މާލޭ ގޯޅިއެއް ތެރޭގައި ފިރިހެނަކާއި ދުވަސްވީ އަންހެނަކާ ދެމެދު މާރާމާރީއެއް ހިނގި މައްސަލައެއް ބަލަނީ
މާލެ، ގަލޮޅު، ހަލަވެލި ގޯޅީގައި ފިރިހެނަކާއި އުމުރުން ދުވަސްވީ އަންހެނަކާ ދެމެދު މާރާމާރީއެއް ހިނގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެ، ގަލޮޅު، ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގި މައްސަލައެއް މިރޭ 20:59ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލު ހިއްސާނުކުރި ނަމަވެސް ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފިރިހެނަކު، އުމުރުން ދުވަސްވީ އަންހެނެއްގެ ގައިގައި ތަކުރާރުކޮށް ޖަހާ މަންޒަރު ފެނެއެވެ. އަދި އެ ދެމީހުންގެ ދެމެދުގައި ހުރި އިތުރު ފިރިހެނަކު ދިޔައީ އެ ފިރިހެން މީހާ، އަންހެން މީހާއާ ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. ވަކި ހިސާބަކުން އެ ފިރިހެން މީހާގެ އަތްދަށުން ސަލާމަތްވެ، އަންހެން މީހާގެ ބޮލުގައި އެތައް ފަހަރަކު ބާރަށް ޖަހާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ދެން ފެނުނީ އެ ފިރިހެން މީހާ ދުވެފައި ގޮސް އެ ގޯޅިން ނިކުތް މަންޒަރެވެ. އެއާއެކު އަންހެން މީހާ އެ ފިރިހެން މީހާ ދިޔަ ދިމާލަށް އިނގިލި ދިއްކޮށް ވާހަކަ ދެއްކި މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ