ނުކުޅެދުންތެރި މީހުންގެ 'މިިނިވަން ވޯޓު' ކަށަވަރުކުރަން އެދުނު ކަންކަން ހަމަޖައްސައިނުދިން: ޖަމިއްޔާތައް

ނުކުޅެދުުންތެރިކަން ހުންނަ މީހުންގެ ވޯޓު ލުމުގެ ހައްގު ކަށަވަރުކުރުމަށް އެ މީހުންގެ ޖަމިއްޔާތަކުން ހަމަޖައްސައިދިނުމަށް އެދުނު ކަންކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ހަމަޖައްސައިނުދިނުމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު އޮންނަ ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ލުމުގެ ހައްގު ކަށަވަރު ކުރުމަށް ބައެއް ކަންކަން ކުރުމަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ތިން ޖަމިއްޔާއަކުން ގުޅިގެން ބަޔާނެއް ނެރުނެވެ. އެއީ:
ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް
މޯލްޑިވްސް ޑެފް އެސޯސިއޭޝަން
ޓްރާންސްޕޭރެންސީ މޯލްޑިވްސް
މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން
އެ ބަޔާނުގައި އެދިފައިވާ ކަންކަމާ ގުޅޭ ގޮތުން އީސީން ދިން ޖަވާބަކީ އެ ކަންކަން ކުރުމަށް ބަޖެޓު ނެތުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އޮފިޝަލަކު ރޭ 'ދައުރު'އަށް ވިދާޅުވި އެވެ. ރެއާ ހަމައަށް ވެސް އެއިން އެއްވެސް ކަމެއް ހަމަޖެހިފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ބުނީ ކީކޭ؟ - "އެ ބަޔާނުގެ ފަހުގައި ހަމައެކަނި ހިނގި ކަމަކީ ލޮލުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބައެއް ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގުން. ޓެމްޕްލޭޓްތައް ވެސް ބެހެއްޓޭނީ ރަޖިސްޓްރީކުރި ތަންތަނުގައި އެކަނި ކަމަށް ބުނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ތަފްސީލް - ހަތަރު ޖަމިއްޔާއެއް ގުޅިގެން ނެރުނު ބަޔާނުގައި އެދިފައިވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ލުމުގެ އިތުރުން ވޯޓާ ގުޅުންހުރި މައުލޫމާތުތައް އަދާހަމަކޮށް ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށެވެ.
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ދިނުމުގައި ހުރި ހުރަސްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
އިންތިހާބީ އިއުލާންތަކާއި ހޭލުންތެރިކުރުވުމުގެ ވީޑިއޯތަކުގައި މޯލްޑިވިއަން ސައިން ލެންޖުއޭޖު ބޭނުންކޮށްފައެއް ނުވޭ
ވޯޓު ލާ މީހުން ރަޖިސްޓްރީވުމާއި ރީރަޖިސްޓްރީވުމާއި ވޯޓުލާ މަރުކަޒުތަކުގެ މައުލޫމާތު އެފަދަ މުހިންމު މައުލޫމާތުތައް މިފަދަ ގިނަ މީހުންނަށް ލިބިފައެއް ނުވޭ
ކައުންސިލް އިންތިހާބާ އެކު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓުގެ މަގުސަދާ ގުޅޭ ފުރިހަމަ މައުލޫމާތު ވެސް އެފަދަ ގިނަ ފަރާތްތަކަށް ނުލިބޭ
އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ގިނަ ދިވެހިން ލިޔެކިއުމުގައި އާންމުކޮށް ބޭނުންކުރަނީ އިނގިރޭސި ބަހަށް ވާތީ އިނގިރޭސި ބަހުން ވޯޓު ކަރުދާސްތަކެއް ނެތުމުން މިނިވަންކަމާ އެކު ވޯޓު ލުމަކީ ދަތި ކަމެއް
އެފަދަ މީހުންނަށް ވޯޓު ލުމުގެ ފަސޭހައަށް ކެންޑިޑޭޓުންގެ ފޮޓޯ ވެސް ހިމަނައިދިނުމަށް އެދިފައިވީ ނަމަވެސް އެ އިންތިޒާމު ހަމަޖައްސައިދީފައެއް ނުވޭ
މީގެ އިތުރުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ދިނުމުގައި ހުރި ހުރަސްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
2023ގެ ރިޔާސީ އިންތިހާބުން ފެށިގެން ޓެމްޕްލޭޓް ބޭނުންކުރުމަށް ގާނޫނުން ލާޒިމުކޮށްފައިވީ ނަމަވެސް އިންތިހާބާ ބެހޭ އާންމު ގަވާއިދަށް ގެނައި އިސްލާހެއްގެ ސަބަބުން މި ކަމަށް ވަކިން ރަޖިސްޓްރީ ވާން ޖެހޭ؛ މި ކަމުގައި މަޝްވަރާއެއް ނުކުރޭ
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާފައި ނެތުމުގެ ސަބަބުން ޓެމްޕްލޭޓް ބަހައްޓަން ޖެހޭ ވޯޓުފޮށިތައް ކަނޑައެޅުމުގެ ބުރަ އުފުލަން ޖެހެނީ ވޯޓު ލުމުގެ ހައްގު އޮންނަ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް
ޓެމްޕްލޭޓް ލިބެން ހުންނަ ކަމާއި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ވަކިން ރަޖިސްޓްރީކުރަން ޖެހޭކަން އެކަށީގެންވާ ވަރަށް މައުލޫމާތު ފަތުރާފައި ނެތުމުން ގިނަ ބަޔަކަށް މިކަން ކުރަން ޖެހޭކަން ނޭނގޭ
ކައުންސިލް އިންތިހާބާ އެކު އޮންނަ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ މައުލޫމާތު ވެސް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީފައެއް ނުވޭ
އެނގުން މުހިންމު - އަންނަ ހޮނިހިރު ދުވަހު އޮންނަ ހިޔާލު ހޯދުމުގެ ވޯޓަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން 5 މަހާއި 27 ދުވަސް އުނިކޮށް، ރިޔާސީ އިންތިހާބާ އެކު މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާ ގޮތަށް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ތަސްދީގުކުރުމަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ