ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރި 10 އުޅަނދަކަށް ހަމަލާދީފި

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން، އީރާނުން މުހިންމު ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ އެކު، އެ ސަރަހައްދުން ދަތުރުކުރި ގާތްގަނޑަކަށް 10 އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް ކަނޑުދަތުރުފަތުރުގެ ކަންކަން މޮނިޓަކުރާ ގްރޫޕްތަކުން ބުނެފި އެވެ.
މިދިޔަ މަހުގެ 28ގައި ކުރިމަތިލުންތައް ފެށުނު ފަހުން، ވޭތުވެދިޔަ އެއް ހަފުތާގެ ތެރޭގައި ރިޕޯޓްކުރެވުނު މި ހާދިސާތަކާ ގުޅިގެން، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އާންމު ހާލަތްތަކުގައި ދުނިޔޭގައި އުފައްދާ ތެލާއި ގުދުރަތީ ގޭހުގެ ގާތްގަނޑަކަށް %20 އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ.
އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ބުނި ގޮތުގައި، އެއް ހަފުތާގެ ތެރޭގައި ނުވަ އުޅަނދަކަށް ހަމަލާދީފައިވެ އެވެ. މީގެ ތެރެއިން ހަތަރު ހާދިސާއެއްގައި ޖުމްލަ ހަތް މީހަކު ވަނީ މަރުވެފަ އެވެ.
ހަމަލާ އަމާޒުވި އުޅަނދުފަހަރުގެ ތެރޭގައި ސްކައިލައިޓް، އެމްކޭޑީ ވިޔޯމް، ސްޓެނާ އިމްޕަރަޓިވް، ހާކިއުލިސް ސްޓާ، ލިބްރާ ޓްރޭޑާ، ގޯލްޑް އޯކް، ސަފީން ޕްރެސްޓީޖް، ސޮނަންގޯލް ނަމީބޭ އަދި މުސައްފާ 2 ހިމެނެ އެވެ.
ކަނޑުދަތުރުފަތުރުގެ ތަފާސްހިސާބުތައް ބަލަހައްޓާ ކްލެޕާ ކުންފުނިން ބުނި ގޮތުގައި، އެ ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކުގެ އަދަދު ވަނީ %90 ދަށަށް ގޮސްފަ އެވެ. އަދި މިއަދު އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ ވިޔަފާރިކުރާ ނުވަ އުޅަނދެވެ.
ސަލާމަތީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ހަމަލާދީ ގެއްލުން ލިބިފައިވާ އުޅަނދުފަހަރަށް އެހީތެރިވާން ދިޔަ ބައެއް އުޅަނދުތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. މެރިޓައިމް ސެކިއުރިޓީ ފާމް، ވެންގާޑުން ރިޕޯޓްކޮށްފައިވާ ގޮތުގައި މުސައްފާ 2އަށް ދެ މިސައިލް ހަމަލާ އަމާޒުވީ، އެހެން އުޅަނދަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަނިކޮށެވެ.
ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރުން ވަނީ، ހަމަލާ އަމާޒުވެފައިވާ އުޅަނދުތަކަށް އެހީތެރިވުމަށް ނުވަތަ ސަލާމަތްކުރުމަށް މަސައްކަތްކުރާ އުޅަނދުތަކަށް ވެސް އިތުރު ހަމަލާތަކެއް އަމާޒުވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
މި ކަނޑުއޮޅިއާ މެދު އީރާނުން ގެންގުޅޭ ސިޔާސަތު އަދިވެސް ސާފެއް ނޫނެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ޖެނެރަލަކު މީގެ ކުރިން އިންޒާރު ދެއްވާފައިވަނީ އެ ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރާ ކޮންމެ އުޅަނދެއް "އަންދާލާނެ" ކަމަށެވެ. ނަމަވެސް، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ފަހުން ވިދާޅުވެފައިވަނީ އެ މަގު ބަންދުކުރުމުގެ އެއްވެސް ނިޔަތެއް ތެހެރާނުން ނުގެންގުޅޭ ކަމަށެވެ.
ދުނިޔޭގެ ލީޑަރުން ވަނީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ.
އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވީ، އެންމެ އެކަށީގެންވާ ދަނޑިވަޅެއްގައި އެމެރިކާގެ އަސްކަރީ އެހީތެރިކަމާ އެކު ވިޔަފާރި އުޅަނދުތައް އެ ކަނޑުއޮޅިން ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް ނުހަނު މުހިންމު ކަނޑުގެ މި މަގުތައް ރައްކާތެރިކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ