ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާކުރާ ޢަމަލަށް އެންމެ ގިން ޘަވާބުލިބުމެވެ. އެޢަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުކަމުގައި ވުމަށެވެ. އެހެންކަމުން މިގެނެސްދެނީ މަތިވެރިވެގެންވާ އަޖުރު ލިބެނިވި 3 ޢަމަލެކެވެ.
މީސްތަކުންނަށް މާފުކުރުން
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ﴾ [سورة الشورى 40]
މާނަ: "ފަހެ، (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫކޮށް، ޞުލްޙަވެރިވެގަތްމީހާގެ އަޖުރުވަނީ ﷲ ގެ ޙަޟްރަތުގައެވެ."
ކެތްތެރިވުން
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾ [سورة الزمر 10]
މާނަ: "ކެތްތެރިންނަށް އެބައިމީހުންގެ އަޖުރު ދެއްވާހުށިކަން ކަށަވަރީ ޙިސާބެއް ނެތިއެވެ."
ރޯދަހިފުން
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«قَالَ اللَّهُ: كُلُّ عَمَلِ ابْنِ آدَمَ لَهُ، إِلَّا الصِّيَامَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ» [رواه البخاري برقم: 1904، ومسلم برقم: 163 – (1151)]
މާނައީ: "ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާ ކުރާ ކޮންމެ ޢަމަލެއްވެސްވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ފަހެ، ހަމަކަށަވަރުން އެރޯދަވަނީ ތިމަންއިލާހަށެވެ. އަދި އެރޯދައަށް ޖަޒާދެއްވާނީވެސް ތިމަންއިލާހީމެވެ."
– މިއީ ﷲ ގެ ޙަޟްރަތުން މަތިވެރި އަޖުރު ލިބޭނެކަން ޤުރުއާނާ ސުންނަތުން ޘާބިތުވާ ޢަމަލުތަކެކެވެ. އަދި އިސްވެ ދިޔަ ދަލީލުތަކަކީ މިޢަމަލުތަކުގެ މަތިވެރިކަން ހާމަކޮށްދޭ ޞައްޙަ ނައްޞުތަކެކެވެ.
– މިޢަމަލުތަކަކީ މީޒާނުގައި ނުކިރޭނެ ޢަމަލުތަކެއް ކަމަށްވެސް ބައެއް ޢަރަބި ލިޔުންތަކުގައި ބަޔާންކޮށްފައި ހުރެއެވެ. އަދި އެކަމާ ބެހޭގޮތުން ޙަދީޘެއްވެސް ޛިކުރުކުރެއެވެ. އެހެނަސް އެއީ ޙަދީޘްފޮތްތަކުގައި ވާރިދުވެފައިވާ ޙަދީޘެއް ނޫނެވެ. [1]
– އަދި މިފަދަ ބައެއް ޢަމަލުތަކުގެ އަހުލުވެރިންނަކީ ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނާނެ ބައެއްކަމުގައިވެސް ޞައްޙަ ނޫން ބައެއް ޙަދީޘްގައި ވާރިދުވެފައި ވެއެވެ.
[2]
މިލިޔުމުގައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްއަކީ މިޢަމަލުތަކުގެ މަތިވެރިކަމަށް ދަލާލަތު ކުރާ ޞައްޙަ ނައްޞުތަކެކެވެ. އަޅަމެންނީ އެފަދަ މަތިވެރިކަން ޙާޞިލުވާނެ ބައެއްކަމުގައި ލައްވާށި! އާމީން.
- މަސްދަރު: ދިސަލަފިއްޔާ
___________________________________________
[1] ބައްލަވާ: https://dorar.net/fake-hadith/686
[2]ބައްލަވާ: سلسلة الأحاديث الضعيفة للألباني (3 / 438)
ހަނދުމަކޮށްދިނުމެއް!: މަތިވެރިވެގެންވާ އަޖުރު ލިބެނިވި 3 ޢަމަލު-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ