ކޮންމެ ދެތިން ދުވަހަކުން ކެންސަރު ބަލިޖެހިފައިވާ އާ މީހަކު އެބަފެނޭ: ނާޒިމް

ރާއްޖޭގައި ކެންސަރު ބަލި ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ ކަމަށާއި، މިކަމަކީ ހުރިހާ ގޮތަކުންވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަސް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ކެންސަރުގެ ހާލަތު މިއަދު އޮތީ، ކަންބޮޑުވާ ދަރަޖައަކަށް ކަމަށާއި، އަދަދުތަކުން ދައްކަނީ އެގޮތަށް ކަމަށެވެ. 
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކެންސަރު ބަލީގެ މީހުންނަށް ރަސްމީ ސިފައެއްގައި ފަރުވާ ކުރެވެންފެށީ 2017 ވަނަ އަހަރުކަމަށާއި، އޭގެފަހުން މިއަދާހަމަޔަށް އާއިރު، ކެންސަރު ބަލީގެ ޤައުމީ ދަފްތަރުގައި 1900 މީހަކު ރަޖިސްޓްރީކޮށްފައިވާކަމަށެވެ. މިދިޔަ އަހަރުގެ ނިޔަލަށް އަހަރުގެ ނިޔަލަށް 1900 މީހުން ޓްރީޓްމަންޓު ހޯދާފައިވާއިރު އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ، 230 އަށްވުރެ ގިނަ މީހުންކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މާނައަކީ ގާތްގަނޑަކަށް ކޮންމެ ދެދުވަހަކުން ނޫނީ ތިން ދުވަހަކުން މީހަކު އެބަ މީގައި ރަޖިސްޓަރ ވަމުން އެބަދޭ. މިއީ ވަރަށް އެލާމިންގް، ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް
ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް
މިނިސްޓަރު ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަކަމަށާއި، މި ގޮންޖެހުމުން އަރައިގަތުމަށް އެންމެން ގުޅިގެން އެކި ފަންތީގައި މަސައްކަތް ކުރަން ޖެހޭކަމަށެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ތަފާސްހިސާބުތައް ރަނގަޅު ނިޒާމެއްގެ ތެރެއިން ބެލެހެއްޓެންޖެހޭކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބޭސްވަރުވާ ދިނުން ފުޅާކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް އިތުރުކުރުމާއި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ދައްކަންޖެހޭ ރިވެތި މިސާލު މުޖުތަމައުން ދެއްކުމާއި، ޤާނޫނާ ޤަވާއިދުތަކުގެ ތެރެއިން މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަމަަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކެންސަރުގެ މައްސަލައަކީ ޤައުމުގެ އުފެއްދުންތެރިކަމަށްވެސް އޮތް ވަރަށް ބޮޑު ނުތަނަވަސްކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިކަމުގެ ސަބަބުން މުޖްތަމައުއަށް ކުރާނެ އަސަރު ބަޔާން ކުރަން ނޭގޭކަމަށެވެ.
ރާއްޖޭގައި ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އެންމެ ގިނައީ އަނގައިގެ ކެންސަރެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި އަނގައިގެ ކެންސަރުގެ 380 ސާޖަރީ ހެދިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ