ހުރިހާ ސަރަހައްދެއްގައި ކުރިއަށްގެންދާ ފުލުހުންގެ ތަމްރީނެއް ފަށައިފި

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްގެންދާ ފުލުހުންގެ ތަމްރީނެއް ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދާ ހާއްސަ ތަމްރީނުތަކެއް މިއަދު އޮންނާނެ ކަމަށާއި މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކަމަށެވެ.
މި ވަގުތުތަކުގައި މަގުމަތީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ ހަރަކާތްތައް އިތުރުވެ، ސަލާމަތީ ކަންކަމާ ގުޅޭ އެކި ތަމްރީނުތައް ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ ތަމްރީނުތައް ކުރިއަށްދާއިރު އާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ކުރިއަށް ގެންދާ ތަމްރީނާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ނަމަވެސް ފުލުހުން މިތަމްރީން ފަށާފައި މިވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ނަގާ ފެންނަ ނުފެންނަ ވޯޓަށް ތިން ދުވަހަށް ވެފައިވަނިކޮށެވެ. އާއްމުކޮށް ބޮޑެތި އިންތިޚާބުތަކުގެ ކުރިން ފުލުހުން މީގެ ކުރިން ވެސް ތަމްރީންތައް ބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ