މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީއަށް ޖެހި އަދަދުގެ 33 ޕަސެންޓު ނުލިބޭ!
އިމްޕޯޓު ޑިއުޓީގެ ގޮތުގައި ނިމުނު 2025 ވަނަ އަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރި އަދަދުގެ 33 ޕަސެންޓު ނުލިބޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ހިސާބުކުރިއެވެ. އެކަމަކު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ އަދަދު، އަންދާޒާއާ ގާތް ވެސް ނުކުރެއެވެ. އެ ގޮތުން، މިދިޔަ އަހަރު ނިމުންއިރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ 3.08 ބިލިއަން ރުފިޔާއެވެ. އެއީ، ހިސާބުކުރި އަދަދުގެ 67 ޕަސެންޓެވެ. އެހެންވެ، ބާކީ 33 ޕަސެންޓެއް ނުލިބުނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ފެށުނީއްސުރެ އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ ހުރީ ވަރަށް ދަށްކޮށެވެ. އެއީ ކީއްވެތޯ މީގެ ކުރިން ނޫސްވެރިން ސުވާލުކުރުމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ކަމަށް ސީދާ ޖަވާބެއް ނުދެއްވައެވެ. އޭރު ވިދާޅުވީ، ނަންބަރުތައް ބަލާލަން ޖެހޭނެ ކަމަށެވެ. އެހެންވިޔަސް އެއީ ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. https://sun.mv/215843 އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބައެއް މެންބަރުން ވަނީ އިމްޕޯޓު ޑިއުޓީ އެހާ ބޮޑަށް ދަށްވީ ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ އެކު ކަމަށް ވިދާޅުވެފައެވެ. ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއާ ހަމައަށް އުފުލުމާ އެކު ސިނގިރޭޓުގެ ކަޅު ބާޒާރެއް ވަނީ އުފެދިފައެވެ. އަދި، ވަގަށް ސިނގިރޭޓު އެތެރެކުރާ މިންވަރު އިތުރުވެއްޖެއެވެ. އެހެންވެ، ބާޒާރުގައި ވަގު ސިނގިރޭޓު އަންނަނީ ފުޅާ ދާއިރާއެއްގައި ވިއްކަމުންނެވެ. އެ ފަދަ ބައެއް ޝިޕްމަންޓުތައް އަތުލައިގެން ނަމަވެސް ބާޒާރުގައި އަބަދު ވެސް 'ވަގު' ސިނގިރޭޓު ވިއްކައެވެ. އެހެންވެ، ސައީދު ފަހުން ވަނީ އިމްޕޯޓު ޑިއުޓީން މަދުވި ފައިސާއަށްވުރެ ސިނގިރޭޓު އަގު ބޮޑުކުރުމުން ނުކުންނާނެ ސިއްހީ ފައިދާ ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/215878 އިމްޕޯޓު ޑިއުޓީ ދަށްވެފައިވާއިރު މަޝްރޫއުތައް ނުހިނގާކަމުގެ ކަންބޮޑުވުން ވެސް ބޮޑެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އިމްޕޯޓު ޑިއުޓީ ދަށްވީ ހަމައެކަނި ސިނގިރޭޓުގެ ސަބަބުން ނޫން ކަމަށާއި އިގުތިސާދީ އެއްވެސް މަޝްރޫއެއް ނުހިނގާތީ ކަމަށް ވިދާޅުވެފައެވެ. ފިނޭންސްގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު މަޝްރޫއުތަކަށް ޚަރަދުކުރީ 8.6 ބިލިއަން ރުފިޔާއެވެ. އެއީ، މަޝްރޫއުތަކަށް ޚަރަދުކުރަން ބަޖެޓުކުރި 12 ބިލިއަނަށްވުރެ ހަތަރު ބިލިއަނެއްހާ ރުފިޔާ ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ