" ވެސް އަގުތަކެއް ކަނޑައަޅަން ފަށާފައެވެ. https://sun.mv/214955 މި ބަދަލާ ގުޅޭ ނޮޓިފިކޭޝަން ލިބުނު ފަރާތްތަކުގެ ތެރޭގައި ނަވާރާ ވެސް ހިމެނެއެވެ. އޭނާއަށް ލިބުނު މެސެޖުގައި ބުނެފައިވަނީ ޑިސެންބަރު 16 އިން ފެށިގެން އޭނާއަށް މަހަކު ހިއްސާކުރެވޭނީ އެންމެ ދެ ލިންކް ކަމަށެވެ. "ކްރިއޭޓަރުންނާއި ވިޔަފާރިތަކަށް މި ލިބޭ މެސެޖަކީ، ފޭސްބުކަކީ އެ މީހުންގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންކުރާ ވަސީލަތެއްނަމަ، ދެން އެ ކަމަށް އަގެއް ދައްކަން ޖެހޭނެއޭ،" ނަވާރާ ބީބީސީއަށް ބުންޏެވެ. ފޭސްބުކުން ޓެކްކްރަންޗްއަށް ބުނެފައިވާ ގޮތުގައި މި ޓެސްޓް މި ވަގުތު ކުރިއަށްދަނީ "ޕްރޮފެޝަނަލް މޯޑް" ބޭނުންކުރާ ފަރާތްތަކަށާއި ވަކި ޕޭޖްތަކަކަށެވެ. މި ބަދަލަކީ އެލޮން މަސްކް އެކްސްއަށް ގެނައި ބަދަލުތަކާ އެއްގޮތް ބަދަލެކެވެ. އެކްސްގައި ވެސް ފައިސާ ދައްކާ ޔޫޒަރުންނަށް އިސްކަންދީ، ޕޯސްޓްތައް ގިނަ ބަޔަކަށް ފެންނާނެ ގޮތް ވަނީ ހަދާފައެވެ. ނަވާރާ އިތުރަށް ބުނި ގޮތުގައި، މިއީ ކްރިއޭޓަރުންނަށް އޮތް ވަރަށް ހިތްދަތި ހަގީގަތެކެވެ. އެއީ، ފޭސްބުކަކީ ދެން އިތުބާރު ހިފޭ ގޮތަށް ހިލޭ ޓްރެފިކް (މީހުން ވެބްސައިޓަށް ވެއްދުން) ހޯދޭނެ ތަނެއް ނޫންކަމެވެ. އޭނާ ނިންމާލަމުން ބުނީ، އެންމެ ޕްލެޓްފޯމެއްގެ މައްޗަށް ބިނާވެގެން ވިޔަފާރިއެއް ބިނާކުރުމަކީ ނުރައްކާތެރި ކަމެއްކަން މިފަދަ ޓެސްޓުތަކުން ހަނދާންކޮށްދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ