އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާއިން، ރާއްޖެ ހިމެނޭހެން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެއާ އިންޑިއާއިން ބުނިގޮތުގައި ދަތުރުތައް އިތުރުކުރަން ނިންމީ، މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ މި ދުވަސްވަރު، ބަރޯސާވެވޭ ދަތުރުތަކަށް އޮތް ބޮޑު ޑިމާންޑަށް އިޖާބަދިނުމުގެ ގޮތުންނެވެ.
މިއަދުން ފެށިގެން މި މަހުގެ 18ގެ ނިޔަލަށް އެ އެއާލައިންގެ ދަތުރުތަކަށް 78 ފްލައިޓް އިތުރުކުރާނެ އެވެ.
ތަފްސީލް - އެއާ އިންޑިއާގެ ދަތުރުތައް އިތުރުކުރަނީ ރާއްޖެ އާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އަދި ނިއު ޔޯކާއި ޔޫރަޕްގެ ބައެއް ސިޓީތަކަށެވެ. މީގެ ތެރޭގައި ޔޫރަޕްގެ މުހިންމު ފަސް ސިޓީއަކަށް ކުރާ ދަތުރުތައް ހިމެނެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިތުރުކުރި މި ދަތުރުތަކާ އެކު، ނުވަ މަގަކުން ދަތުރުކުރާ މީހުންނަށް ޖުމްލަ 17,660 ސީޓު އިތުރުވެގެންދާނެ އެވެ. އަދި:
ޔޫރަޕްގެ ރޫޓުތަކުގައި ބޭނުންކުރާނީ ބޮއިން 787-8 ބޯޓުތައް
މާލެ އާއި ކޮލަމްބޯގެ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް A320 ނިއޯ ބޯޓުތައް
ނިއު ޔޯކަށް ދަތުރުތައް ކުރާނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމުން، ބޮއިން 777-300ER މަރުކާގެ ބޯޓުތަކުގައި
އެއާ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު ނިޕުން އަގަރްވާލް ވިދާޅުވި ގޮތުގައި، ދަތުރުތައް ކުރަނީ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ މަގުތަކުންނެވެ. މި ދަތުރުތަކުގެ ސަބަބުން ދަތުރުވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއާ އިންޑިއާއިން އިތުރު ކުރި ފްލައިޓްތައް ދަތުރު ކުރާނެ މަގުތައް:
ދިއްލީން - ނިއު ޔޯކަށް
ދިއްލީން - ޕެރިހަށް
މުމްބާއީން - ލަންޑަނަށް
ދިއްލީން - ޖަރުމަނުގެ ފްރޭންކްފާޓަށް
ދިއްލީން - ނެދަލޭންޑްސްގެ އެމްސްޓަޑަމްއަށް
ދިއްލީން - ސްވިޓްޒަލެންޑުގެ ޒިއުރިކަށް
ދިއްލީން - މާލެއަށް
ދިއްލީން - ކޮލަމްބޯއަށް
އެއާ އިންޑިއާއިން ރާއްޖެ ހިމެނޭހެން ބައެއް މަންޒިލުތަކަށް ކުރާ ދަތުރުތައް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ