ނޯޔާ އަށް 40 އަހަރު ވިޔަސް ބަޔާނުން އިތުރު ކޮންޓްރެކްޓެއް ދިނުމުގެ ފުރުސަތު އެބައޮތް ނޯޔާ އަށް 40 އަހަރު ވިޔަސް ބަޔާނުން އިތުރު ކޮންޓްރެކްޓެއް ދިނުމުގެ ފުރުސަތު އެބައޮތް

މިއުނިކް (ޖެނުއަރީ 20) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ގޯލްކީޕަރު، މެނުއަލް ނޯޔާ އަށް މި އަހަރު 40 އަހަރު ފުރުނު ކަމުގައި ވިޔަސް ބަޔާން މިއުނިކުން އޭނާ އަށް އިތުރު ކޮންޓްރެކްޓެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކްލަބްގެ ސްޕޯޓްސް ޗީފް، މެކް އެބާލް ބުނެފި އެވެ.
އަންނަ މާޗް މަހު ނޯޔާ އަށް 40 އަހަރު ފުރޭއިރު، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރި އެވެ. އޭނާ ޖަރުމަނު ގައުމީ ޓީމަށް ކުޅެދިން ފަހު މެޗަކީ، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗުގަ އެވެ. ނޯޔާ، ޖަރުމަނު ޓީމުގެ ކެރިއަރަށް ނިމުން ގެނައީ، 124 މެޗު ކުޅެދިނުމަށް ފަހު އެވެ.
އިޓަލީގެ ލެޖެންޑަރީ ކީޕަރު، ޖިއަންލުއީޖީ ބުފޮން ދެކޭގޮތުގައި، މި ޖީލުގެ އެންމެ މޮޅު ގޯލްކީޕަރު، ނޯޔާ، ކްލަބް ކެރިއަރު ނިމުމަކަށް ގެންނާނެ ވަކި ދުވަަހެއް އިއުލާނުކޮށްފައިނުވާއިރު، އެބާލް ބުނީ، ނޯޔާ މި ވަގުތު ހުރީ ވެސް އެންމެ މަތީ ފޯމުގައި ކަމަށެވެ.
"ވަގުތެއް އަންނާނެ އޭނަ (ނޯޔާ)ގެ ހަށިގަނޑު ޕްރޮފެޝަނަލް ފުޓްބޯޅައިގައި ދެން ކުރިއަށް ނުދެވޭނެ. އެކަމަކު، އެއީ މި ވަގުތު އޮތް ހާލަތެއް ނޫން، އަހަރެމެން މި ތިބީ ހަމަޖެހިގެން. ސީޒަން ނިމުނީމަ އަހަރެމެން އޭނަ (ނޯޔާ)އާ ވާހަކަ ދައްކާނަން. ޔަގީނުން ވެސް އެނގޭ ކަމެއް، މި ވަގުތު ވެސް އޭނާ ހުރީ އެންމެ މަތީ ލެވަލްގައި،" އެބާލް ބުންޏެވެ.
ހަމުގެ ކެންސަރަށް ތިން ފަހަރު ފަރުވާ ހޯދި ނޯޔާ އަށް މިދިޔަ އަހަރުތަކުގައި އެކި އަނިޔާގެ މައްސަލަތައް ވެސް ދިމާވި އެވެ. ގައުމީ ޓީމުން ރިޓަޔާކުރުމަށް ފަހު، ނޯޔާގެ ފޯކަސް ކްލަބް ކެރިއަރަށް ހުރިއިރު، ބަޔާނަށް ކުޅެދިން 584 މެޗުގައި އޭނާ ވަނީ ދެ ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން 12 ފަހަރު ޖަރުމަނު ލީގު ތަށި ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ