އީގަލްސް ބަލިކޮށް ވެލެންސިއާ އަށް ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދެއް އީގަލްސް ބަލިކޮށް ވެލެންސިއާ އަށް ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން 2-0 އިން މޮޅުވެ، ކްލަބް ވެލެންސިއާ އިން އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ. އެ ގޮތުން، މިދިޔަ ހަފްތާގައި ވެލެންސިއާއާ އެއްވަރުވެ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވަނީ 10 އަހަރަށް ފަހު ވަނީ ރެލިގޭޓްވެފަ އެވެ.
ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް 17 މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ވެލެންސިއާ، މި ވަގުތު ނުވަ ވަނައިގައި އޮތީ 18 މެޗުން 12 ޕޮއިންޓާ އެކު އެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ވެލެންސިއާ އަށް އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުމަށް އޮތް ގޮތަކީ، ލީގުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމަ އެވެ. ވެލެންސިއާ އަށް މި ވަގުތު ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލެވެ. އެ ޓީމަށް 17 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ.
ވެލެންސިއާ ރެލިގޭޓްވެއްޖެނަމަ، މިއީ، އަށް ވަރަކަށް އަހަރު ތެރޭ އެ ޓީމު ރެލިގޭޓްވެ، ދެ ވަނަ ޑިވިޝަނަށް ވެއްޓޭނެ ދެ ވަނަ ފަހަރެެވެ. މީގެ ކުރިން، 2018 ވަނަ އަހަރު ވެސް އެ ޓީމު ރެލިގޭޓްވެފައިވާއިރު، އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ، 2020 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ވެލެންސިއާގެ ނަވާޒް (ވ) އީގަލްސްގެ ސިދާމް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ އިން ލީޑުނެގީ ފުރަތަމަ ހާފުގެ ފަހު އެޓޭކުގަ އެވެ. މިއީ، އީގަލްސްގެ ޑިފެންސް ފަހަތަށް އައި ބޯޅައެއް އެ ޓީމުގެ ކީޕަރު، މުހައްމަދު އަޝްވާން ކުރިއަށް ނުކުމެ ފޮނުވާލަން އުޅެނިކޮށް، ވެލެންސިއާގެ އައިދު މުހައްމަދު ޖަވީޒު ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގައި ވެލެންސިއާގެ ދެ ވަނަ ލަނޑު ޖެހީ، އުުރުގުއޭ މިޑްފީލްޑަރު މަޓިއަސް އަޕެލްޓް އެވެ. ހާފުގެ މެދެއްހާ ހިސާބުން، މަޓިއަސް ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ ކީޕަރު އަޝްވާން އަތުގައި ޖެހިފަ އެވެ.
އީގަލްސް އިން ލަނޑެއް ޖެހޭތޯ ފުރަތަމަ ހާފުގައި އެ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) ފޮނުވާލި ބޯޅައެއް ވެލެންސިއާގެ ކީޕަރު، މޮލްޑޯވާގެ ވިއޮރެލް ބޯއިއާން ވަނީ މަތަކޮށްފަ އެެވެ. އަދި، ދެ ވަނަ ހާފުގައި ވެލެންސިއާގެ ސާބިއާ ފޯވާޑް، ޑްރާގޯ މެކްސިމޯވިޗް ފޮނުވާލި ހަމަލާއެއް ވެސް ކީޕަރު ބޮއިއާން ވަނީ ހުއްޓުވައިފަ އެވެ. މީގެ އިތުރުން، އީގަލްސްގެ އެޓޭކެއްގައި، ފޮނުވާލި ހަމަލާއެއް ދެ ދަނޑީގައި ޖެހިފައި ގޯލު ރޮނގު ހުރަސް ކުރުމުގެ ކުރިން ކީޕަރު ބޮއިއާން ވަނީ ސަލާމަތްކޮށްފަ އެވެ.
އީގަލްސްގެ ސަބަޓީ (ކ) ވެލެންސިއާ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
މެޗުގެ ފަހުކޮޅުގައި، ވެލެންސިއާ އިން ރަނގަޅު އެޓޭކްތަކެއްކޮށް ފުރުސަތުތަކެއް ވެސް ހޯދި އެވެ. އެކަމަކު، އެ ޓީމުގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ އާއި ކާއިން އަބްދުﷲ ފާއިޒު އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
މި މެޗުން ބަލިވެ، އީގަލްސް ލީގުގެ ފަސް ވަަނައިގައި އޮތީ 18 މެޗުން 23 ޕޮއިންޓާ އެކު އެވެ.
އެކަމަކު، މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެނަަަމަ، އެ ޓީމުން ލީގު ނިންމާނީ އީގަލްސް އަށް ވުރެން މަތިން ފަސް ވަނައިގަ އެވެ. ވިކްޓަރީ މި ވަގުތު އޮތީ 17 މެޗުން 21 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ޕްރެޒިޑެންޓްސް ކަޕް ކުޅެނީ ލީގުގެ ގަދަ ހައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ