ސިމެންތީގެ ތާށިކަން އިތުރުވެ ބަސްތާއެއްގެ އަގު 300 ރުފިޔާއިން މައްޗަށް ސިމެންތީގެ ތާށިކަން އިތުރުވެ ބަސްތާއެއްގެ އަގު 300 ރުފިޔާއިން މައްޗަށް

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން ސިމެންތީގެ ސްޓޮކު ދަށްވެ، ބަސްތާއެއްގެ އަގު 300 ރުފިޔާއިން މައްޗަށް އަރައިފި އެވެ.
މިވަގުތު އާންމުކޮށް ސިމެންތި ގަންނަން ލިބެނީ ވިލާ ކުންފުނިން އެކަންޏެވެ. އެސްޓީއޯ އިން ސިމެންތި ވިއްކަނީ ބޮޑެތި ކުންފުނިތަކަށް އެކަންޏެވެ. ދެން ސިމެންތި ގެންނަ އެޕޯލޯއަކު ސިމެންތީގެ ސްޓޮކެއް ނެތެވެ.
ވިލާއިން މާލޭގައި ހުޅުވާފައި ހުންނަ ފިހާރައިން މިއަދު ސިމެންތި ވިއްކަނީ 313 ރުފިޔާއަށެވެ. އަދި ތިލަފުށިން ސިމެންތި ބަސްތާއެއް ވިއްކަނީ 302 ރުފިޔާއަށެވެ. އެއީ 215 ޕަސެންޓާއި 235 ޕަސެންޓުގެ އިތުރުވުމެކެވެ.
އިޒްރޭލާއި އެމެރިކާއިން އިރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރުމުގެ ކުރިން ރާއްޖޭގައި ސިމެންތި ބަސްތާއެއް ވިއްކަމުން އައީ 90ރ. އާއި 100ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ސިމެންތީގެ އަގުބޮޑުވީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުބޮޑުވުމާއި ފްރައިޓުގެ އަގު މަތިވުމުންނެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ އެސްޓީއޯ އާއި އެޕޯލޯއިން ސިމެންތި ގެންނަމުން ދިޔައީ މެދުއިރުމަތިންނެވެ. ވިލާއިން ސިމެންތި ގެންނަނީ އިންޑޮނީޝިއާއިންނެވެ. އެކަމަކު، މިފަހުން އެހެން ގައުމެއް މެދުވެރިކޮށް އެސްޓީއޯއިން ސިމެންތި އެތެރެ ކުރި ކަމަށްވެ އެވެ.
ސިމެންތީގެ އިތުރުން ދަގަނޑުގެ ތާށިކަން ވެސް ވަރަށް ބޮޑުވެފައިވާ ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ. ވިޔަފާރިވެރިން ބުނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ހުރިހާ މުދަލެއްގެ އަގު ވެސް ގާތްގަނޑަކަށް 30 ޕަސެންޓު ބޮޑުވެއްޖެ ކަމަށެވެ.
ފަތުރުވެރިކަން ނެގުމަށްފަހު ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހިއްސާއެއްދޭ ދެ އިންޑަސްޓްރީ އެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ ޖީޑީޕީގެ 5.5 ޕަސެންޓެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ތަކެތީގެ އަގުބޮޑުވިއިރު، ތެލާއި ކާބޯތަކެއްޗާއި ދަތުރުފަތުރާއި ނާލު ވެސް ވަނީ އަގުބޮޑުވެފަ އެވެ. ދަތުރުފަތުރާއި ނާލުން އަގުބޮޑުވީ ސަރުކާރުން ތެލުގެ އަގު ބޮޑުވުމުންނެވެ.
އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ވަނީ ބޮޑުކޮށްފަ އެވެ. މި ހިނގާ މާޗް މަހު ދެ ފަހަރަށް އަގު އުފުލުމުން ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީި 100 ޕަސެންޓު އުފުލިފަ އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 103 ޕަސެންޓު އުފުލިފަ އެވެ.
މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13ރ. އަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50ރ. އަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32ރ. އަށެވެ. ކުރިން ވިއްކީ 13.92ރ. އަށެވެ. އެއީ 103 ޕަސެންޓުގެ ކުރިއެރުމެކެވެ.
މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލެމުންދާއިރު، ހަނގުރާމައިގެ މާ ބޮޑު އަސަރެއް ދިވެހިންނަށް ނުކުރާނެ ފަދަ މޭރުމަކުން ރައީސް މުހައްމަދު މުއިއްޒު ވަނީ ވާހަކަ ދައްކަވައިފަ އެވެ. ހަނގުރާމަ ފެށުނު ފަހުން މާޗް 2، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ އިގްތިސާދު އޮތީ ދުޅަހެޔޮކޮށް ކަމަށާއި އެމަނިކުފާނުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"ދެން، ވަރަށް ހެލްތީކޮށް އަޅުގަނޑުމެންގެ އިގްތިސާދު އޮތީ މި ވަގުތު. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކަންބޮޑުވުމެއް ނެތް އަދި. އެހެންނަމަވެސް، އަޅުގަނޑުމެން ވާސްޓް ކޭސްއަށް ވެސް ތައްޔާރުވަމުން މިދަނީ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ