ބެކަމްގެ ދޮށީ ދަރި ބުނީ އާއިލާއާ އެކު އަލުން ގުޅެން ބޭނުމެއް ނޫނޭ
ނޫސްތަކުގެ ޒަރީއާއިން މައިންބަފައިން "ހަމަލާދެމުންދާ" ކަމަށް ތުހުމަތުކޮށް، އާއިލާއާ އެކު އަލުން ގުޅުން ބަދަހިކުރަން ބޭނުންނުވާ ކަމަށް މަޝްހޫރު އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ދޮށީ ދަރިފުޅު ބްރުކްލިން ބެކަމް ބުނެފިއެވެ. ޑޭވިޑް ބެކަމްއާއި އަންހެނުން ވިކްޓޯރިއާ ބެކަމްގެ ދޮށީ ދަރިފުޅު ތުހުމަތުކުރި ގޮތުގައި، އޭނާގެ މައިންބަފައިން ދަނީ އަންހެނުން ނިކޮލާ ޕެލްޓްޒް ބެކަމްއާއެކު އޮތް ގުޅުން ހަލާކުކޮށްލުމަށް މެދުނުކެނޑި މަސައްކަތްކުރަމުންނެވެ. އަދި، އަމިއްލަ އަބުރު ރައްކާތެރި ކުރުމަށްޓަކައި މީޑިއާތަކަށް "ދޮގު މައުލޫމާތު" ފަތުރަމުންދާ ކަމަށް ވެސް ބްރުކްލިން މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ބަޔާންކޮށްފައެވެ. މި މަޝްހޫރު އާއިލާގެ ތެރޭގައި މައްސަލަތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް މަސްތަކެއް ވެފައިވާއިރު، ބްރުކްލިން ބުނީ މިކަން ސިއްރުކުރަން އޭނާ މަސައްކަތްކުރި ނަމަވެސް، ހަގީގަތް ހާމަކުރުމަށްޓަކައި ވާހަކަދެއްކުން ނޫން ގޮތެއް މިހާރު ނެތް ކަމަށެވެ. ބްރުކްލިންގެ ދެމަފިރިންގެ ވިކްޓޯރިއާ އާއި ބެކަމް އަދި ކޮއްކޮ ހާޕާއާ އެކު--ފޮޓޯ/ބީބީސީ ބީބީސީން މިކަމާ ގުޅޭގޮތުން ޑޭވިޑް ބެކަމްއާއި ލޭޑީ ބެކަމްގެ ފަރާތުން ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން އެ އާއިލާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. "އަހަރެން އަހަރުތަކެއް ވަންދެން ހަނުހުރެ، މި ކަންކަމަކީ އަމިއްލަ ކަންތައްތަކެއްގެ ގޮތުގައި ބެހެއްޓޭތޯ ވަރަށް މަސައްކަތްކުރިން،" އިންސްޓަގްރާމްގައި 16 މިލިއަން ފޮލޯވަރުން ތިބި 26 އަހަރުގެ ބްރުކްލިން ލިޔެފައިވެއެވެ. "ނަމަވެސް، ހިތާމައަކީ އަހަރެންގެ މައިންބަފައިންނާއި އެ މީހުންގެ ޓީމުން މީޑިއާތަކަށް މައުލޫމާތު ދެމުންދާތީ، މި ފެތުރިފައިވާ ދޮގުތަކުގެ ހަގީގަތް ހާމަކުރުމަށްޓަކައި އަހަރެންގެ ފަރާތުން ވާހަކަދެއްކުން ނޫން އިތުރު ގޮތެއް މިހާރު ނެތް،" "އަހަރެން އާއިލާއާ އެކު އަލުން ގުޅުން ބަދަހިކުރާކަށް ބޭނުމެއް ނޫން. އަހަރެން މިއީ އެހެން މީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުރި މީހެއް ނޫން. މިއީ އަހަރެންގެ ހަޔާތުގައި އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވި ފުރަތަމަ ފަހަރު،" ބްރުކްލިން އަންހެނުން ނިކޯލާއާ އެކު--ފޮޓޯ/ދަވެޑް ބެކަމްގެ އާއިލާއިން ކުށެއް ނެތް އެތައް ބައެއްގެ އަގުވައްޓާލުމަށް މީޑިއާތަކަށް ގުނާ އަދަދު ނުކުރެވޭހާ ގިނަ ދޮގު މައުލޫމާތުތައް މީގެ ކުރިން ވެސް ފޯރުކޮށްދީފައިވާ ކަމަށާއި އެކަން އަމިއްލަ ލޮލުން ފެނިފައިވާ ކަމަށާއި ނަމަވެސް އެފަދަ ކަންކަން ކޮންމެ ވެސް ދުވަހަކުން ފަޅާއަރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ބްރުކްލިން ވަނީ ބުނެފައެވެ. ހަމައެއާއެކު މައިންބަފައިން އެ މީހުންގެ 'އިމޭޖް' ރައްކާތެރި ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބްރުކްލިން ވަނީ ބުނެފައެވެ. ބްރުކްލިންގެ ބަޔާނުގައި ހާމަކުރި ގޮތުގައި އޭނާގެ އާއިލާއާ އެކު އެކުވެރިކަން ގާއިމުކޮށް އުޅެން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އަމިއްލަ އާއިލާއިން ބްރުކްލިންގެ އަންހެނުން ނިކޯލާއަށް އިހުތިރާމު ކުޑަ ކުރެއެވެ. ނިކޯލާއަކީ އެމެރިކާގެ މަޝްހޫރު ބިލިއަނަރު ނެލްސަން ޕެލްޓްޒްގެ ދަރިފުޅު އަދި ހޮލީވުޑް ފިލްމުތަކުން ވެސް ފެނިފައިވާ ޒުވާނެކެވެ. ނިކޯލާއާ ލޯބީގެ ގޮތުން ގުޅި ކައިވެނިކުރަން ނިންމި ހިސާބުން އެ ދެ މީހުންގެ ގުޅުން ހަލާކުކޮށްލަން މައިންބަފައިން، ޚާއްސަކޮށް މަންމަ ވިކްޓޯރިއާ ވަރަށް މަސައްކަތްކުރި ކަމަށް ބްރުކްލިންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެގޮތުން، ބްރުކްލިން ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނުން އަލުން އާއިލީ އެކި ހަފުލާތަކާއި ޕާޓީތަކަށް މަންމަ ގެންނަ ކަމަށް ބްރުކްލިން ވަނީ ބުނެފައެވެ. ބްރުކްލިންގެ ކައިވެނީގައި އަންހެނުން ނިކޯލާ ލާން ބޭނުންވީ ވިކްޓޯރިއާގެ ހެދުމެއް ކަމަށާއި ނިކޯލާގެ ކައިވެނީގެ ހެދުން ފަހައިދޭން އެއްބަސްވުމަށް ފަހު، އެންމެ ފަހު ވަގުތު މަންމަ އެކަން ކެންސަލްކުރި ކަމަށް ވެސް ބްރުކްލިން ވަނީ ތުހުމަތުކޮށްފައެވެ. އެންމެ ފަހުން ކައިވެނިކުރަން 11 ގަޑިއިރަށްވެފައި ހުއްޓާ ނިކޯލާއަށާއި ބްރުކްލިންއަށް ޖެހުނީ ކައިވެނީގެ ހެދުމެއް ހޯދުމުގެ މަސައްކަތްކުރަން ކަމަށް ބްރުކްލިންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެ ދުވަސްވަރު ފެތުރުނު ރިޕޯޓްތައް ބުނާ ގޮތުގައި، މިހާރު އުމުރުން 31 އަހަރުގެ ނިކޯލާ، ވިކްޓޯރިއާ ބެކަމްގެ ޑިޒައިނެއް ލާން އިންކާރުކުރީއެވެ. ނަމަވެސް، ފަހުން 'ޓައިމްސް'އަށް ދިން އިންޓަވިއުއެއްގައި ނިކޯލާ ވަނީ އެ މީހުންގެ މެދުގައި މައްސަލައެއް އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މައިދައިތައަށް އެ ހެދުން ގަޑިއަށް ނިންމާ ނުލެވޭނެކަން އެނގުމުން އެކަން އެންގީއެވެ. މީގެ އިތުރުން، ކައިވެނީގެ ފުރަތަމަ ނެށުން (ފަސްޓް ޑާންސް) ވެސް އޭނާގެ މަންމަ 'ހައިޖެކް' ކުރި ކަމަށް ބްރުކްލިން ވަނީ ތުހުމަތުކޮށްފައެވެ. ބްރުކްލިންގެ ކައިވެނީގެ ދުވަސް ބޭނުންވީ ވަރަށް ފޮނި ހަނދާންތަކެއްގެ ގޮތުގައި ރައްކާކުރުމަށް ނަމަވެސް މައިންބަފައިންގެ ސަބަބުން އެ ދުވަސްވީ އޭނާއަށް ލަދުވެތިކަމާއި ފުރައްސާރަތަކެއް ކުރިމަތިވި ދުވަހެއްގެ ގޮތުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންވެ، މިދިޔަ އަހަރު އަލިން ކައިވެނީގެ ކުޑަ ރަސްމިއްޔާތެއް ނިކޯލާއާ އެކު ބޭއްވީ ފޮނި ހަނދާންތަކެއް އަލުން ރައްކާކުރުމުގެ ބޭނުމުގައި ކަމަށް ބްރުކްލިން ވަނީ ބުނެފައެވެ. ބްރުކްލިން އިތުރަށް ތުހުމަތުކުރި ގޮތުގައި، ކައިވެނީގެ ރަސްމިއްޔާތުގެ ހަފުތާތަކެއް ކުރިން އޭނާގެ ނަމުގައިވާ މުދާތައް ދޫކޮށްލުމަށް ސޮއިކުރުމަށް މައިންބަފައިން ތަކުރާރުކޮށް ޕްރެޝަރުކޮށް، ރިޝްވަތު ދޭން ވެސް މަސައްކަތްކުރިއެވެ. ނަމަވެސް، އެއީ ކޮންކަހަލަ މުދާތަކެއް ކަމެއް ބްރުކްލިން ބަޔާންކޮށްފައެއް ނުވެއެވެ. އޭނާ ބުނި ގޮތުގައި، އެ ކަމަށް އެއްބަސްނުވުމުގެ ސަބަބުން އޭނާއަށް އާއިލާގެ ފަރާތުން ލިބެންޖެހޭ ފައިސާއަށް އަސަރުކުރި ކަމަށާއި އޭގެ ފަހުން މައިންބަފައިން އޭނާއާ މެދު އަމަލުކުރާ ގޮތް މުޅިން ބަދަލުވެފައިވާ ކަމަށެވެ. މިދިޔަ އަހަރު ފާހަގަކުރި ޑޭވިޑް ބެކަމްގެ 50 ވަނަ އުފަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ބްރުކްލިންގެ ދެމަފިރިން އެމެރިކާއިން ލަންޑަނަށް ދަތުރުކުރި ކަމަށް ވެސް ބްރުކްލިން ވަނީ ބުނެފައެވެ. ނަމަވެސް، އެ ހަފުލާގައި ބައިވެރިވުމުގެ ހުއްދަ ހަފުތާއެއްވީއިރު ވެސް އެ މީހުންނަށް ނުދޭ ކަމަށާއި އެންމެ ފަހު ވަގުތު މައިންބަފައިން ޝަރުތުކުރީ އަންހެނުން ނިކޯލާ އެ ރަސްމިއްޔާތަށް ނުގެނައުމަށް ކަމަށް ބްރުކްލިން ވަނީ ބުނެފައެވެ. ބްރުކްލިންގެ އާއިލާއަށް މުހިއްމީ 'ބެކަމް'، އެ ބްރޭންޑް ކަމަށާއި އާއިލީ ގުޅުންތަކާއި ލޯބި އަންނަނީ އެއަށް ފަހު ކަމަށް އޭނާ ވަނީ ބުނެފައެވެ. ހަމައެއާއެކު އާއިލާ ދެކެ ލޯބިވާ މިންވަރު ވެސް ބަލައިގަންނަނީ އެ މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ އަދަދު ބެލުމަށް ފަހު ކަމަށް ބްރުކްލިން ވަނީ ބުނެފައެވެ. އޭނާގެ ދިރިއުޅުމުގެ ބޮޑު ބައެއް އާއިލާއިން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އައި ކަމަށާއި ބޮޑުވަމުން އައީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައި ކަމަށް ބްރުކްލިން ވަނީ ބުނެފައެވެ. އެކަމުން މިންޖުވެ، އަމާން އޮމާން ދިރިއުޅުމެއް ފެށުނީ ނިކޯލާއާ ކައިވެނިކޮށް ވަކިން ދިރިއުޅެން ފެށުމުން ކަމަށް ބްރުކްލިން ވަނީ ބުނެފައެވެ. ބެކަމްގެ އާއިލާއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ބްރުކްލިންގެ ދެމަފިރިންނާ ގުޅޭގޮތުން ވާހަކަދައްކަމުން އަންނާތީ އޭނާ ވަނީ ކޯޓު އޯޑަރެއް ވެސް މައިންބަފައިންނާ ދެކޮޅަށް ނެރެފައެވެ. އެ ޤާނޫނީ ނޯޓިސްގައި ބުނެފައިވަނީ މީގެ ފަހުން އޭނާއާ ކުރާ އެންމެހައި މުއާމަލާތްތަކެއް ކުރިއަށް ގެންދަން ޖެހޭނީ ގާނޫނީ ވަކީލުން މެދުވެރިކޮށް ކަމަށެވެ. މިއިން އެއްވެސް ކަމަކާ ގުޅޭގޮތުން މިހާތަނަށް ބެކަމްގެ އާއިލާއިން ވަކި އެއްޗެއް ބުނެފައިނުވާއިރު، އެ އާއިލާއާ މެދު އާއްމުން ދެކޭގޮތް މުޅިން މިހާރު ވަނީ ބަދަލުވެފައެވެ. އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އެ ޓީމުގެ ކެޕްޓަންކަމުގެ މަގާމު ވެސް ފުރާފައިވާ ޑޭވިޑާއި ވިކްޓޯރިއާގެ ކައިވެންޏަށް ހަތަރު ކުދިން ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ