ކައުންސިލް އިންތިޚާބު: ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލުން ފަށައިފި
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި، ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ. ވޯޓުލުން މިއަދު ހެނދުނު 08:00ގައި ފެށިއިރު، ހަވީރު 16:00ގައި ވޯޓު ފޮށިތައް ބަންދުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުންޏެވެ. މިމަހުގެ ހަތަރު ވަނަ ދުވަހު ކައުންސިލާއި ޑަބްލިޔުޑީސީގެ އިތުރުން، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިފައިވެއެވެ. https://x.com/ElectionsMv/status/2045344356396364048 އޭގެ ތެރެއިން ކައުންސިލް އިންތިޚާބުގައި އީސީން ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތައް އިއުލާންކުރާނީ ރަސްމީ ނަތީޖާއާއެކުއެވެ. ދެވަނަ ބުރެއް ބާއްވާ ދާއިރާތަކަކީ: ބ. ދޮންފަން ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި) ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު މި އިންތިޚާބުގައި ވޯޓުލާ މަރުކަޒު ގާއިމުކޮށްފައި ވަނީ ވޯޓުލާ ދާއިރާތަކަށް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ އިތުރުން މާލެ ސިޓީގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ. ދެވަނަ ބުރެއް ބާއްވަން ނިންމާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ