ބޮލީވުޑްގައި 'ތައައްސުބު' ގެންގުޅޭ ކަމަށް ބުނުމުން އޭއާރު ރަހުމާންއަށް ފާޑުކިޔުމެއް އަމާޒުވެއްޖެ ބޮލީވުޑްގައި 'ތައައްސުބު' ގެންގުޅޭ ކަމަށް ބުނުމުން އޭއާރު ރަހުމާންއަށް ފާޑުކިޔުމެއް އަމާޒުވެއްޖެ

އިންޑިއާގައި އުފެދުނު އެންމެ ކާމިޔާބު އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި މިއުޒިކް އެވޯޑުތައް ކަމަށްވާ އޮސްކާ އާއި ގްރެމީ ހާސިލުކޮށްފައިވާ އޭއާރް ރަހުމާނަށް، ބޮލީވުޑްގައި "ތައައްސުބު" (ނަސްލުގެ ގޮތުން ނުވަތަ ދީނީގޮތުން ތަފާތުކުރުން) ގެންގުޅޭ ކަމަށް ބުނުމާ ގުޅިގެން އިންޑިއާގެ ކަނާތު ފިޔައިގެ ޖަމާއަތްތަކުގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެއްޖެއެވެ.
އިންޑިއާގެ ތިންވަނައަށް އެންމެ މަތީ މަދަނީ ޝަރަފު ކަމަށްވާ "ޕަދްމަ ވިބޫޝަން" ވެސް ހާސިލުކޮށްފައިވާ، އުމުރުން 59 އަހަރުގެ ރަހުމާން މި މޭރުމުން ވާހަކަ ދެއްކީ މިދިޔަ ހުކުރު ދުވަހު ބީބީސީ އޭޝިއަން ނެޓްވޯކަށް ދިން 90 މިނެޓުގެ އިންޓަވިއުއެއްގައެވެ.
އިންޓަވިއުގައި ރަހުމާން ވަނީ އޭނާއަށް ބޮލީވުޑުން މަސައްކަތް ލިބުން މަދުވެފައިވާ ކަމަށް ބުނެ، އޭގެ ފަހަތުގައި އޮތް ސަބަބުތަކާ މެދު ސުވާލު އުފައްދާފައެވެ.
"އުފެއްދުންތެރި ވިސްނުމެއް ނެތް މީހުންގެ އަތްމައްޗަށް މިހާރު ކަންކަން ނިންމުމުގެ ބާރު ވަނީ ގޮސްފައި. އަދި ތައައްސުބު ކަމަކަށް ވެސް ވެދާނެ، އެކަމަކު ސީދާ އަހަރެންގެ ކުރިމައްޗަކު އެކަހަލަ ވާހަކައެއް ނުދައްކާ،" އޭނާ ބުންޏެވެ.
ރަހުމާން އިތުރަށް ސިފަކޮށްދިން ގޮތުގައި، އޭނާއަށް މަސައްކަތް ދިނުމަށް ފަހު އެ މަސައްކަތް އެހެން ބަޔަކަށް ބަދަލުކުރާކަން އެނގެނީ ނުސީދާ ގޮތެއްގައެވެ.
"އަހަންނަށް މަސައްކަތް ހަވާލުކުރި ކަމަށް ބުނެފައި، މިއުޒިކް ކުންފުނިން އިސްވެ އެމީހުންގެ ފަސް ކޮމްޕޯޒަރުންނާ މަސައްކަތް ހަވާލުކުރިކަމުގެ ހަބަރުތައް އަހަންނާ ހަމައަށް އަންނަނީ މީހުންގެ ދޫދޫމަތިން ދެކެވޭ ވާހަކަތަކުގެ ގޮތުގައި. އަހަރެން ބުނިން، 'އޯ، އެއީ ވަރަށް ރަނގަޅު ކަމެއް، އަހަންނަށް ލިބޭ އަރާމެއް. އަހަރެންގެ އާއިލާއާއެކު ވަގުތު ހޭދަކޮށްލެވޭނެ'" އޭއާރް ރަހުމާން ބުންޏެވެ.
ރަހުމާންގެ ވާހަކަތަކާ ގުޅިގެން ހިންދޫ ކަނާތު ފިޔައިގެ އެކްޓިވިސްޓުންނާއި ކޮމެންޓޭޓަރުން ވަނީ ރަހުމާނަކީ "ވިކްޓިމް ކާޑު" ކުޅޭ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ. ހިންދޫ ޖަމާއަތެއް ކަމުގައިވާ ވިޝްވާ ހިންދޫ ޕަރިޝަދް ގެ ވިނޯދު ބަންސާލް ވަނީ ރަހުމާން ގައުމުގެ އަގުވައްޓާލާފައިވާ ކަމަށް ބުނެ މާފަށް އެދުމަށް ގޮވާލާފައެވެ.
ރަހުމާންގެ ވާހަކައަށް ސޯޝަލް މީޑިއާއާ ދަނީ ފާޑުކިޔަމުންނެވެ. އެހެންވެ، އޭނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ބުނީ އޭނާގެ މަގްސަދަކީ އަބަދުވެސް މިއުޒިކްގެ ޒަރީއާއިން ގައުމަށް ހިދުމަތްކޮށް، ގައުމުގެ ނަން އުފުލުން ކަމަށެވެ.
މިހާރު ވެސް އޭނާ އަންނަނީ ހިންދޫންގެ ދީނީ ވާހަކައެއް ކަމަށްވާ "ރާމާޔަން" އަށް ބިނާކޮށް އުފައްދާ ފިލްމުގެ މިއުޒިކްގެ މަސައްކަތް، ދުނިޔޭގެ މަޝްހޫރު ކޮމްޕޯޒަރު ހޭންސް ޒިމާއާ އެކު ކުރަމުން ކަމަށް ރަހުމާން ފާހަގަކުރިއެވެ.
މި މައްސަލައިން ހާމަވެގެންދަނީ އިންޑިއާގައި ދީނީ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، މުސްލިމް ފަންނާނުންނަށް އެމީހުންގެ ހިޔާލު ފާޅުކުރުމުގައި ކުރިމަތިވާ ބޮޑެތި ގޮންޖެހުންތައް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިންޑިއާގެ ނޫސްވެރިޔާ ފާތިމާ ޚާންއެކްސްގައި ބުނީ ހަމަ އެންމެ ރެޔަކުން، ރަހުމާނު ރަނގަޅު މުސްލިމެއްގެ ދަރަޖައިން ގޯސް މުސްލިމެއްގެ ދަރަޖައަށް ބަދަލުކޮށްލުމުން ހައިރާންވެއްޖެ ކަމަށެވެ.
"އެމީހުން ކިތަންމެ ގިނަ ގައުމީ ލަވަތަކެއް ކީ ކަމުގައި ވީނަމަވެސް، ނުވަތަ ކިތަންމެ ގިނަ ފިލްމުތަކާއި ޓްވީޓްތަކެއް ކުރި ނަމަވެސް، އެ އެންމެންވެސް އަނިޔާވެރިކަމުގެ ތެރެގައި ދިރިއުޅެން ޖެހޭ،"އޭނާ ބުންޏެވެ.
'ޓޫ ކިލް އަ ޑިމޮކްރަސީ: އިންޑިއާސް ޕެސެޖް ޓު ޑެސްޕޮޓިޒަމް' ފޮތުގެ މުސައްނިފު ދެބަސިޝް ރޯއި ޗޯދުރީ ބުނާ ގޮތުގައި، އޮންލައިންކޮށް މީހުންނަށް ފުރައްސާރަކުރުމަކީ މުޖުތަމައުގެ އަގުލަބިއްޔަތުގެ ރުހުން ހޯދުމަށް ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށް ބޭނުންކުރާ ވަސީލަތެކެވެ.
އޭނާ ތުހުމަތުކުރާ ގޮތުގައި، ސޯޝަލް މީޑިއާގައި އެކަށީގެންވާ ވަރަށް އަޑުގަދަވުމުން، އެކަން މައިގަނޑު ނޫސް މީޑިއާތަކަށް ފެތުރި، އެއީ މުޅި މުޖުތަމައުގެ ވިސްނުން ހުރި ގޮތް ކަމަށް ދައްކުވައިދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ