ޓީ20 ވޯލްޑް ކަޕްގައި ބަންގްލަދޭޝްގެ ބަދަލުގައި ސްކޮޓްލެންޑަށް ފުރުސަތު ދޭ ވާހަކަތަކެއް ޓީ20 ވޯލްޑް ކަޕްގައި ބަންގްލަދޭޝްގެ ބަދަލުގައި ސްކޮޓްލެންޑަށް ފުރުސަތު ދޭ ވާހަކަތަކެއް

ޑާކާ، ބަންގްލަދޭޝް (ޖެނުއަރީ 20) - އަންނަ މަހު ސްރީ ލަންކާ އާއި އިންޑިއާގައި ކުޅެން ނިންމާފައިވާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕުން ބަންގްލަދޭޝްގެ ބަދަލުގައި ސްކޮޓްލެންޑަށް ފުރުސަތު ދޭން އުޅޭ ކަމުގެ ވާހަކަތަކެއް މީޑިއާގައި ދެކެވެން ފަށައިފި އެވެ.
އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ. އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ. ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އަށް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުން އަންނަނީ އެ ގައުމުގެ މެޗުތައް ލަންކާ އަށް ބަދަލުކުރަން އަދިވެސް މަސައްކަތް ކުރަމުންނެވެ. އިންޑިއާގައި ކުޅޭ ގޮތަށް އޮތްއޮތުން ބަދަލުނުވެއްޖެނަމަ، ބަންގްލަދޭޝް އިން މުބާރާތުން ވަކިވުމުގެ ފުރުސަތު އޮތްއިރު، އެ ޓީމުން މުބާރާތުން ވަކިވެއްޖެ ހާލަތެއްގައި، ސްކޮޓްލެންޑަށް އެ ފުރުސަތު ދިނުމުގެ ވާހަކަތައް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ބަންގްލަދޭޝާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެެވެ.
އިންޑިއާ އާއި ގައުމުތަކާ އޮތް ސިޔާސީ ގުޅުމުގެ އަސަރު ކްރިކެޓް ވޯލްޑް ކަޕަށް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ. ބަންގްލަދޭޝްގެ އިތުރުން، އެހެން ޓީމުތަކުން ވެސް މި ވަގުތު އަންނަނީ އިންޑިއާގެ ޝަކުވާތައް އައިސީސީ އަށް ހުށަހަޅަމުންނެވެ. އެ ގޮތުން، ކްރިކެޓް ވޯލްޑް ކަޕްގައި ކުޅޭ އެމެރިކާ ޓީމުގައި ހިމެނޭ، ޕާކިސްތާނަށް އުފަން ހަތަރު ކުޅުންތެރިއަކަށް އިންޑިއާ އިން ވިސާ ނުދޭން އުޅޭ މައްސަލަ ފެންމަތިވެފައިވާއިރު، އިތުރު ހަ ގައުމެއްގައި، ޕާކިސްތާނަށް އުފަން 15 އަށް ވުރެން ގިނަ ކުޅުންތެރިން އެބަތިބި އެވެ. އަދި، އެ ކުޅުންތެރިންނަށް ވެސް ވިސާ ލިބުމުގެ ދަތިތަކެއް ހުރި ކަމުގެ ޝަކުވާ އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ