ޢަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރަށް ރައީސަކު ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަކީ ދިމިޤްރާތީ ހަމަތަކާ ޚިލާފު، ޚުދުމުޚްތާރު އުސޫލުން ބާއްވާ އިންތިޚާބެއް ކަމަށް ބުނެ، އެ އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ އިކްރާމް ޢަބްދުއްސައްތާރު އިންތިޚާބު ބޮއިކޮޓް ކުރައްވައިފިއެވެ.
މި މަހުގެ 31 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުން ވަކިވެވަޑައިގަތުމަށް ނިންމެވިކަން އިޢުލާން ކުރައްވަމުން އިކްރާމް ވިދާޅުވީ، އިންތިޚާބުގެ ކަންކަން ރާވާފައިވަނީ ދެފުށް ފެންނަ ޢަދުލުވެރި އުސޫލުތަކާ ޚިލާފަށް، ވަކި ނަތީޖާއެއް ނެރުމަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
އިކްރާމް ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި، ޕާޓީގެ އާންމު މެންބަރުންނަށް ވޯޓުފޮށި ބަހައްޓައިގެން ވޯޓުލުމުގެ ފުރުސަތު ނުދިނުމާއި، ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ވޯޓާސް ލިސްޓް ވެރިފައި ކުރުމުގެ ފުރުސަތު ޕާޓީގެ އިދާރާއިން ބަންދުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، ޕާޓީގެ ގޮފިތަކާއި ދާއިރާތަކަށް މީހުން އައްޔަން ކުރުމުގައި އުސޫލުތަކާ ޚިލާފަށް، މިހާރުގެ ނައިބު ރައީސުން ކަމަށްވާ މުޙައްމަދު ޝިފާން އާއި ޢަބްދުالله ރަޝީދު ބޭނުންވާ ބަޔަކު އިންތިޚާބަކާ ނުލައި މަގާމުތަކަށް އިސްކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
އިންތިޚާބުގެ އިތުބާރާ ގުޅޭގޮތުން އިކްރާމް އިތުރަށް ވިދާޅުވީ، ވޯޓުލުމަށް ބޭނުންކުރާ މޯބައިލް އެޕްލިކޭޝަނަކީ ޕާޓީގެ އޮފީހުގައި ތިބެގެން ސިސްޓަމްގެ ތެރެއިން ވޯޓަށް ބަދަލު ގެނެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއްކަން އައި.ސީ.ޓީ ތަޖުރިބާކާރުންގެ ދިރާސާއިން އެނގިފައިވާ ކަމަށެވެ.
އަދި މި މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން އެންގި އެންގުމަށްވެސް ޕާޓީގެ އިދާރާއިން ބޯލަނބާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ދުނިޔޭގެ ޚުދުމުޚްތާރު ޑިކްޓޭޓަރޝިޕްތަކުގައި މީޑިއާއަށް ދެއްކުމަށް ބާއްވާ ފަދަ ކުޅިވަރެއް ކަމަށް ގަބޫލުކުރެވޭތީ، އަޅުގަނޑާއި އަޅުގަނޑުގެ ރަނިންގމޭޓްގެ ނަން އިންތިޚާބުން ނެގުމަށް ވަނީ ނިންމާފައި،" އިކްރާމް ވިދާޅުވިއެވެ.
އިކްރާމް ވަނީ އޭނާއަށް ތާއީދުކުރެއްވި މެންބަރުންނަށާއި، ކެމްޕެއިން ޓީމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ރާއްޖޭގެ މީޑިއާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، ނޫސްވެރިންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޢަދާލަތު ޕާޓީގެ އިންތިޚާބު އިންސާފުވެރި ނޫންކަމަށް ބުނެ އިކްރާމް އިންތިޚާބު ބޮއިކޮޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ