ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް މީހަކު ގެނައުމާއެކު ޑޮކްޓަރުން އަވަސްވެގަންނަނީ، އެމީހެއްގެ ސިކުނޑިއަށް ވީއެންމެ އަވަހަކަށް ލޭ ފޮނުވައިދެވޭނެ ގޮތެއް ހެދުމަށެވެ. އެއީ، ސިކުނޑިއަށް ލޭ ނުލިބި ގިނަ ވަގުތުވެއްޖެ ނަމަ، އެ މީހާގެ ފުރާނަ ގެއްލިގެން ދާނެތީއެވެ.
ނަމަވެސް، މި ގޮތަށް ކުއްލިއަކަށް ސިކުނޑިއަށް ލޭ ފޮނުވުމަކީ ވެސް ސިކުނޑިއަށް އިތުރު އެހެން ގެއްލުންތައް ކުރިމަތިވެދާނެ ކަމެކެވެ. އޭގެ ތެރޭގައި ސިކުނޑީގެ ބައެއް ސެލްތަކަށް ގެއްލުން ލިބުމާއި ސިކުނޑި ދުޅަވުމެވެ. ނަތީޖާއެއްގެ ގޮތުން ދާއިމީ ނުކުޅެދުންތެރިކަމަކާ ވެސް ކުރިމަތިލާން ޖެހިދާނެއެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުންތައް މަރާމާތުކޮށްދޭނެ، އައިވީ ފަރުވާއެއް މިހާރު ވަނީ އީޖާދުކޮށްފައެވެ. އެމެރިކާގެ ނޯތުވެސްޓަން ޔުނިވަސިޓީގެ ސައެންސްވެރިން ބުނާ ގޮތުގައި ސްޓްރޯކް ޖެހިފައިވާ މީހާގެ ސިކުނޑީގައި އަލުން ލޭ ދައުރުކުރަން ފަށާ މަރުހަލާގައި ލިބޭ ގެއްލުންތަކުން ސިކުނޑި ސަލާމަތްކުރުމަށް އީޖާދުކުރީ، ނާރުގެ ޒަރީއާއިން ހަށިގަނޑަށް ފޮނުވައިލެވޭނެ އައިވީ ފަރުވާއެކެވެ.
ސައެންސްވެރިން ބުނާ ގޮތުގައި އަލަށް އީޖާދުކުރި އައިވީ ފަރުވާއަކީ، ސިކުނޑިއަށް ލޭ ފޮނުވުމުގައި ދިމާވާ ހުރަސް (blood-brain barrier) ކަޑައްތުކޮށް ސިކުނޑީގެ ޓިޝޫތަކާ ހަމައަށް ވާސިލުވުމުގެ ގާބިލުކަން ލިބިގެންވާ ފަރުވާއެކެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުންތައް މަރާމާތުކުރުމަށް ދޭ ތަފާތު ބޭސްތަކާއި އިންޖެކްޝަންތަކުން އެދެވޭ ނަތީޖާއެއް ނުނެރެވެނީ މި ހުރަހު (blood-brain barrier)ގެ ސަބަބުން ސިކުނޑީގެ ޓިޝޫތަކަށް އެފަދަ ބޭސްތައް ވާސިލުނުވާތީއެވެ.
އަލަށް މި އީޖާދުކުރި އައިވީ ފަރުވާ އަޖުމަބެލުމުގެ ގޮތުން، ލެބޯޓެރީގައި މިހާރުވަނީ މަރުހަލާތަކެއް ކަޑައްތުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފަހުގެ މަރުހަލާގައި މި އައިވީ ދީފައިވަނީ ސްޓްރޯކްގެ އެންމެ އާންމު ވައްތަރު ކަމަށްވާ، ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުގެ ސަބަބުން ކުރިމަތިވާ ވާގިނެތޭ ބަލި(Ischemic stroke) ޖެހިފައިވާ މީދާތަކަކަށެވެ. މީދަލަށް އައިވީ ފަރުވާ ދިނުމުން، ސްޓްރޯކްގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުންތައް ވަރަށް ކުޑަވިއެވެ. އިތުރު ސައިޑް އިފެކްޓެއް އަދި އެހެން ގުނަވަނެއް ވިހަވުމުގެ މައްސަލައެއް ވެސް ކުރިމައްޗެއް ނުވެއެވެ.
ނިޔުރޯތެރަޕުޓިކްސް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން އަލަށް މި އީޖާދުކުރި އައިވީ ފަރުވާއަކީ، ސްޓްރޯކް ޖެހުމުން މިހާރު ވެސް ބޭނުންކުރާ އެހެން ފަރުވާތަކާ އެކުގައި ބޭނުންކުރުމަށް އުފެއްދި ފަރުވާއެކެވެ. އަލަށް އީޖާދުކުރި އައިވާ ފަރުވާ ބޭނުންކުރުމުން، ސްޓްރޯކް ޖެހިފައިވާ މީހާގެ ސިކުނޑިއަށް އިތުރު ގެއްލުމެއް ނުލިބި، ސްޓްރޯކުން ސިކުނޑިއަށް ލިބުނު ގެއްލުންތައް މަރާމާތުކުރަން ވެސް މަގުފަހިވެއެވެ.
މި އައު ފަރުވާގެ ކާމިޔާބީ ސަބަބުން ސްޓްރޯކްގެ ބަލިމީހުން އެ ވޭނުގައި ތަހައްމަލުކުރަންޖެހޭ އުނދަގޫތައް އެތައް ގުނައެއް ފަސޭހަވެގެންދާނެ އެވެ. އޭގެ އިތުރުން، ބަލިން ފަސޭހަވުމަށް ހޭދަވާ މުއްދަތު ވެސް ކުރުވެގެންދާނެއެވެ. މި ފަރުވާގެ އެންމެ މުހިންމު ކަމަކީ، ނާރުގެ ޒަރީއާއިން ސީދާ ލޭގެ ތެރެއަށް ފޮނުވައިލުމުން، ލޭގެ ތެރެއިން ލާފައި ސިކުނޑީގެ ސެލްތަކާ ހަމައަށް ފޯރުން އަވަސްވުމެވެ.
އެމެރިކާގައި ސްޓްރޯކް ޖެހޭ މީހުންގެ އަހަރީ ތަފާސްހިސާބުތަކަށް ބަލާއިރު، ސްޓްރޯކް ޖެހޭ މީހުންގެ 80 އިންސައްތައަކީ، ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމުގެ ސަބަބުން ކުރިމަތިވާ ވާގިނެތޭ ބަލި ނުވަތަ އައިސިމިކް ސްޓްރޯކް(Ischemic stroke) ޖެހޭ މީހުންނެވެ. އަދި މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ސްޓްރޯކް ޖެހިގެން މަރުވާ މީހުންގެ ގިނަ މީހުންނަކީ ވެސް މި ބާވަތުގެ ސްޓްރޯކްގައި މަރުވާ މީހުންނެވެ.
މިބާވަތުގެ ސްޓްރޯކް ޖެހުމުން މީހާގެ އެއްފަޅި ވާގި ނެތެނީ، ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއްގައި ލޭކޮޅެއް ގަނޑުވެ، ސިކުނޑީގެ އެހެން ބައިތަކުގައި ލޭ ދައުރުވުން މެދުކެނޑުމުންނެވެ. މިހާލަތު މެދުވެރިވުމުން، އެ ގަނޑު ލޭކޮޅު ވިރުވައިލާނެ ބޭހެއް ދީގެން ލޭކޮޅު ވިރުވައިލައެވެ. ނުވަތަ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްގެން ގަނޑު ލޭކޮޅު ނަގައެވެ.
ސްޓްރޯކަށް ފަހު ސިކުނޑި މަރާމާތުކޮށްދޭ ފަރުވާއެއް އީޖާދުކޮށްފި ސްޓްރޯކަށް ފަހު ސިކުނޑި މަރާމާތުކޮށްދޭ ފަރުވާއެއް އީޖާދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ