ބޮޑެތި ބަލި ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދާ އިސްލާހު ބަލައިގަނެ، ކޮމިޓީއަށް

ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ވެރިކަންކުރާ ޕީއެންސީން ހުށަހެޅި އިސްލާހު މިއަދު ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ. ސަރުކާރުން ޕެންޝަން ގާނޫނަށް މި އިސްލާހު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލުމަށްފަހު، އަދި އެ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވިދާޅުވުމަށްފަހު، ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު އަލުން އެ އިސްލާހު ހުށަހެޅުއްވީ ޕެންޝަންގެ ގާނޫނަށް ގެންނަ އިތުރު އިސްލާހުތަކާ ވެސް އެކުއެވެ. https://sun.mv/216259 މި ބިލު މަޖިލީހުން ބަލައިގަތީ ޖަލްސާއަށް ހާޒިރުވި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހިމެނޭހެން، 51 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ބަލައިގަތުމާ ގުޅިގެން ރިޔާސަތުން ވަނީ މި ބިލު ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާލައިފައެވެ. ސަރުކާރުން ވަނީ، ޕެންޝަން ލިބޭ އުމުރު ހަމަނުވިކަމުގައިވިޔަސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ފައިސާ ދޫކުރެވޭނެ ގޮތަށް ހެދުމަށް ހުށަހަޅައިފައެވެ. އެގޮތަށް ފައިސާއަށް އެދޭއިރު ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ. މީގެ އިތުރުން، ޙައްޖަށް ދިޔުމަށްޓަކައި ޙައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 ޕަސެންޓު ދައްކައިފިނަމަ، ހައްޖަށް ދިޔުމަށްޓަކައި ދައްކަންޖެހޭ އަގުގެ ތެރެއިން ބާކީ 80 ޕަސެންޓު ފައިސާ، ޕެންޝަން އެކައުންޓުން ދެއްކޭ ގޮތަށް ވެސް ޕެންޝަން ގާނޫނު އިސްލާހުކުރުމަށް ވަނީ ހުށަހަޅައިފައެވެ. ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން، އެ މީހުންގެ ފަރުވާއަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުން ފަދަ ކަންކަމަށް މިހާރު ވެސް އަންނަނީ އެދެމުންނެވެ. ހަމައެއާއެކު ވަޒީފާއިން ވަކިވުމަށް ފަހު، ވަޒީފާގައި އުޅުނުއިރު އެއްވާ ޕެންޝަން ފައިސާ ލިބޭނެ ގޮތެއް ވޭތޯ ވެސް ބައެއް ރައްޔިތުން އެދެއެވެ. މިހާރު ވެސް ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް ޕެންޝަން ފަންޑު ބޭނުންކުރެވެއެވެ. އެކަމަކު ގާނޫނުގައި އޮތް ގޮތުން މިހާރު ވަޒީފާ އަދާކޮށްގެން އެއްވާ ޕެންޝަން ފައިސާ ލިބެން ފަށަނީ 65 އަހަރުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ