އިޤުރާރުވީމޭ ލޯބިން - 09
ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކަކާއެކު އޭނައަށް ހަނދާންވަނީ އަމިއްލަ ނިކަމެތިކަން މަތިންނެވެ. ހިތުގެ ޝަކުވާތަކަށް ނިމުނެއް ނާންނަ ޙާލު އިޙްސާސްކުރެވެނީ އެކަނިވެރިކަމާއި ނިކަމެތިކަމެވެ. ***** "ކޮންމެ ދުވަހަކު ހެނދުނު ބައްޕައާ ރުޅިހަދާާލާފަތަ ތި އަންނަނީ؟" އާފުރެމުން ޒަހްރާން ވާހަކަ ދެއްކީ ސޯފާގައި އިން އީލާފްއާއެވެ. މިއަދުވެސް އެހާ ހެނދުނާ އައިސް ބެލް އަޅާވަރުން ޒަހްރާނަށް ނިދާކަށް ނޯވެވުނެވެ. އެއީ އީލާފްކަން އެނގޭތީ ދޮރު ނުހުޅުވާ ހުންނާކަށް ވެސް ނުކުރުނެވެ. ގެއަށް ވަނީއްސުރެ، އީލާފް އިނީ ފާޑަކަށް ނެގި މަޑުވެފައެވެ. އެހެންކަމުން ޒަހްރާނަށް ހީވީ، އީލާފް މިއަދުވެސް ގޭގެ ކަމަކާ ހިތްހަމަނުޖެހިގެން އައީ ހެންނެވެ. އޭނަ ގޮސް ސޯފާގައި އިށީނދެ މޫނު ފުހެލިއެވެ. އޭރުވެސް ޒަހްރާން އިނީ ނިދި އައިސްގެން ހަލާކުވާން ކައިރިވެފައެވެ. އާ ފުރެމުން އޭނަ ވެގެން އުޅޭ ގޮތަކާ ގޮތެއް އޮޅުން ފިލުވަން އަވަސްވެގަތެވެ. "އީލު..ކިހިނެއްވެފަ ތީނީ؟." ޒަހްރާން އީލާފްއަށް ބަލައިލިއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އޭނައަށް ޔަޤީންވިއެވެ. "ގޭގަ ކަމެއް ވީތަ؟" "ނޮޓް ރިއަލީ..." އީލާފް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެންމެ އަޑު އިވުނު ވާހަކަތައް އަދިވެސް ހީވަނީ ކަންފަތުގައި ގުގުމާހެންނެވެ. "ދެން؟ އަދިވެސް ޓްރިޕް ދާން ބޭނުންވަނީތަ؟ އިފް ޔޫ ވޯންޓް އައި ކޭން ގޯ ވިތް ޔޫ. އޭރުން ހަމަ ގައިމުވެސް ބައްޕަ ނުހިފައްޓާނެ. ދޮންބެވެސް.... ޔޫ ވިލް ބީ ސޭފް ވިތް މީ... " ޒަހްރާން ބުނެލިއެވެ. އޭނަ ހީކުރީ އީލާފްގެ މޫނުމަތީގެ މޮޅިވެރިކަން ގުޅިފައިވަނީ އެކަހަލަ ކޮންމެވެސް ކަމަކާ ކަމެވެ. ބައްޕަގެ ހަރުކަށިކަން އޭނައަށް ވަރަށް ރަނގަޅަށް އެނގެއެވެ. ވަކިން ޚާއްސަކޮށް އީލާފްއާ މެދުގައި އަމަލުތައް ބަހައްޓާ ގޮތްވެސް މެއެވެ. އަންހެން ކުއްޖަކަށްވީތީ ބައްޕަ އީލާފްއާ މެދު ގެންގުޅެނީ ތަފާތު އުސޫލުތަކެއްކަންވެސް ޒަހްރާންއަށް އެނގެއެވެ. ބައްޕައަކީ ހަރުކަށި މީހަކަސް އެ ހަރުކަށިކަމުގެ ފަހަތުގައި ވަނީ އީލާފްއާ މެދުވާ ލޯބިކަންވެސް ޒަހްރާނަށް އެނގެއެވެ. "ނޯ. އިޓްސް އޯކޭ ދެން. އެމީހުން މިހާރު ގޮސްފި.... " އީލާފް ބުނެލިއެވެ. "ދެން ކިހިނެއްވީ؟" ޒަހްރާނަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. "ކަމެއް ނުވޭ...." އީލާފްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެންމެ އިވުނު ވާހަކަތައް ޒަހްރާނާ ހިއްސާކުރާނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. އެހުރިހާ ވާހަކައެއް ސިކުނޑީގެ ތެރޭގައި ހަމަޖައްސައިލާ "ޕްރޮސެސް" ކޮށްލުމަށް އޭނަ ވަގުތުކޮޅެއް ބޭނުންވެއެވެ. ތަންކޮޅެއް ފަހުން އެވާހަކަ ޒަހްރާނާ ހިއްސާކުރަން އީލާފް ނިންމި ސަބަބަކީވެސް އެއީއެވެ. "އެކަމަކު ހިޔެއް ނުވޭ... އީލު ބުނަން ބޭނުން ނެތިއްޔާ ދެން އޯކޭ." ޒަހްރާން އެންމެފަހުން ބުނެލިއެވެ. އީލާފް މިހާރު އެހެން އިނަސް ފަހުން އޭނައާ އެ ވާހަކަ ހިއްސާކުރާނެކަމުގައި ޒަހްރާނަށް ޤަބޫލުކުރެވުނެވެ. ސަބަބަކީ އީލާފް ހުރިހާކަމެއްވެސް އެންމެ ފުރަތަމަ ހިއްސާކުރަނީ އޭނައާ ކަމުގައިވާތީއެވެ. ދުރުގައި ހުރިނަމަވެސް، ދިމާވާ ކުދި ކުދި ކަންތައްތައްވެސް ގުޅައިގެން ކިޔައިދޭނެއެވެ. "ވަރަށް ބަނޑުހައި... ނެތްތަ ކާއެއްޗެއް؟" އީލާފްއަށް ބުނެވުނެވެ. އޭނަ ބޭނުންވީ އެ ވިސްނުން ސިކުނޑިން ނެރެ އެއްލައިލާށެވެ. އައިރާއަކީ އެކަހަލަ ކުއްޖަކަށް ވަންޏާ އޭނަ އައިރާއާ ގުޅުން ބާއްވާކަށް ބޭނުމެއް ނޫނެވެ. އިންސާނުންނަކީ ބައެއްފަހަރު ހަޤީޤަތް ބަލައިލުމެއްނެތި އަޑު އިވޭ ވާހަކަތަކަށް ބުރަވެ ގޮތް ނިންމާ ބައެކެވެ. އެއީ އިންސާނީ ތަބީޢަތުގައި ހުންނަ ސިފައެކެވެ. އީލާފްއަށްވެސް ގޮތް ނިންމުނީ އޭނައަށް އަޑު އިވުނު ވާހަކަތަކުގެ މައްޗަށް ބުރަވެ ހުރެހެންނެވެ. އެންމެ ފަހަރަކުވެސް ކަމުގެ ހަޤީޤަތް ބަލައިލުމަށް އޭނަ ބޭނުންނުވާ ފަދައެވެ. ނޫނީ އަޑު އިވުނު ވާހަކަތަކަށް މާ ބޮޑަށް ބުރަވެވުނީއެވެ. "އީލުއަށް ކަމުދާ އެއްޗެއް ނެތްކަންނޭނގެ ގެއަކު." ޒަހްރާން ބުނެލިއެވެ. "ދޮންބެ ކޯންޗެއް ކައިގެން ތިއުޅެނީ ދެން؟" އީލާފްއަށް ބުނެވުނެވެ. ޒަހްރާން ޖަހައިލީ ލުއި ހިނިގަނޑެކެވެ. "މާލޭގެ ރެސްޓޯރެންޓުތަކުން ކާއެއްޗެހި ހުސްނުވަންޏާ ކެވޭނެ ގޮތްތައް ހުންނާނެ އެއްނު. ބުނޭ... ކޯންޗެއް ގެނެސް ދޭންވީ؟" ޒަހްރާން ސުވާލުކޮށްލިއެވެ. އޭނަ އިނީ ހިނިތުންވެލައިގެންނެވެ. މިހާރު ނިދިވެސް ފިލައިފިއެވެ. އޭނަ ދެލޯ އުނގުޅައިލިއެވެ. އަދި މޫނުމަތީގައިވެސް އަތް ހާކާލިއެވެ. "އެނީތިންގް..." އީލާފް ބުނެލިއެވެ. "އެނީތިންގް؟" ޒަހްރާނަށް ބުމަ އަރުވައިލެވުނެވެ. އެހެންޏާ އެހާ އަނގަ ގަދަ އީލާފްއަށް ކޮންމެވެސް ބޮޑު ކަމެއްވެއްޖެކަން ޒަހްރާނަށް ޔަޤީން ކުރެވުނެވެ. "ޔާ..ކުޑަބެއަށް ފެންނަ އެއްޗެއް ގެނެބަ." އީލާފް ބުނެލިއެވެ. "އޯކޭ..." އެހެން ބުނެލާފައި ޒަހްރާން ފޯނު ނަގާފައި އޭނަ މިހާރަކަށް އައިސް އެންމެ ގިނައިން އެއްޗެހި އޯޑަރުކުރާ ރެސްޓޯރެންޓަށް ގުޅާލުމަށްފަހު ކާއެއްޗެއްސަށް އޯޑަރު ދިނެވެ. އެއަސްފަހު ޒަހްރާން އެބަ އަންނަމޭ ކިޔާފައި ގޮސް ކޮޓަރިއަށް ވަނީ ތާޒާ ވެލުމުގެ ބޭނުމުގައެވެ. ދެން ނުނިދޭނެކަން އެނގޭތީއެވެ. ޒަހްރާންގެ ގާތުގައި އީލާފް އެގޭގައި ހޭދަކުރި ހުރިހާ ވަގުތެއްގައިވެސް އޭނަގެ މޫޑް ސަކަރާތްކަން ޒަހްރާނަށް ދެނެގަނެވުނެވެ. ސުވާލުކުރި ނަމަވެސް އެކަށީގެންނާ ޖަވާބެއް އީލާފްގެ ފަރާތަކުން ނުލިބުނެވެ. ***** އެނދުގައި ބަންޑުން އޮށޯވެ ލައިގެން އޮތް އައިރާ ހަމަ ރޮނީއެވެ. އޭނައަށް ކަރުނަތަކެއް ނުހުއްޓެއެވެ. ކިތަންމެ ވަރަކަށް ރުޔަސް ވެސް މެއެވެ. ރޮއިރޮއި ކަރުނަ ހުސްވާނެނަމަ އޭނަގެ ދެލޮލުގައި ކަރުނައެއް ނުހުންނާނެއެވެ. އެހާވަރަށް އައިރާ ރޮއިފިއެވެ. އޭނަގެ ކަރުނަތައް ބާލީހަށް ހިނދެމުން ދިޔައެވެ. ގިސްލުމުގެ އަޑު ކޮޓަރި ތެރޭގައި ހުއްޓެވެ. އެ އަޑު އަހަން ހުރި ކޮންމެ މީހެއްގެ ހިތަށް އަސަރުކުރާނެހާ އައިރާގެ ރުއިން އަސަރު ގަދައެވެ. އެހެންނަމަވެސް ދެރައީ، މިއަދު އެ ކަރުނަތައް ފުހެދޭނެ މީހަކު ނެތުނެވެ. އެ ދެލޮލުން ހިތާމައިގެ ކަރުނަ އައުމުގެ ފުރުސަތު ނުދޭނެކަމަށް ބުނި، ފިރިމީހާވެސް ކައިރީގައި ނެތުމެވެ. އެ ޙާލުގައި ރޯން އޭނަ ދޫކޮށްލުމެވެ. އައިރާ ތެދުވެލިއެވެ. އޭނަ ކަރުނަތައް ފުހެލަމުން، ރުއިން ހުއްޓަން މަސައްކަތްކުރިއެވެ. އަދި ފޯނު ނަގާ ރިހާމްއަށް ގުޅައިލިއެވެ. ކެތްނުވީތީއެވެ. ފިރިމީހާގެ ފަރާތުން އޯގާތެރިކަމަށް އަދިވެސް އޭނަގެ ހިތް އިންތިޒާރުކުރާތީއެވެ. ރިހާމް ފޯނު ކަނޑާލުމުން އައިރާ އިތުރަށް ހިތްދަތިވުން ނޫންކަމެއް ނުވިއެވެ. "ރިހާމް އަހަރެން ދެކެ ލޯބިވޭތަ؟" އަތުގައިވި މަޑުމަޑު ތުރުތުރު އެޅުމާއެކުވެސް އައިރާ އެ މެސެޖު ލިޔެފައި ފޮނުވައިލިއެވެ. ޝާފިޔާގެ ޖުމްލަތައް ހީވަނީ އަދިވެސް އޭނަގެ ކަންފަތުގައި ގުގުމާހެންނެވެ. ރިހާމް އޭނަ ދޫކޮށްލަފާނެހެއްޔެވެ؟ އެހެންވެއްޖެނަމަ އޭނަ މި ދުނިޔެއަށް ގިނަވެ ބިކަވާނެއެވެ. ދެލޮލުގައި ވި ދުޅަކަމުގެ ސަބަބުން އައިރާގެ ލޮލުގައި ރިއްސަމުން ދިޔައިރު، އޭނަގެ މުޅި މޫނުވަނީ ރަތްވެފައެވެ. ބަންޑުން މޫނު ޖައްސާލައިގެން އޮތް ބާލީވެސް ވަނީ ކަރުނައިގެ ސަބަބުން ތެމިފައެވެ. "ދެން ކޮން ޝަކުވާއެއް އައިރާ؟ ތީއޭ އަހަރެން ފޫހިވާ ސަބަބަކީ..." ރިހާމްގެ މެސެޖެއް އަތުވެއްޖެއެވެ. އައިރާއަށް އެ މެސެޖަށް ބަލަހައްޓައިގެން އިނދެވުނުއިރުވެސް ސިކުނޑީގައި ގުގުމަނީ ޝާފިޔާގެ ވާހަކަތެކެވެ. ރިހާމް ހަމަ ރަނގަޅަށްވެސް އޭނަ ދެކެ ފޫހިވަނީހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟ އޭނަ ކުރީ ކޮން ކުށެއް ހެއްޔެވެ؟ ވިސްނާ ވިސްނާވެސް އައިރާއަކަށް ނޭނގުނެވެ. "ގުޅީމަ ފޯނު ކަނޑާލީމަ އޭގެ މާނައަކީ އަހަރެން ބިޒީއޭ... ކީއްވެތަ ކުޑަ ކުއްޖެއްހެން އަބަދު ޝަކުވާ ކުރަނީ؟" ރިހާމްގެ ދެވަނަ މެސެޖެއްވެސް އޭނައަށް ލިބުނެވެ. އައިރާއަށް ފޯނު އެނދުމައްޗަށް އެއްލައިލެވުނެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލުމާއެކު އޭނަ، ފުންނޭވާތަކެއް ލާން ފެށިއެވެ. ހީވީ އޭނަގެ މޭގެ ތެރޭގައި އުފެދުނު ޖަޒުބާތުތައް ކިޔަމަން ކުރުވަން މަސައްކަތް ކުރަމުން ދިޔަހެންނެވެ. ***** ޖެހިގެން އައި ދުވަހު އީލާފް ޒަހްރާންމެން ގެއަށް އައީ ހަވީރުގެ ވަގުތުގައެވެ. އޭނައަށް އައިރާ އުޅޭ އެޕާރޓްމެންޓަށް އަވަސް ނަޒަރެއް ދިނެވެ. ބެލް އަޅައިލުމުގެ ބަދަލުގައި ދޮރުގައި ލޮކް ކޯޑު ޖަހާފައި އީލާފް ހުޅުވައިލީ ޒަހްރާން އޭނައަށް ކޯޑު ކިޔައިދީފައިވާތީއެވެ. އީލާފް ގެއަށް ވަތްއިރު ޒަހްރާން ވެސް ކޮޓަރިން ނުކުންނަނީއެވެ. އޭނަ ހުރީ ރީތިވެލައިގެންނެވެ. ބޮލުގެ އިސްތަށިގަނޑު ސްޓައިލްކޮށްލާފައި ހުރިއިރު، ލާފައިހުރީ ޖީންސްއަކާއި، ޓީޝާޓެކެވެ. "ކެޝުއަލް" ލުކްއެކެވެ. އެހެންނަމަވެސް އޭނަގެ ފިރިހެންވަންތަކަން ފަނޑެއް ނުވެއެވެ. އެ ހަތަރެސްކަން މޫނަށް ފުރިހަމަކަމެއް ގެނެސްދެނީ، ތުނި ތުނބުޅިއެވެ. "ކޮންތާކަށް ދާން ތިއުޅެނީ؟" ޒަހްރާން ފެނުމާއެކު އީލާފް ސުވާލުކޮށްލިއެވެ. "ބޭރަށް..." ޒަހްރާން ބުނެލިއެވެ. "އީލު އައިމަވެސް ދަނީތަ؟" އީލާފް ޝަކުވާގެ ރާގެއްގައި ވާހަކަ ދެއްކިއެވެ. އޭނަ މިހާރު ހުރީ ހަމަޖެހިފައިކަން ޒަހްރާން ދެނެގަތެވެ. "ކުޑަބެ ސައިބޯންވެގެން... އީލު ދާނަންތަ؟" ޒަހްރާން ސުވާލުކޮށްލިއެވެ. "ހޫމް... ކޮންތާކަށް ތިދަނީ؟" އީލާފް އަހައިލިއެވެ. "މިތާ ތިރީގަ އިންނާނެ ރެސްޓޯރެންޓެއް. އެތަނަށް." ޒަހްރާން ބުނެލިއެވެ. "އޯކޭ. ހިނގާ ދާން..." އީލާފް ނުކުމެލިއެވެ. ޒަހްރާންވެސް އީލާފްގެ ފަހަތުން އައިސް ނުކުތެވެ. ލިފްޓްގެ ބަޓަނަށް ފިއްތައިލާފައި، ޒަހްރާން އައިރާ އުޅޭ އެޕާރޓްމެންޓުގެ ދޮރަށް ބަލައިލިއެވެ. އެއަށްފަހު އޭނަ އީލާފްއަށް ވެސް އަވަސް ނަޒަރެއް ދިނެވެ. އަދި ވާހަކަ ދެއްކިއެވެ. "ޔޯ ފްރެންޑްގެ ޙާލެއް ބަލައެއް ނުލާނަންތަ؟" ޒަހްރާން ސުވާލުލޮށްލިއެވެ. އެއާއެކު އީލާފްއަށް ޒަހްރާނަށް ބަލައިލެވުނެވެ. ޒަހްރާން އޭނަގެ ބުމަ އުފުއްލައިލުމުން އީލާފްއަށް އަނގަ ހަދައިލެވުނެވެ. "ފަހުން..." އޭނަ ފާޑަކަށް ބުނެލިއެވެ. އޭނައަށް އިއްޔެގެ ހާދިސާ ހަނދާންވަމުން ދިޔައެވެ. އީލާފްއަށް ވީ ގޮތުން ޒަހްރާން ކުޑަކޮށް ހައިރާންވެސް ވިއެވެ. އީލާފްއަށް އައި ކުއްލި ބަދަލު އޭނައަށް ދެނެގަންނަން އުނދަގޫވިއެވެ. "ކަމެއްވީތަ އަނެއްކާ؟" ޒަހްރާން ސުވާލުކޮށްލުމުން އީލާފް ބޯ ހޫރައިލިއެވެ. "ދެން ހިނގާ ދާން..." ލިފްޓް އައުމާއެކު އޭނަ ބުނެލިއެވެ. ދެމީހުން ދިޔައީ ތިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. މެންދުރު ނުކައި ހުރުމުން ޒަހްރާން ނެގީ ފްރައިޑް ރައިސްއެކެވެ. އީލާފް ނެގީ ޗޮކްލެޓް ކްރޮސެންޓެކެވެ. ވާހަކައިގައި ތިބެގެން ކައި ނިންމާލިއެވެ. ޒަހްރާން ވެއިޓަރަށް ގޮވާލާފައި ކާޑު މެޝިން ގެނެސްދިނުމަށް އެދުނެވެ. ފަސް ވަރަކަށް މިނެޓްފަހުން ވެއިޓަރު ކާޑު މެޝިން ހިފައިގެން އައުމުން ބިލް ދައްކާލަން އުޅުނު ވަގުތު އައިރާ އެތެރެއަށް ވަނެވެ. އެ މަންޒަރު ޒަހްރާންގެ އިތުރުން، އީލާފްގެ ލޮލުގައިވެސް އަލައިގަތެވެ. އައިރާއަށްވެސް އެ ދެމީހުން ފެނުނެވެ. އޭނައަށް ބަލައިލެވުނީ އީލާފްއަށެވެ. ހިނިތުންވާން އައިރާ މަސައްކަތް ކުރިނަމަވެސް، އީލާފް އޭނަގެ މޫނު އަނބުރާލީއެވެ. އެކަމުން އައިރާގެ ހިތުގައި ޖެހުނެވެ. އެ ދެމީހުންގެ މޫނުމަތީގެ ކުލަވަރުތައް ޒަހްރާންވެސް ބެލިއެވެ. ކޮންމެވެސް ކަމެއް ވެއްޖެކަމުގައި އޭނަގެ ސިކުނޑި ބުނެލި ނަމަވެސް، އެއީ ކޮންއިރަކު ކިހިނެއްވީކަމެއްކަން އޭނައަށް ލަފާކޮށްލާކަށް ނޭނގުނެވެ. އައިރާވެސް ކައުންޓަރު ކައިރިއަށް ޖެހިލުމަށްފަހު، ދެތިން ހެދިކާ ނެގިއެވެ. "ވަޓްސް ހެޕެނިންގް؟" ޒަހްރާން އީލާފްއާ ސުވާލުކޮށްލިއެވެ. "އެނގިއްޖެ ކަމެއް ވެއްޖެކަން... ޓެލްމީ..." "ހިނގާ ދާން. އޭރުން ކިޔައިދޭނަން." އީލާފް އެހެން ބުނެލާފައި ތެދުވިއެވެ. ޒަހްރާން އައިރާއަށް ބަލައިލިއެވެ. އިއްތިފާޤަކުން އެވަގުތުވީ އައިރާވެސް އެމީހުންނާ ދިމާލަށް ބަލައިލި ވަގުތަކަށެވެ. އީލާފް ޒަހްރާންގެ އަތަށް ދަމަމުން ގޮސް ނުކުތެވެ. އޭރު ވެއިޓަރ ހުރީ އައިރާ ބުނި އެއްޗެހި ކޮތަޅަށް އަޅާށެވެ. ޒަހްރާންމެން ގޮސް ނުކުތުމުން އައިރާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އީލާފް އެގޮތަށް ކަންތައްކުރުމުން އުނދަގޫވެ ދެރަވިއެވެ. ރަޙްމަތްތެރިއެއް ލިބުނުހެން ހީނުވެ، ގެއްލުނީއެވެ. ހަމަ އޭނަގެ މާޒީގެ ސަބަބުންނެވެ. އެކަމުގައި އޭނަގެ ކުށެއް ނެތެއްކަމަކު ދުނިޔޭގެ ކުރިމަތީގައި އޭނައަކީ ކުށްވެރިއަކަށް ވާތީއެވެ. "ކިހިނެއްވީ؟ ކީއްވެ ވާހަކަ ނުދެއްކީ؟ ޑިޑް ސަމްތިންގ ހެޕެން؟" ލިފްޓް ލޮބީއަށް ވަދެ ލިފްޓްގެ ބަޓަނަށް ފިތައިލަމުން ޒަހްރާން ވާހަކަ ދެއްކިއެވެ. އޭނަ އީލާފްއަށް ފުން ނަޒަރަކުން ބަލައިލިއެވެ. އީލާފްއަށް އައިސްގެން އެ އުޅޭ ބަދަލުތަކުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ކަމެއްކަން އޭނަގެ ސިކުނޑިއަކަށް ނަޔެވެ. "މިވާހަކަ ބުނާނީ ކިހިނެއްކަމެއް ވެސް ނޭނގެ..." އީލާފްއަށް ބުނެވުނެވެ. އޭނަ ޒަހްރާނަށް ބަލައިލިއެވެ. "ޓެލްމީ. އައިރާ ދެކެ ރުޅި އައީ ކީއްވެތަ؟ ކަމެއްވީތަ؟" ޒަހްރާން ސުވާލުކޮށްލިއެވެ. "އައިރާ އެއްޗެއް ބުނީތަ؟ ކުޑަބެއަށް ނޭނގި ކިހިނެއް އީލުއާ އައިރާއާ ދިމާވީ." ޒަހްރާންގެ މޫނުމައްޗަށް ހައިރާންކަމުގެ އަސަރުތައް ވެރިވުމާއެކު، އޭނައަށް އެއްފަހަރާ އެތަކެއް ސުވާލުތަކެއް ކޮށްލެވުނެވެ. ޖަވާބަކަށް އެދި އޭނަ ހުރީ އީލާފްއަށް ބަލަހައްޓައިގެންނެވެ. މިފަހަރު ވީގޮތެއް އޭނަ އޮޅުން ފިލުވާނެއެވެ. "ނޫން. އެހެންނެއް ނޫން. އަޅޭ...." އީލާފްއަށް ޖުމްލަތައް އަތުރަން އުނދަގޫވިއެވެ. "ނުބުނާނަންތަ؟" ޒަހްރާން ސުވާލުކޮށްލިއެވެ. އީލާފް ވިސްނާލިއެވެ. ވާހަކަ ފަށާނީ ކިހާ ހިސާބަކުންތޯއެވެ. "އީލު... ޝުޑް އައި ގޯ އާސްކް ހާރ؟" ޒަހްރާން ހިނގައިގަންނަން އުޅުނީ ކޮންމެހެން އައިރާ ގާތަށް ގޮސް ވީ ގޮތް އޮޅުން ފިލުވާކަށް ނޫނެވެ. އެހެންނަމަވެސް އީލާފްގެ ކައިރިން އެންމެ ފަސޭހަކޮށް އެކަން އެނގޭނީ އެހެންކަމުގައިވީތީ އެވެ. ވީވެސް އެހެންނެވެ. އީލާފް އޭނަ ހުއްޓުވައިފިއެވެ. އަތުގައި ހިފާ ދަމައިގަތެވެ. "އެހެންނޫނީ ބުނޭ... ތީ އީލު އުޅޭ ގޮތެއް ނޫން. އެހެން ހުރިހާ ވާހަކައެއްވެސް ކުޑަބެކައިރީގައި ބުނެވޭ... ދެން؟ މިފަހަރު ކިހިނެއްވީ؟" ޒަހްރާނަށް ބުނެވުނެވެ. އީލާފްއަކީ ވާހުރިހާކަމެއް އޭނައާ ހިއްސާކުރާ ކުއްޖެކެވެ. އަނގަ ގަދަކަމުން ގިނަ ފަހަރަށް ސިއްރެއްވެސް ހިފައްޓަން ނޭނގޭނެއެވެ. އެކަމަކު މިފަހަރު ވީގޮތެއް ނޭނގުނެވެ. "އަސްލު...... އެކަހަލަ މީހަކާ ވާހަކަ ދައްކަން ބޭނުންނުވަނީ..." އެންމެފަހުން އީލާފް ބުނެލިއެވެ. "ކޮން ކަހަލަ މީހެއް؟" ޒަހްރާނަށް ބުމަ އަރުވައިލެވުނެވެ. "އައި ޑޯންޓް ތިންކް ޝީޒް ލައިކް ދެޓް. ބަޓް ސްޓިލް ހާރ މޯމް...... އައި ޑޯންޓް ނޯ.." އީލާފްއަށް ބުނެވުނެވެ. އޭނަ ވާހަކަ ދައްކަމުން ދިޔަ ގޮތުން އެކިޔާ އެއްޗެއް އެއްގޮތަކަށް ވެސް ޒަހްރާނަށް ސާފުވާގޮތެއް ނުވިއެވެ. ހީވަނީ ބުނަން ބޭނުންވި ނަމަވެސް ބުނާނެ ގޮތެއް ނޭނގިގެން އުޅޭހެންނެވެ. "އެނގޭގޮތަށް ބުނެބަ އީލު... ކިހިނެއްތަވީ؟" ޒަހްރާންގެ ޝައުޤުވެރިކަން ވަނީ އިންތިހާގައެވެ. ކެތްތެރިކަން ކުޑަވެފައިވާ ފަދައަކުން އޭނަ އަހައިލިއެވެ. "ކުޑަބެއަށް އެނގޭތަ؟ އޭނަ މަންމައަކީ ޕްރޮސްޓިޓިއުޓެއް...." އީލާފްއަށް އެހެން ބުނެވުނު ވަގުތަކީ، އެތަނަށް އައިރާއަށް އައިސް ވަދެވުނު ވަގުތެވެ. އޭނައަށް ރީއްޗަށް އެ އަޑު އިވުނެވެ. ފިޔަވަޅުތައް ވަގުތުން މަޑުޖެހުނެވެ. އީލާފް ހުރީ އައިރާއަށް ފުރަގަސްދީގެންކަމުން އައިރާ އެންމެ ފުރަތަމަ ފެނުނީ ޒަހްރާނަށެވެ. "އެންޑް ޝީއިޒް އެން އިލިޖެޓިމޭޓް ޗައިލްޑް." އީލާފް އެހެން ބުނެލިއިރު ޒަހްރާން ހުރީ ފަހަތަށް ބަލަހައްޓައިގެންކަމުން އޭނައަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ. އޭރު އެ ދެމީހުން ބަލަހައްޓައިގެން ހުރި އައިރާ ހުއްޓެވެ. އެ އިވުނު ލަފުޒުތަކުން ލަދުވެތިކަން އިޙްސާސްވި އައިރާއަށް އިސްޖަހައިލެވުނުއިރު، އޭނަގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. އެ ލަފުޒު އެފަދަ ގޮތަކަށް ކަންފަތަށް އަޑު އިވުމުން ކެތްކުރަން އުނދަގޫވިއެވެ. މޭގައި ދިލަތަދެއް ވެސް އުފެދިގެން ދިޔައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ