ޚިޔާލު ތަފާތުވުންތަކާ ހުރެ އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ، އެމްޑީޕީ ޖެހޭނީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން: ޣަފޫރު
އުފެދޭ ޚިޔާލު ތަފާތުވުންތަކުގައި ނުކަސިޔާރުކޮށް ކަންކަން ކުރަން ވެއްޖިއްޔާ އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ގައުމުގެ ހައްގުގައި، އަދި އެ ޕާޓީގެ މަސްލަހަތަށްޓަކައި ހުރިހާ މެންބަރުން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ އިންތިޚާބަށް އެމްޑީޕީން ނުކުންނަނީ ވަރަށް އުންމީދާއެކު ކަމަށެވެ. އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ޣަފޫރު ވިދާޅުވިއެވެ. އޭނާ ވަނީ އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީން ކުރިއަށް ދިއުމަށްޓަކައި އެ ޕާޓީގެ މެންބަރުންގެ ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް، އެކުގައި ކުރިއަށް ދާން އެދިވަޑައިގެންފައެވެ. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ، އަޅުގަނޑުމެންގެ [ޕާޓީގެ އެތެރޭގައި] އުފެދޭ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ނުކަސިޔާރު ކަންތައް ކުރަން ވެއްޖިއްޔާ ބޭނުންވާ އަދަދަށް މި ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވޭނެ. އެހެންވީމާ މި ގައުމުގެ ހައްގުގައި އަޅުގަނޑުމެންގެ ޕާޓީގެ ހައްގުގައި ޕާޓީގެ މަސްލަހަތަށް ބަލައި އަޅުގަނޑުމެން އެބަޖެހޭ މިއަދު އެއްބައިވެގެން އެންމެން އެކުގައި މަސައްކަތްކުރަން،ޢަބްދުލްޣަފޫރު މޫސާ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޣަފޫރު މިހެން ވިދާޅުވެފައި ވަނީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރާ ފެކްޝަން އުފެދުނު ގޮތަށް، އަނެއްކާވެސް ކައުންސިލް އިންތިޚާބާ ދިމާކޮށް ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ކައުންސިލް އިންތިޚާބުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ، ވެރިކަން ކުރާ މާލޭގެ މޭޔަރު ކަމުގެ ޓިކެޓު ހޯއްދަވަން މިހާރުގެ މޭޔަރު އާދަމް ޢާޒިމް ކުރިމަތިލައްވައިފައިވާއިރު، ޞާލިޙް ތާއިދުކުރައްވަނީ އޭނާއަަށެވެ. އަދި ނަޝީދު ތާއިދުކުރައް ވަނީ، ޓިކެޓަށް ދެން ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމަށެވެ. އެ ކެމްޕެއިން ހޫނުވެ، ދެ ކެންޑިޑޭޓުން އެކަކު އަނެކަކަށް ތުހުމަތުތައް އަމާޒުކޮށްފައިވަނިކޮށް، ޞާލިޙާއި ނަޝީދު ވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހު ބައްދަލުކުރައްވައި، މިހާރު ތިއްބެވީ ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދެކޮޅަށް ދެއްކެވި ވާހަކަތައް އެއް ފަރާތް ކުރައްވައިގެން ކަމަށް ވިދާޅުވެފައެވެ. https://sun.mv/215783 ނަޝީދާއި ޞާލިހުގެ ދެމެދުގައި ޚިޔާލު ތަފާތުވުން ބޮޑުވީ، 2023ގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. ޞާލިހުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު، ޞާލިޙްގެ ސަރުކާރަށް ފާޑު ވިދާޅުވެ ތުހުމަތުތައް ފާޅުގައި އަމާޒުކުރެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވެ ވަޑައިގަތުމުންނާއި، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުނު ފަހުން ދެ ބޭފުޅުންގެ ގުޅުން އިތުރަށް ގޯސްވިއެވެ. އޭރު ނަޝީދު ވަނީ ޞާލިޙާއި އެ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ވެސް ކުރައްވައިފައެވެ. އެއަށްފަހު ނަޝީދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއެކު އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދެވީއެވެ. އެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ޞާލިޙާއި ވާދަކުރިއެވެ. ނަމަވެސް ނާކާމިޔާބުވުމުން، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ނިންމިއެވެ. https://sun.mv/214308 ޞާލިޙަށް އެ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގަތީ އެކަމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭގެ ފަހުން، މި ސަރުކާރަށް ވެސް ތާއިދުކުރައްވައި ވާހަކަ ދެއްކެވުމަށް ފަހު، މިދިޔަ ޖޫން މަހު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އެފަހުން މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ފައްޔާޒު އިސްމާއީލް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާދެއްވައިފައެވެ. ނަމަވެސް އޭނާ އަދިވެސް ހުންނެވީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. ފައްޔާޒުގެ އިސްތިއުފާ ސިޓީގައި ވިދާޅުވި ގޮތުގައި 2023ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ކުރީގެ ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް ބެލެވުނެވެ. އެ ދެ ބޭފުޅުން ވާދަ ކުރެއްވުމުގެ ނަތީޖާއަކީ ފަހުން އެމްޑީޕީން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ