ތުރުކީ 24 އަހަރަށް ފަހު ފީފާ ވޯލްޑް ކަޕަށް ތުރުކީ 24 އަހަރަށް ފަހު ފީފާ ވޯލްޑް ކަޕަށް

ޕްރިސްޓީނާ، ކޮސޯވޯ (އޭޕްރީލް 1) - ކޮސޯވޯ އަތުން 1-0 އިން މޮޅުވެ، ތުރުކީން މި އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެެވެ.
ތުރުކީން ވޯލްޑް ކަޕްގައި މި ވާދަކުރަނީ 24 އަހަރު ފަހުންނެވެ. ތުރުކީން އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ 2002 ގަ އެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގައި އެ ފަހަރު ބޭއްވި ވޯލްޑް ކަޕްގައި ތުރުކީން ސެމީ ފައިނަލުގައި ކުޅުނެވެ.
ކޮލިފައިން ގްރޫޕް އީގައި ތުރުކީ ނިންމަން ޖެހުނީ ސްޕެއިން ފަަހަތުން ދެ ވަނައިގަ އެވެ. ޕްލޭއޮފްގައި އެ ޓީމުން ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ކުޅެގެން ރުމޭނިއާ އަތުން މޮޅުވީ 1-0 އިންނެެވެ. އެ މެޗުގައި ތުރުކީގެ ހަމައެކަނި ލަނޑު ޖެހީ، ފާޑީ ކަޑިއޯގްލޫ އެވެ. ރޭ ރަށުންބޭރުގައި ޕްލޭއޮފް ފައިނަލުގައި ކޮސޯވޯއާ ކުޅެގެން ތުރުކީ މޮޅުވި ހަމައެކަނި ގޯލު ޖެހީ، 53 ވަނަ މިނިޓްގައި މުހައްމަދު ކަރީމް އަކްތުރުކޮގްލޫ އެވެ.
"އަހަރެމެން މިހާރު އޮތް ޖީލުގެ ކުޅުންތެރިން އަބަދުވެސް ދައްކަމުން އައީ 2002 ގެ ވޯލްޑް ކަޕްގެ ވާހަކަ، މީގެ ތެރެއިން ބައެއް ކުޅުންތެރިން ދުނިޔޭގައި ވެސް ނެތް އޭރު، އެހެންވީމަ، އެހާ ދުވަސްކޮށްފައި ވޯލްޑް ކަޕަކަށް ދެ ވުމަކީ ވަރަށް ބޮޑު ކަމެއް،" ރޭގެ މެޗަށް ފަހު، އަކްތުރުކޮގްލޫ ބުންޏެވެ.
މިދިޔަ ވިއްސަކަށް އަހަރު ތެރޭ ގިނަ ކޯޗުންތަކެއް ތުރުކީ ގޮވައިގެން މަސައްކަތްކުރި އެވެ. އެއްވެސް ކޯޗަކަށް ތުރުކީ ވޯލްޑް ކަޕަށް ނުގެންގޮސްދެވުނުއިރު، މި ފަހަރު ތުރުކީގައި ހުރެ އެކަން ހާސިލްކޮށްފައިވަނީ، އިޓަލީގެ ކޯޗު ވިންޗެންޒޯ މޮންޓެލާ އެވެ.
"މިއީ އަހަންނަށް ވަރަށް ޖަޒުބާތީ ވަގުތެއް. ވަރަށް ފަަހުރުވެރިވެފައި މި ހުރީ. މިއީ ކުޅުންތެރިން އަހަންނަށް ކުރި އިތުބާރާ އެކު، އަހަރެެން އެންމެން ގުޅިގެން ހާސިލްކުރި ކަމެއް. ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އެ ހުވަފެން މި ހަގީގަތަކަށްވީ، އަނެއްކާ ވެސް،" މޮންޓެލާ ބުންޏެވެ.
ތުރުކީ ގޮވައިގެން މޮންޓެލާ ވޯލްޑް ކަޕަށް ދިޔައިރު، އޭނާގެ އުފަން ގައުމު އިޓަލީ ވަނީ ބޮސްނިއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، ޖެހިޖެހިގެން ތިން ވަނަ ވޯލްޑް ކަޕަށް ކޮލިފައިނުވެ، އަނެއްކާ ވެސް ފުޓްބޯޅައިގައި ފަހަތަށް ގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ