ޖެހިޖެހިގެން ތިންވަނަ ފަހަރަށް، ހަތަރު ފަހަރުގެ ޗެމްޕިއަން އިޓަލީއަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިއްޖެއެވެ.
މީގެ ކުރިން 2017 ވަނަ އަހަރު ޕްލޭ-އޮފް ބުރުގައި ސްވިޑަން އަތުން ބަލިވުމަށްފަހު، ހަތަރު އަހަރު ކުރިން އުތުރު މެސެޑޯނިއާ އަތުންވެސް އިޓަލީ ވަނީ ބަލިވެފައެވެ. މިފަހަރު ދުނިޔޭގެ ރޭންކިންގެ 71 ވަނައިގައި އޮތް ބޮސްނިއާ އަތުން ރޭގެ މެޗުގައި ޕެނަލްޓީ ޝޫޓްއައުޓްގައި ބަލިވެ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދުމުގެ ފުރުސަތު އިޓަލީއަށް ވަނީ ގެއްލިފައެވެ.
ޖެނާރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅުނު އިޓަލީ ޓީމުން މޮއިސް ކީންގެ ގޯލުން މެޗުގެ ކުރީކޮޅު ލީޑު ނެގި ނަމަވެސް، އެލެސަންޑްރޯ ބަސްޓޯނީ ކުރި ނުރައްކާތެރި ޓެކުލްއަކާ ގުޅިގެން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާއަށް ރަތް ކާޑު ދެއްކުމުން، އިޓަލީއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.
މެޗުގެ ފުރަތަމަ 78 މިނެޓުގައި ބޮސްނިއާ ޓީމުން ފޮނުވާލި 21 ހަމަލާއެއް ގޯލާ އަމާޒު ނުވި ނަމަވެސް، އެންމެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ހަރިސް ޓަބަކޮވިޗް ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެޑިން ޖެކޯ ބޮލުން ފޮނުވާލި ބޯޅައެއް ދިފާއުކުރި ނަމަވެސް، ޓަބަކޮވިޗް ވަނީ ކައިރިން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފައެވެ.
އިތުރު ވަގުތުގައި ވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އިޓަލީގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލި ޕިއޯ އެސްޕޮސިޓޯ ނާކާމާބުވި އިރު، ބްރަޔަން ކްރިސްޓާންޓޭގެ ޕެނަލްޓީ ވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މީގެ ކުރީ ބުރުގައި ވޭލްސްއާ ދެކޮޅަށް ވެސް ކުޅުނު ޒުވާން ކުޅުންތެރިޔާ ކެރިމް އަލަޖްބެގޮވިޗް މިފަހަރުވެސް ޕެނަލްޓީ ކާމިޔާބުކޮށް، ބޮސްނިއާ ވޯލްޑް ކަޕަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. ބޮސްނިއާ އިން ދެން ވޯލްޑް ކަޕްގެ ”ގްރޫޕް ބީ“ ގައި ވާދަކުރާނީ ކެނެޑާ، ގަތަރު އަދި ސްވިޒަލޭންޑާ އެވެ.
މޮއިސް ކީންގެ ގޯލަށްފަހު އިޓަލީ މޮޅުވާނެކަމަށް ހީވި ނަމަވެސް، ބަސްޓޯނީއަށް ރަތް ކާޑު ދެއްކުމުން މުޅި މެޗުގެ މިސްރާބު ބަދަލުވިއެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، ބޯޅަ ހޯދުމަށް އަމާރު މެމިޗް ދުވި އިރު، ބަސްޓޯނީ ކުރި ނުރައްކާތެރި ޓެކުލްއަކާ ގުޅިގެން ރެފްރީ ކްލެމަންޓް ޓިއުރްޕިން ވަނީ އޭނާއަށް ރަތް ކާޑު ދައްކައިފައެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން އިޓަލީން އުތުރު މެސެޑޯނިއާ އަތުން ބަލިވި މެޗުގައި ވެސް ރެފްރީކަން ރެފްރީއެވެ.
ދުނިޔޭގައި މިވަގުތު ފާހަގަކޮށްލެވޭ އެންމެ މޮޅު ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ޖިއަންލުއިޖީ ޑޮނަރުމާ އިޓަލީގެ ގޯލު ބަލަހައްޓަމުންދިޔަ ނަމަވެސް، ޕެނަލްޓީ ޖެހުމުގައި ބޮސްނިއާގެ ކުޅުންތެރިން މާ ކުޅަދާނައެވެ. އެސްމިރް ބަޖްރަކްތަރެވިޗް ޖެހި ޕެނަލްޓީ ޑޮނަރުމާގެ އަތްދަށުން ގޮސް ގޯލަށް ވަދެ، ބޮސްނިއާ ވަނީ މޮޅުވެފައެވެ. މިއީ އިޓަލީގެ ފުޓްބޯޅައިގެ ތާރީހުގައި ލިބުނު ބޮޑު ނާކާމިޔާބީއެކެވެ.
ބޮސްނިއާގެ ޓީމު ދެއްކި ހިތްވަރާއި ކެތްތެރިކަން ފާހަގަކޮށްލަން ޖެހެއެވެ. ހާއްސަކޮށް، 40 އަހަރުގެ އެޑިން ޖެކޯގެ ތަޖުރިބާކާރު ކުޅުމާއި، 18 އަހަރުގެ ކެރިމް އަލަޖްބެގޮވިޗްގެ ޒުވާން ހުނަރުން އެ ޓީމަށް އިތުރު ބާރެއް ލިބުނެވެ.
އިޓަލީގެ މޮއިސް ކީން މިހާރު ވަނީ ޖެހިޖެހިގެން ހަ މެޗުގައި ގޯލު ޖަހައި، 1990 ވަނަ އަހަރު ސަލްވަޓޯރޭ ސްކިލާޗީ ހެދި ރެކޯޑާ ހަމަކޮށްފައެވެ. އިޓަލީއަށް ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިފައި މިވަނީ، ކީންގެ އެ މޮޅު ކުޅުމާއެކު އިޓަލީއަށް މިފަހަރު މުބާރާތަށް ދިއުމަށް އުންމީދުކުރަމުންދަނިކޮށެވެ.
އިޓަލީއަށް އަނެއްކާވެސް ލަދެއް، ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕްގައި ނުފެންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ