ދައުލަތުގެ އާމްދަނީ އިތުރުވެ، ޖުމްލަ ހަރަދުތައް ކުޑަވުމާ ގުޅިގެން މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓް، އޭގެ ކުރީ އަހަރާ އަޅާބަލާއިރު %73.5 ދަށްވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް އިއްޔެ އާންމުކޮށްފަ އެވެ.
ތަފްސީލް - އެ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފަ އެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ލިބުނު އާމްދަނީ:
އާމްދަނީގެ ގޮތުގައި ޖުމްލަ 39.6 ބިލިއަން ރުފިޔާ؛ 2024 ވަނަ އަހަރު ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %12.9ގެ ކުރިއެރުމެއް
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ވުރެ 415.2 މިލިއަން ރުފިޔާ މަދު
ޓެކްސް އާއި ޓެކްސް ނޫން އާމްދަނީ ވަނީ ބަޖެޓުގެ އަންދާޒާތަކަށް ވުރެ %5.5 އިތުރުވެފައި
ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަކުން ނަގާ ޓީޖީއެސްޓީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބުނު؛ ކުރީ އަހަރަށް ވުރެ %15.2 އިތުރު
ބޭރު ފައިސާގެ އާމްދަނީ 1.2 ބިލިއަން ޑޮލަރަށް އެރި
މިދިޔަ އަހަރުގެ ނިޔަލަށް ޖުމްލަ ހަރަދު ހުރީ، ރިޕޯޓުގައިވާ ގޮތުން، 43.1 ބިލިއަން ރުފިޔާގަ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު %10.6 ދަށްވުމެކެވެ. އެގޮތުން:
ރިކަރަންޓް ހަރަދު 36.3 ބިލިއަން ރުފިޔާއަށް އިތުރުވި؛ މިނިސްޓްރީން ބުނި ގޮތުގައި، މައިގަނޑު ސަބަބަކީ މިދިޔަ ނޮވެމްބަރުގައި އަމަލުކުރަން ފެށި މުސާރަ އެއްހަމަކުރުމުގެ ސިޔާސަތު
ކެޕިޓަލް ހަރަދަށް ހޭދަވީ 6.8 ބިލިއަން ރުފިޔާ؛ ކުރީ އަހަރާ އަޅާބަލާއިރު %48.8 ދަށް
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ އަހަރު ނިމުނީ ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ބެލެންސް ސާޕްލަސްއެއްގަ އެވެ. އެގޮތުން:
2024ގައި 8.4 ބިލިއަން ރުފިޔާއިން ޕްރައިމަރީ ބެލެންސް ޑެފިސިޓްވި
މިދިޔަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި
އޯވަރޯލް ޑެފިސިޓް ވަނީ 13.1 ބިލިއަން ރުފިޔާއިން 3.5 ބިލިއަން ރުފިޔާއަށް ކުޑަވެފައި
ދައުލަތުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އަށް ޖަމާކުރި ފައިސާގެ މިންވަރު މިދިޔަ އަހަރު ވަނީ %91.2 އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ އަހަރު އެ ފަންޑަށް 2.7 ބިލިއަން ރުފިޔާ ޖަމާކުރި އެވެ.
މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓް %73.5 ދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ